25 Oct 2020, 14:33
ސީޝެލްސްގެ ނާއިބު ރައީސްކަމަށް، ދިވެހި ދައުލަތާ ވަކިން ރާއްޖޭގެ އެންމެ ދެކުނުގެ ތިން އަތޮޅުގައި އުފެއްދި ސަރުކާރު، ޔުނައިޓެޑް ސުވައިދީބު ރިޕަބްލިކްގެ ލީޑަރު އަބްދުﷲ އަފީފުގެ ދަރިކަލުން އަހުމަދު އަފީފް އިންތިހާބްވެއްޖެއެވެ.
ސީޝެލްސްގައި މިދިޔަ ބުރާސްފަތިން ހޮނިހިރު ދުވަހަށް ބޭއްވި ރިޔާސީ އިންތިހާބް ކާމިޔާބްކުރެއްވީ އެގައުމުގެ އިދިކޮޅު ލީޑަރު ވަވެލް ރާމްކަލަވަންއެވެ. އެމަނިކުފާނު އިންތިހާބް ކާމިޔާބް ކުރެއްވީ 54.9 ޕަސެންޓް ވޯޓުން މިހާރުގެ ރައީސް ޑެނީ ފައުރޭއާ ވާދަކުރައްވައިގެންނެވެ.
އަފީފް ވާދަކުރެއްވީ ވަވެލްގެ ރަނިން މޭޓްގެ ގޮތުގައެެވެ.
އިންތިހާބީ ރައީސް ވަވެލް އިސްލާހީ ބަދަލުތައް ގެނައުމަށް އެހީތެރިވެ ކުރިއަށް އޮތް ފަސް އަހަރު ސީޝެލްސްއިން އަމާޒު ހިފާފައިވާ ކަންތައްތައްކުރުމަށް އަޅުގަނޑު އެހީތެރިވެދޭނަން" އިންތިހާބްގެ ކުރިން އެގައުމުގެ ނޫހަކަށް ދެއްވާފައިވާ އިންޓަވިއުއެއްގައި އަފީފް ވިދާޅުވިއެވެ.
ދެކުނުގައި އުފެއްދި ވަކި ސަރުކާރު ނިމުމަކަށްއައީ 1963 ވަނަ އަހަރުއެވެ. ވެރިކަން ނިމުމުން އަބްދުﷲ އަފީފް ރާއްޖެ ދޫކުރައްވައި އާއިލާއާއެކު ވަޑައިގެން ދިރިއުޅުއްވީ ސީޝެލްސްގައެވެ. އަފީފް ވަނީ 1993 ވަނަ އަހަރު އަވަހާރަވެފައެވެ. ނާއިބު ރައީސްކަމަށް އިންތިހާބްވި އަހުމަދު އަފީފް އުފަންވެވަޑައިގަތީ ސީޝެލްސްގައެވެ.
އަހުމަދު އަފީފް ވަނީ ސީޝެލްސްގެ ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވައިފައެވެ. އޭގެ ތެރޭގައި ސީޝެލްސްގެ ނޯވޯ ބޭންކް އަދި ސީޝެލްސް ސޭވިން ބޭންކްގެ ޗެއާމަންކަން ކުރައްވާފައި ވެއެވެ.
އަބްދުﷲ އަފީފްގެ އެހެން ދަރިކަލެއް ކަމަށްވާ މުހައްމަދު އަފީފްއަކީވެސް ސީޝެލްސްގެ ސަރުކާރުގައި އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. ރާއްޖެއަށް އުފަންވެވަޑައިގަތް މުހައްމަދު އަފީފް މިހާރުވެސް ދަނީ ސީޝެލްސްގެ ސެކެޓްރީ އޮފް ސްޓޭޓްގެ ފޯ ކެބިނެޓް އެފެއާޒްގެ މަގާމު ފުރުއްވަމުންނެވެ.
އޭނާ މީގެ ކުރިން ވަނީ ރާއްޖޭގެ އިސްވެރިންނާވެސް ބައްދަލުކުރައްވައި ދެގައުމުގެ ގުޅުން ބަދަހިކުރަން ވަނީ މަޝްވަރާކުރައްވައިފައެވެ.