މިދިޔަ ޖޫން މަހު ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އޭނާއާ މެދު އެ އަމަލު ހިންގި ގޮތް ކަމަށް ތަހުގީގުގައި އޭނާ ކިޔައިދީފައިވާ ވާހަކަތަކުގެ ބައެއް ތަފްސީލްތައް ހާމަކޮށްފި އެވެ.

ބަޔާނެއް ނެރެ އޭގެ ބައެއް ވާހަކަތައް އޭނާގެ ވަކީލުންގެ ފަރާތުން މިއަދު ހާމަކޮށްފައި ވަނީ ރޭ، ދިވެހިރާއްޖޭގެ އަޑުން ފޮނުވި ޕްރޮގްރާމެއްގައި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަ ދައްކަވަމުން ސަފާރީގައި ހިނގި ކަންތަކަކީ ބޮޑުކޮށްލައިގެން ދައްކާ ވަރަށް ވުރެ މާ ކުޑަ ކަމެއް ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.

އެ ވާހަކަތަކާ ގުޅިގެން ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ އަންހެން މީހާ ތަމްސީލް ކުރާ ލޯ ފާމް، ރިޒާ އެންޑް ކޯ އިން މަޖިލީހުގެ ރައީސަށް ފޮނުވައި އާންމު ކުރި ސިޓީއެއްގައި ބުނެފައި ވަނީ، ސަފާރީގައި ވިކްޓިމް މަރާލާނެ ކަމަށް ވެސް ބިރު ދައްކައި، ސަފާރީގައި ހުރި ކޮޓަރިއަށް ގަަދަކަމުން ގެންދިޔުމަށް މަސައްކަތް ކޮށްފައިވާކަމަށެވެ.

"މި މައްސަލައިގައި ތަހުގީގަށް މި ފާމްގެ މުވައްކިލު މިހާތަނަށް ދީފައިވާ ބަޔާންތަކުގައިވެސް އެފަރާތް މަރާލާނެ ކަމަށް ބިރު ދައްކައި، އެފަރާތުގެ ޖިންސީ ގުނަވަނުގައި ދަމައި ހިފައިގަނެ، އެފަރާތަށް ޖިންސީ އަނިޔާކުރި ފަރާތުގެ ޖިންސީ ގުނަވަނުގައި ހިފުމަށް އަންގައި،" އެ ސިޓީގައި ބުނެފައިވެ އެވެ.

ރޭގައި މިނިސްޓަރު އިމްރާން ވިދާޅުވީ ސަފާރީގައި ހިނގި އަމަލަކީ އާންމު ޕަބްލިކް ތަނެއްގައިވެސް ހުރެފައި އަދި ބައެއްގެ ތެރޭގައި ހުރެފައިވެސް މީހަކަށް ކޮށްލެވިދާނެ ވަރުގެ ކަމެއް ކަމަށެވެ.

އެ ލޯ ފާމުން އަދި ބުނެފައި ވަނީ އެ މައްސަލައިގެ ތަހުގީގު ހިންގަމުން ގެންދާ އިދާރާއާ ހަވާލުވެ ހުންނެވި ފަރާތުން އެފަދަ މޭރުމަކުން ވާހަކަ ދެއްކެވުމުން ދޭހަވަނީ ކުށްކުރި ފަރާތް މައްސަލައިން ބަރިއްޔަވާން މަސައްކަތް ކުރާ މިންވަރު ކަމަށެވެ. އެހެންކަމުން މައްސަލަ އިންސާފުވެރިކަމާއެކު ކުރިއަށްދާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް މިހާރު ނެތް ކަމަށް ވަކީލުން ވަަނީ ވިދާޅުވެފަ އެވެ.