25 Oct 2020, 11:54
ޚަރުތޫމް (އޮކްޓޯބަރު 25): އިސްރާއީލާ ގުޅުން ގާއިމު ކުރަން ސޫދާނުގެ އިންތިގާލީ ސަރުކާރުން ނިންމި ނިންމުމާ ދެކޮޅު ކަމަށް ސޫދާނުގެ ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.
މި އަހަރު ތެރޭ އިސްރާއީލާ ގުޅުން ގާއިމު ކުރާ ތިން ވަނަ އަރަބި ގައުމަކަށް ވާނީ ސޫދާން ކަން އެ ދެ ގައުމުން އިއުލާން ކުރީ މިދިޔަ ހުކުރު ދުވަހު އެމެރިކާއާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.
އެ ނިންމުމާ ދެކޮޅަށް އިއްޔެ ސޫދާނުގައި މުޒާހަރާތަކެއް ބާއްވާފައިވެ އެވެ. އަދި އެ ނިންމުން ކުށްވެރި ކުރި ފަރާތްތަކުގެ ތެރޭގައި ގައުމުގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ ނެޝަނަލް އުއްމާ ޕާޓީ (އެންޔޫޕީ)، ބާއަތު ޕާޓީ އަދި ޕޮޕިއުލާ ކޮންގްރެސް ޕާޓީ ހިމެނެ އެވެ.
އެންޔޫޕީގެ ރައީސް އަދި ކުރީގެ ބޮޑުވަޒީރު ސާދިގު އަލް މަހުދީ ވިދާޅުވި ގޮތުގައި އިސްރާއީލާ ގުޅުން ބަދަހި ކުރުމަކީ މެދުއިރުމަތީގެ ސުލްހައިގެ މަޝްރޫއަށް އެޅޭ ހުރަހެއްގެ އިތުރުން ހަނގުރާމައަށް މަގުފަހި ކުރުވާ ކަމެކެވެ.
"މިއީ ސޫދާނުގެ ގާނޫނާ ހިލާފުވާ ބަޔާނެއް... އަދި އޭގެ ސަބަބުން މެދުއިރުމަތީގެ ސުލްހައިގެ މަޝްރޫއު ނައްތާލުމަށާއި އާ ހަނގުރާމައެއް ފެށުމަށް މަގުފަހިވޭ،" އަލް މަހުދީ ވިދާޅުވި އެވެ.
ސޫދާނުގައި އިންތިގާލީ ސަރުކާރެއް ގާއިމު ކުރީ 2018 ވަނަ އަހަރާއި މިދިޔަ އަހަރު އެގައުމުގައި ސަރުކާރާ ދެކޮޅަށް ކުރިއަށްގެންދިޔަ މުޒާހަރާތަކުގައި ރައީސް އުމަރުލްބަޝީރުގެ ވެރިކަން ވައްޓާލި ފަހުންނެވެ. އެއަށް ފަހު ވެރިކަމާ ހަވާލުވީ އެ މުޒާހަރާތަކުގެ ތެރޭ އުފެދުނު އިދިކޮޅު ސިޔާސީ ކޯލިޝަން، ފޯސެސް އޮފް ފްރީޑަމް އެންޑް ޗޭންޖް (އެފްއެފްސީ) އާއި ގައުމުގެ އަސްކަރިއްޔާއިން ގުޅިގެންނެވެ.
އެ ސަރުކާރުން ދަނީ ބަޖެޓު ޑެފިސިޓްވެ، ތެލާއި ކާބޯތަކެއްޗާއި ބޭސް ލިބުން ދަތިވެފައިވާ މި ދަނޑިވަޅުގައި ސޫދާނުގެ އިގުތިސާދު ނަގާ ކޮޅަށް ޖެހުމަށް މަސައްކަތް ކުރަމުންނެވެ. އަދި އެ މަސައްކަތަށް ހުރަސް އެޅެމުން ދިޔަ އެއް ސަބަބަކީ އެމެރިކާއިން އެކުލަވާލާ "ޓެރަރިޒަމްއަށް ވާގިވެރިވާ ގައުމު"ތަކުގެ ލިސްޓުގައި ސޫދާންގެ ނަން ހިމަނާފައި ވުމެވެ. އެ ލިސްޓުން ސޫދާނުގެ ނަން އުނި ކުރަން އެމެރިކާއިން އެއްބަސްވީ ސޫދާނުން އެގައުމަށް 335 މިލިއަން ޑޮލަރު ދިނުމަށާއި އިސްރާއީލާ ގުޅުން ބަދަހި ކުރަން އެއްބަސްވުމުންނެވެ.
އެމެރިކާއިން ބުނި ގޮތުގައި އެ 335 މިލިއަން ޑޮލަރަކީ ސޫދާނުގެ ކުރީގެ ސަރުކާރުން އެހީވި އަލް ގައިދާ ޖަމާއަތުން 1998 ވަނަ އަހަރު އެމެރިކާގެ ދެ އެމްބަސީއަކަށް ދިން ހަމަލާގެ ބަދަލެވެ. ޓެންޒޭނިއާ އާއި ކެންޔާގައި ހުރި ދެ އެމްބަސީއަކަށް އަލް ގައިދާއިން ދިން އެ ހަމަލާތަކުގައި 224 މީހަކު މަރުވެ، 4،000 މީހުންނަށް އަނިޔާވި އެވެ.
ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުން ސޫދާންގެ ނަން ނެގުމުން އެގައުމަށް ބައިނަލްއަގުވާމީ އެހީ އާއި ލޯނުތައް ހޯދުމަށް ފަސޭހަ ވެގެން ދާނެ ކަމަށް އެގައުމުގެ ސަރުކާރުގެ އޮފިޝަލުން ވިދާޅުވެ އެވެ.
ސޫދާނުގެ ކުރިން ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އާއި ބަހްރައިން އިން ވަނީ އިސްރާއީލާ ގުޅުން ގާއިމު ކުރަން ނިންމިކަން މިދިޔަ އޮގަސްޓު މަހު އިއުލާންކޮށްފަ އެވެ. އޭގެ ކުރިން އިސްރާއީލާ އެކު ސުލްހައިގެ އެއްބަސްވުންތަކުގައި ސޮއި ކުރީ 1979ގައި މިސްރުންނާއި އުރުދުން އިން 1994ގަ އެވެ.