މާލޭގެ ރަސްމީ ޖެޓީ ނުވަތަ އެއް ނަމްބަރު ޖެޓީ ސަރައްދުން މުދާ އަރުވައި މުދާ ބާލާ ނަމަ އެފަރާތްތައް ހުއްޓުވައި ފިޔަވަޅު އަޅާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފައިވަނީ މާލޭގައި މުދާ އަރުވައި އަދި މުދާ ބޭލުމަށް ވަކި ސަރަހައްދުތަކެއް ކަނޑައަޅާފައިވާނެ ކަމަށެެވެ. އެހެންކަމުން އެއް ނަމްބަރު ޖެޓީ ސަރަހައްދުން އެފަދަ ކަމެއް ކުރާނަމަ އެބަޔަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

އާންމުކޮށް މާލޭގައި މުދާ އަރުވާ ބޭލުމަށް ހާއްސަކޮށްފައިވަނީ ނޯތު ހާބަރު ސަރަހައްދެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ފުރަބަންދަށް ލުމާއެކު މާލޭގައި ފާލަންތަކާއި ބަނދަރުތައް ބޭނުންކުރުމަށް ހާއްސަ އުސޫލެއް ވަނީ އެކުލަވާލާފައެވެ. އެގޮތުން ލަފާ ފުރުމަށާއި އެ ނޫންވެސް ކަންތައްތަކަށް ވަކި ސަރަހައްދުތަކެއް ވަނީ ސިޓީ ކައުންސިލުން ހާއްސަކޮށްފަ އެވެ.

އެގޮތުން ކައުންސިލުން ވަނީ ފަސް ސަރަހައްދެއް ކަނޑައަޅާފަ އެވެ. އެއީ؛

  • އަތޮޅުތަކުން މާލެ އަންނަ ދޯނި ފަހަރު ލަފާ ފުރުމުގައި މާލޭގެ ނޯތު ހާބަރާއި ޓީ ޖެޓީ ސަރަހައްދު

  • އަތޮޅުތަކުން މާލެ އަންނަ އަދި މާލެއިން ފުރާ ސްޕީޑް ލޯންޗު ފަހަރަށް މާލޭގެ އެއް ނަމްބަރު ޖެޓީ (އެމްއެމްއޭ ކުރިމަތި)
  • އަތޮޅުތަކުން މާލެ އަންނަ މަސްވެރިކަން ކުރާ އުޅަނދުފަހަރާއި އެހެނިހެން އުޅަނދުތަކަށް ހުޅުމާލޭގެ ބަނދަރު
  • އަތޮޅުތަކުން މާލެ އަންނަ އުޅަނދުފަހަރު ލަފާފުރުމަށް ތިލަފުށި ބަނދަރު
  • ރިސޯޓުތަކުން މާލެ އަންނަ އަދި މާލެއިން ފުރާ ސްޕީޑް ލޯންޗު ފަހަރަށް މާލޭގެ ފަސް ނަމަބްރު ޖެޓީ އާއި ހަ ނަމްބަރު ޖެޓީ

ސިޓީ ކައުންސިލުން ބުނެފައިވަނީ މާލެއިން ލަފާ ފުރުމުގައި ބޭނުންކުރެވޭނީ ހަމައެކަނި އެ ސަރަހައްދުތައް ކަމަށެވެ.