25 Oct 2020, 15:30
ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ރޭ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކަތައް މީޑިއާތަކުން ގެނެސްދީފައި ވަނީ އޮޅުން އަރާ ގޮތަށް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ. އަދި އެކަމުގައި "އޮޅުންއަރާފަދަ ބަހެއް ބުނެވިފައި އޮތް ނަމަ މާފަށް" އެދޭކަމަށް އޭނާ ވިދާޅުވި އެވެ.
ރޭ ދިވެހިރާއްޖޭގެ އަޑުން ފޮނުވި "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އެހުންތެރިޔަކު ފޮނުވި ސުވާލެއްގެ ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެންމެ ފުރަތަމަ ސަފާރީ ކޭސްގެ ވާހަކަ އަޑުއިވުމުން އެހީ ބޮޑު ރޭޕް ކޭސްއެއް ކަމަށް ހީކުރެއްވި ކަމަށެވެ. އެހެން ނަމަވެސް ސަފާރީގައި ހިނގި، "އާންމު ޕަބްލިކް ތަނެއްގައި ހުރެ ވެސް މީހަކު ކޮށްފާނެ ކަހަލަ ކަމެއް" ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަން އާދައިގެ ކަމަކަށް ހަދަލައިގެން އިމްރާން ވާހަކަ ދެއްކެވުމުން އޭނާއަށް ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔުން އަމާޒު ކުރަމުންނެވެ.
އެ ފާޑުކިޔުންތަކާ ގުޅިގެން އިމްރާން މިއަދު ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ، އަންހެނަކަށް ޖިންސީ އަނިޔާއާއި ފުރައްސާރަ ކުރުމަކީ ކުޑަ ކަމެއް ނޫން ކަމަށެވެ. އެއީ ވަރަށް ބޮޑު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑާ ގުޅޭގޮތުން މީޑިއާގައި ފަތުރާފައިވާ ބައެއް ވާހަކަތަކުން އަޅުގަނޑު ބުނި އެއްޗެއްގެ ހަގީގަތް އޮޅޭ. އަޅުގަނޑު އެދެނީ ހުރިހާ ދިވެހި ނޫސްވެރިންވެސް މަސައްކަތުގައި ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުން،" އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ، އެވާހަކަތަކުން ގޯސް މާނައެއް އެއްވެސް ފަރާތަކަށް ދޭހަވާނަމަ، އެއީ އެވާހަކަ ދެއްކުމުގެ މަގްސަދު ނޫން ކަމަށެވެ.
"އަދި އޮޅުންއަރާފަދަ ބަހެއް ބުނެވިފައި އޮތް ނަމަ މާފަށް އެދެން،" އިމްރާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކެންޔާ މީހާ ރޭޕް ކުރި ކަމަށް ބުނެ އާންމުންގެ ތެރޭ ވާހަކަ ދެކެވެނީ އެ ކަން ހިނގައި ދިޔަ ގޮތަށްވުރެ ބޮޑުކޮށްލައިގެން ކަމަށެވެ. އެމައްސަލައިގައި ފުލުުހުންގެ ތަހުގީގުގައި އުސޫލީ މައްސަލަތަކެއް ހުރެދާނެ ކަމަށާއި އެހެން ނަމަވެސް އެއީ ރޭޕް ކޭސްއެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަމަ ތެދެއް މި ދެންނެވީ އަޅުގަނޑުވެސް އެ ވާހަކަ އަޑުއެހީމާ، އެ ވާހަކަ ފެތުރިގެން އައީމާ އަޅުގަނޑަށް ވެސް ތަސައްވަރު ކުރެވުނީ ހަމަ ވަރަށް ބޮޑު ރޭޕް ކޭސް އެކޭ މިއީ. އެހެންނަމަވެސް އެ މައްސަލަ ގާތުން ބަލާލީމާ [އެނގޭ އެހެން ނޫންކަން.] އަޅުގަނޑަށް ދެން މިކަހަލަ ތަނެއްގައި އެހާ ފަސޭހައެއް ނޫން އެ ހިނގާފައި އޮތް ކަންތައް ނުވަތަ އެ އިބާރާތް ބޭނުން ކުރާކަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.
"އެހެން ނަމަވެސް އަޅުގަނޑަށް ދަންނަވަން ކެރިދާނެ އާންމު ޕަބްލިކް ތަނެއްގައިވެސް ހުރެފައިވެސް ބަޔެއްގެ ތެރޭގައި ހުރެފައިވެސް މިީހަކަށް ކޮށްލެވިދާނެ ވަރުގެ ކަމެއްގެ ވާހަކަ އެއީ. އަދި ކުރީމަ ކަމެއް ކުރިކަންވެސް ނެނގޭ ވަރުގެ ކަމެއް ހިނގާފައި އޮތީ،"
އިމްރާންގެ އެ ވާހަތަކާ ގުޅިގެން އެކަން އިންކާރުކޮށް، އެކަން ބަލައިދިނުމަށް ކެންޔާ އަންހެން މިހާ ތަމްސީލު ކުރާ ވަކީލުންގެ ފަރާތުން ވަނީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހަޅާފަ އެވެ. ވަކީލުން ސޮއިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދަށް ފޮނުވި ސިޓީގައި ބުނީ، މައްސަލައިގެ ތަހުގީގު ކުރިއަށްދާ ދަނޑިވަޅެއްގައި، ސަފާރީގައި ހިނގާފައި ވަނީ ވަރަށްވެސް ކުޑަ ކަމެއް ކަމަށް ސިފަކޮށް ފުލުހުންނާ ހަވާލުވެ ހުންނެވި، މިނިސްޓަރު އިމްރާން ދެއްކެވި ވާހަކަތަކަށް ކުށްވެރި ކުރާ ކަމަށެވެ.
އެ މައްސަލައިގައި ދައުވާ އުފުލޭ ވަރަށް ހެކި ކުރި ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފަ އެވެ. އެކަން ހިނގިޔާ ހަތަރު މަހަށްވުރެ ގިނަ ދުވަސްވީއިރު، ތަހުގީގު ނިންމައި، ޕީޖީއަށް ފޮނުވާފައެއް ނުވެ އެވެ. އެ މައްސަލައިގައި އަންހެން މީހާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްކެ ފިރިކަލެއްވެސް ހިމެނެއެވެ. އެ މައްސަލައަށް ސިޔާސީ ނުފޫޒުވަދެ، ފުލުހުން ތަފާތުކޮށް އަމަލު ކުރާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ.