ޖެނީވާ (އޮކްޓޯބަރު 25) : ކޮވިޑް-19 ގެ ނުރައްކާ މިދުވަސްވަރު ދުނިޔޭގެ އުތުރު ފަޅީގެ ގައުމުތަކަށް އާދަޔާ ހިލާފަށް ބޮޑުވެއްޖެ ކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފި އެވެ.

އެޖަމްއިއްޔާއިން ބުނީ ދުނިޔޭގެ އުތުރު ފަޅީގެ ގިނަ ގައުމުތަކެއްގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ކުރިޔަށްވުރެ ބޮޑަށް އޭގެ ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާ ކަމަށާ މިއީ ބިރުވެރި ކަމެއް ކަމުގައެވެ. ޑަބްލިޔުއެޗްއޯގެ ކޮވިޑް-19 އާބެހޭ ޓެކްނިކަލް ކޮމިޓީގެ އިސް ވެރިޔާ ޑރ. މާރިޔާ ވާން ކެރްކޯވް ވިދާޅުވީ އެޖަމްއިއްޔާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ފާއިތުވި ދެދުވަހުގެ ތެރޭގައި ދުނިޔޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވި ކަމަށް ރިޕޯޓްކުރި މީހުންގެ ތެރެއިން ގާތްގަނޑަކަށް 50 އިންސައްތަ މީހުންނަކީ ދުނިޔޭގެ އުތުރު ފަޅީގައި ހިމެނޭ ޔޫރަޕްގެ ގައުމުތަކުގެ މީހުންނެވެ.

ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ އެމެރިކާއަކީވެސް ދުނިޔޭގެ އުތުރު ފަޅީގެ ގައުމެކެވެ. ދުނިޔޭގެ އުތުރު ފަޅީގައި 54 ގައުމު ހިމެނޭއިރު، އޭގެތެރެއިން އެންމެބޮޑަށް ކޮވިޑް ފެތުރެމުންދަނީ އެމެރިކާ، ރަޝިއާ، ސްޕެއިން އަދި ފަރަންސޭސިވިލާތުގައެވެ. ނަމަވެސް ކޮވިޑް އެންމެބޮޑަށް ފެތުރޭ ގައުމުތަކުގެ ލިސްޓަށް އިޓަލީއާއި ޗެލް ރިޕަބްލިކް މިހާރު ވަނީ އަރާފައެވެ.

ޑަބްލިޔުއެޗްއޯ ލަފާކުރާގޮތުން ދުނިޔޭގެ އުތުރު ފަޅީގެ ގައުމުތަކުގައި އާދަޔާ ޚިލާފަށް ކޮވިޑް ފެތުރެމުންދާ އެއްސަބަބަކީ ހޫނު މޫސުން ނިމި ޚަރީފު މޫސުމުގެ ބޮޑުބައެއްވެސް ނިމި ފިނި މޫސުމާ ގާތްވާންފެށުމާއެކު ފިނި ގަދަވުމެވެ. އަންނަ ނޮވެމްބަރުމަހު ގެ 23 ގައި ދުނިޔޭގެ އުތުރު ފަޅީގެ ގައުމުތަކުގައި މޫސުމީ ގޮތަށް ބަލާނަމަ ފިނި މޫސުން ފެށޭނެއެވެ. ނަމަވެސް ޚަރީފު މޫސުމުގެ ބޮޑުބައެއް މިހާރު ފާއިތިވެ ފިނިމޫސުމާ ގާތްވެފައިވާތީ ދުނިޔޭގެ އުތުރު ފަޅީގެ ގައުމުތަކަށް މިހާރުވެސްވަނީ ފިނިވާން ފަށާފައެވެ.

ފިންޗަކީ ކޮވިޑް-19 ގެ ވައިރަސް ފެތުރުމަށް ފަސޭހަވެގެންދާ ހާލަތެއްކަމަށް އެ ވައިރަސްއާބެހޭ ތަޖްރިބާކާރުން ވިދާޅުވެއެވެ. ކޮވިޑް ހަލުއިކަމާއެކު ފެތުރެން ފަށާފައިވާތީ ފަރަންސޭސިވިލާތުގެ ގިނަ ސަރަހައްދުތަށްވަނީ ލޮކްޑައުން ކޮށްފައެވެ. އިޓަލީގެ ބައެއް ސަރަހައްދުތަށްވެސް ލޮކްޑައުން ކޮށްފައިވާއިރު މުޅި ގައުމު ލޮކްޑައުން ކުރަންޖެހިދާނެ ކަމުގެ އިންޒާރު އިޓަލީގެ ސިއްހަތާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

ކޮވިޑް-19 އަށް އުފައްދާ ވެކްސިންތަށް އާންމުގެ ގަޔަށް ޖެހޭވަރުވާނީ އެންމެ އަވަސްވެގެންވެސް އަންނަ ނޮވެމްބަރު މަހުގެ ފަހުކޮޅުއާއި ޑިސެމްބަރުމަހުގެ ކުރީކޮޅުގައި ކަމަށް ރިޕޯޓްތަށް ބުނެއެވެ. ފިނި މޫސުމަކީ އެމޫސުން އަންނަ ގައުމުތަކުގައި އެދުވަސްވަރު ހުމާއި އަރިދަފުސްގެ ވަރުގަދަ ރޯގާ ތަކެއްވެސް ފެތުރޭ ދުވަސްވަރެކެވެ. (ނޫސްއެޖެންސީތައް)