ކިޔަވައިގެން ނުކުންނަ ކުދިންނަށްވުރެ ރާއްޖޭގައި އިތުރުވާ ވަޒީފާތައް މަދު ކަމަށާއި އެކަން ހައްލުކުރަން ވަރަށް ބައިވަރު ކަންކަކަން ކުރަންޖެހިފައިވާ ކަމަށް ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ވަޒީފާއަށް ނުކުތުމުގެ ކުރިން ބޭނުންވާނެ ހުނަރުތައް ދަސްކޮށްދިނުމަށް މެޕްސް ކޮލެޖްއާއި މެޕްސް އިންޓަނޭޝަނަލް ހައި ސްކޫލް ގުޅިގެން ބާއްވާ ކެރިއާ ގައިޑަންސް ޕްރޮގްރާމް ފައްޓަވައިދެއްވުމަށް އެ ކޮލެޖްގައި މިއަދު ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޒުވާނުން ވަޒީފާ ނެތިފައި ތިބޭ ކަމަށް އިޝާރާތް ކުރައްވާ ނައިބު ރައީސް ވިދާޅުވީ ތައުލީމް ހާސިލްކޮށްގެން ސްކޫލްތަކުން ކޮންމެ އަހަރަކު އެތައް ކުދިންނެއް ނުކުންނައިރު އަދާކުރާނެ ގިނަ ވަޒީފާތައް ނުހުންނަ ކަމަށެވެ. އަދި ވިދާޅުވީ އަތޮޅުތަކުގައި އެ ފުރުސަތު ލިބުން ދަތި ކަމަށާއި އޭގެ ސަބަބުން އެތައް ޒުވާނުންނެއް ވަޒީފާއެއް ނެތި ހުސްކޮށް އެބަތިބި ކަމަށެވެ.

މިއަހަރަށް މަތީ ތައުލީމް ހާސިލް ކުރުމަށް ހަޔާ އެޑިއުކޭޝަން ކައުންސިލްއިން ގިނަ ކަންތައްތަކެއް ކުރާނެ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ. އޭގެ ތެރޭގައި ވޭތުވެދި އަހަރުތަކުގެ ތެރޭ އެމެރިކާގެ ޕްރޮފެސަރެއްގެ އެހީގައި ރާއްޖޭގައި މަތީ ތައުލީމް ހާސިލްކުރަން ހުރި ފުރުސަތުތަކާ ބެހޭގޮތުން ދިރާސާއެއް ހަދާފައިވާ ކަމަށާއި އެ ދިރާސާއަށް ބިނާކޮށް ޕޮލިސީއެއް ހަދާ އެޑިއުކޭޝަން މިނިސްޓަރީން ކެބިނެޓަށް ހުށަހަޅައި ފާސްވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އެ ޕޮލިސީގެ ދަށުން މިއަހަރުން ފެށިގެން ސަރުކާރުން ގަސްތުކުރަނީ އިތުރު އެއްހާސް ކުދިންނަށް ވަޒީފާގެ ފުރުސަތު ހޯދައިދޭން މަސައްކަތްކުރުން. އެގޮތުން މިއަހަރުގެ ބަޖެޓްގައި މަތީ ތައުލީމަށް ކުރިން އަހަރުތަކާ ހިލާފަތް އިތުރު ބަޖެޓެއް ހަމަޖެހިފައިވޭ. އަދި މިހާރު ދެމުންދާ އެހީތަކުގެ އިތުރުން އިތުރު އެހީ ލޯނުގެ ސިފައިގައި ވެސް ސްކޮލާޝިޕްގެ ސިފައިގައި ވެސް ގްރާންޓްގެ ސިފައިގައި ވެސް ލިބޭނެ ގޮތް މިއަހަރު ހަމަޖެހިގެންދާނެ." ހަޔާ އެޑިއުކޭޝަން ކައުންސިލްގެ ރައީސްކަން ވެސް ކުރައްވަމުން އަންނަ ޑރ. މުހައްމަދު ވަހީދު ވިދާޅުވި އެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި މެޕްސް ކޮލެޖްގެ ޕްރިންސިޕަލް އާދަމް އާތިފާއި ވައިސް ރެކްޓަރު އަބްދުލް އަޒީޒު ބައިވެރިވެ ވަޑައިގެން ވާހަކަފުޚުއ ދެއްކެވި އެވެ. މެޕްސް ކޮލެޖުން ބުނީ މިއަދު ފެށުނު ކެރިއާ ގައިޑަންސް ޕްރޮގްރާމްގައި 50 ކުދިން ބައިވެރިވާ ކަމަށެވެ.

ލިޔުމާ ގުޅޭ އޯޑިއޯ