އަންނަ އަހަރަށް ލަފާކޮށް ހުށަހަޅަނީ 35 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަޙްމަދު ސަރުވަޝް އާދަމް ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ގާތްގަނޑަކަށް 35 ބިލިއަން ރުފިޔާގެ ބަޖެޓެއް މި މަހުގެ 31ވަނަ ދުވަހުގެ ކުރިން މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.

ގާނޫނުގައި ބުނާ ގޮތުން ކުރިއަށް އޮންނަ އަހަރަކަށް ލަފާކުރާ ބަޖެޓު ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު 31ވަނަ ދުވަހުގެ ކުރިން މަޖިލީހަށް ހުށަހަޅަން ޖެހޭނެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު އެކުލަވާލުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން މިހާރުވެސް ކުރަމުންދާއިރު، ބަޖެޓާ ގުޅޭ އިތުރު މައުލޫމާތެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

މި ހިނގާ 2020 ވަނަ އަހަރަށް މަޖިލީހުން ފާސްކުރީ 37.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެން ނަމަވެސް ކޮވިޑް19އާ ގުޅިގެން ދައުލަތުގެ އާމްދަނީއަށް ބޮޑު ހީނަރުކަމެއް އައުމާއެކު މިއަހަރަށް ފާސްކުރި ބަޖެޓު ރިވައިސްކުރުމަށްފަހު އަލުން ހުށަހަޅަން ވަނީ ނިންމާފަ އެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުގައި ސަރުވަޝް ވިދާޅުވީ މިއަހަރުގެ ރިވައިސްޑް ބަޖެޓުގެ ގޮތުގައި ހުށަހަޅާނީ 31 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ.