25 Oct 2020, 11:28
ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައިގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކަ ކުށްވެރިކޮށް އޭނާއަށް ފިޔަވަޅު އެޅުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުވައިފި އެވެ.
ރޭ، ދިވެހިރާއްޖޭގެ އަޑުން ފޮނުވި ޕްރޮގްރާމެއްގައި، އިމްރާން ވިދާޅުވީ ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި އަންހެނަކު ރޭޕް ކުރި ކަމަށް ބުނެ އާންމުންގެ ތެރޭ ވާހަކަ ދެކެވެނީ އެ ކަން ހިނގާ ދިޔަ ގޮތަށްވުރެ އެކަން ބޮޑުކޮށްލައިގެން ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.
އެގޮތުން ސަފާރީގެ ތެރޭގައި ހިންގާފައިވަނީ ވަރަށް ކުޑަ ކަމެއް ކަމަށާއި އެއީ ރޭޕް އެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ވާހަކަތަކާ ގުޅިގެން ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ އަންހެން މީހާ ތަމްސީލް ކުރާ ލޯ ފާމް، ރިޒާ އެންޑް ކޯ އިން ވަނީ މިއަދު މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުވާފަ އެވެ.
އެ ފާމްގެ ފަރާތުން ނޫރުބާން ފަހުމީ އާއި ހައްވާ ޝަފީއާ ރިޒާ ސޮއިކޮށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ އެ ފާމްގެ މުވައްކިލެއް ކަމަށްވާ ފޯލީން ޑުޓާ ގެޝޮރޯ، ފުލުހަށް ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ދަނޑިވަޅެއްގައި، ސަފާރީގައި ހިނގާފައި ވަނީ ވަރަށްވެސް ކުޑަ ކަމެއް ކަމަށް ސިފަކޮށް ފުލުހުންނާ ހަވާލުވެ ހުންނެވި، މިނިސްޓަރު އިމްރާން ދެއްކެވި ވާހަކަތަކާ ގުޅިގެން އެ ވާހަކަތައް ކުށްވެރި ކުރާ ކަމަށެވެ.
"މި މައްސަލައިގައި ތަހުގީގަށް މި ފާމްގެ މުވައްކިލު މިހާތަނަށް ދީފައިވާ ބަޔާންތަކުގައިވެސް އެފަރާތް މަރާލާނެ ކަމަށް ބިރު ދައްކައި، އެފަރާތުގެ ޖިންސީ ގުނަވަނުގައި ދަމައި ހިފައިގަނެ، އެފަރާތަށް ޖިންސީ އަނިޔާކުރި ފަރާތުގެ ޖިންސީ ގުނަވަނުގައި ހިފުމަށް އަންގައި، ސަފާރީގައި ހުރި ކޮޓަރިއަށް ގަަދަކަމުން ގެންދިޔުމަށް މަސައްކަތް ކޮށްފައިވާކަން ހާމަވާއިރު، މި ހާދިސާއަކީ، 'އާންމު ޕަބްލިކް ތަނެއްގައި ވެސް ހުރެފައި ބައެއްގެ ތެރޭގައި ހުރެފައިވެސް މީހަކަށް ކޮށްލެވިދާނެ ވަރުގެ ކަމެއް' ކަމަށް ތަހުގީގު ހިންގާ އިދާރާއާ ހަވާލުވެ ހުންނެވި ބޭފުޅާ ވިދާޅުވެފައި އެވަނީ، މި މައްސަލައިގައި ތަހުގީގަށް ޖިންސީ އަނިޔާ ލިބުނު ފަރާތުން ދިން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ނޫންކަން ފާހަގަކުރަމެވެ،" އެ ސިޓީގައި ބުނެފައިވެ އެވެ.
އެ މައްސަލައިގެ ތަހުގީގު އިންސާފުވެރިކަމާއެކު ކުރިއަށް ނުދާތީ އެ މައްސަލަ ވަނީ މިހާރު ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނެރަލް އަށްވެސް ހުށަހަޅާފަ އެވެ. އެފަދަ ދަނޑިވަޅެއްގައި، މައްސަލައިގެ ކުށްވެރިޔާ އެ މައްސަލައިން ބަރިއްޔަ ވެވޭނެ މޭރުމަކުން މިނިސްޓަރު ވާހަކަދައްކަވާފައިވާ ކަމަށާއި އޭގެ ސަބަބުން އޭނާއަށް މަސްއޫލިއްޔަތު އަދާކުރެވޭނެ ކަމުގެ އިތުބާރު ނެތްކަމަށް އެ ލޯ ފާމް އިން ބުނެ އެވެ.
އެ މައްސަލަ ބަލަމުން ގެންދާ އިދާރާ ބެލެހެއްޓުމާ ހަވާލުވެ ހުންނެވި މިނިސްޓަރު އިމްރާންގެ އެ ވާހަކަތަކާ ގުޅިގެން މިހާރު މައްސަލަ އިންސާފުވެރިކަމާ މެދު ބަލާނެ ކަމާމެދު އެއްވެސް ޔަގީންކަމެއް ނެތް ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.
އެހެންކަމުން އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބަލައިދިނުމަށާއި އަޅަން ޖެހޭ ފިޔަވަޅު އަޅައިދެއްވުމަށް މަޖިލީހުގެ ރައީސް، ރައީސް ނަޝީދު އަރިހުން ވަނީ އެ ސިޓީގައި އެދިފަ އެވެ.