ބީއެމްއެލްއިން ހިންގާ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު"ގެ ދަށުން ނ. ހޮޅުދޫގައި މަސްކެނޑުމަށް ހާއްސަ ތަނެއް ތަރައްގީކޮށްފި އެވެ.

މަހެއްގެ ބައްޓަމަށް ފަރުމާކޮށްފައިވާ މި ތަނަކީ ފަސޭހަކަމާއެކު މަސްކަނޑަން ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ ތަނެކެވެ. ދުވާލުގެ ވަގުތުތަކުގެ އިތުރުން ރޭގަނޑުވެސް މިތަން ބޭނުންކުރެވޭނެހެން އަލިކޮށް އެއްފަހަރާ އަށް މީހުންނަށް އެތަނުގައި މަސްކަނޑަން ތިބެވޭނެ އެވެ.

ހޮޅުދޫގައި މަހެއްގެ ބައްޓަމަށް ތައްޔާރުކުރި މަސްކަނޑާ ތަން-- ފޮޓޯ/ބީއެމްއެލް

ސާފު ރީތިފެން ލިބޭނެހެން އިސްކުރު ހަރުކޮށް މަސްކަނޑަން ޖާގަ އޮންނާނެހެން އަދި ތަކެތި ރައްކާ ކުރުވޭނެ ގުދަނެއްވެސް އެތަނުގައި ހުރެ އެވެ.

ބީއެމްއެލްއިން ބުނީ މިއީ މަސްވެރިންގެ އިތުރުން ހޮޅުދޫގެ އާންމު ރައްޔިތުންނަށްވެސް މަސްކެނޑުމަށް ފަސޭހަވާނެހެން ތަރައްގީ ކޮށްފައިވާ ހާއްސަ މަސްކަނޑާ ތަނެއް ކަމަށެވެ.

ހޮޅުދޫގައި މަހެއްގެ ބައްޓަމަށް ތައްޔާރުކުރި މަސްކަނޑާ ތަން-- ފޮޓޯ/ބީއެމްއެލް

"މިއީ ކޮމިއުނިޓީ ފަންޑަށް ހުށަހެޅި ވަރަށް ތަފާތު ހުށަހެޅުމެއް. ހޮޅުދޫގެ މަސްވެރިންނަށާއި ރައްޔިތުންނަށް މަސްކެނޑުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ހުށަހެޅުނު މި ޕްރޮޕޯސަލްގެ ދަށުން ގާއިމްކުރެވުނު މި ތަނުގެ ސަބަބުން މި ރަށުގެ ރައްޔިތުންނާއި ހާއްސަކޮށް ރަށުގެ މަސްވެރިންނަށް މަސްކެނޑުމާއި މަސް ވިއްކުމަށް ފަސޭހަވެގެންދާނެކަމަށް އަޅުގަނޑުމެން އުންމީދުކުރަން." ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވި އެވެ.

ޕްރޮޖެކްޓް ކާމިޔާބު ކުރި އެމްސީއެފް ޖަމިއްޔާގެ ފަރާތުން މޫސާ ޝިމާއު ވިދާޅުވީ މީގެ ކުރިން ހޮޅުދޫ ރައްޔިތުން މަސްކަނޑަން ބޭނުންކުރީ ބަނދަރުމަތީގައި ހުންނަ ބާ މޭޒެއް ކަމަށެވެ.

"ވަރަށް ގިނަ ދަތިތަކާ ކުރިމަތީވޭ މަސްވެރިންނަށް މިކަމުގެ ސަބަބުން. މިކަމަށް ހައްލެއް ހޯދުމަށް އައި ހިޔާލާއެކު މި ޕްރޮޖެކްޓް ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ހޮވި، މިކަން ހަގީގަތަކަށް ވުމީ މި ރަށަށާއި ޖަމިއްޔާއަށް ލިބުން ކުރިއެރުމެއް." އޭނާ ވިދާޅުވި އެވެ.

މިއަހަރުގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުން ތިން ފިޔަވައްސަކަށް ވަނީ ބަހާލާފަ އެވެ. ފުރަތަމަ ދެ ފިޔަވަހީގައި ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ ފިޔަވެއްސެއްގައިވެސް އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ވަނީ ހޮވާފަ އެވެ.

ތިންވަނަ ފިޔަވަހީގައި 10 ޕްރޮޕޯސަލް ހޮވަން ބީއެމްއެލްއިން ވަނީ ނިންމާފަ އެވެ. ބޭންކުން މިހާރު ދަނީ ކައިރި މުސްތަގްބަލެއްގައި ތިންވަނަ ފިޔަވަހީގެ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް މަސައްކަތްކުރަމުންނެވެ.