25 Oct 2020, 14:46
ކާބުލް (އޮކްޓޯބަރު 25) : އަފްޣާނިސްތާނުގައި ފިލައިގެން އުޅޭ އަލްޤާޢިދާގެ ދެވަނައަށް އިސް ކޮމާންޑަރު އަބޫ މުޙްސިން އަލްމިޞްރީ މަރާލައިފި ކަމަށް އަފްޣާން ސަރުކާރުން ބުނެފި އެވެ.
އަފްޣާން ސަލާމަތީ ބާރުތަކުން ބުނި ގޮތުގައި އަބޫ މުޙްސިން އަލްމިޞްރީ މަރާލީ އެގައުމުގެ ޣުޒްނީ ޕްރޮވިންސުގައި ސަލާމަތީ ބާރުތަކުން ހިންގި އަސްކަރީ އޮޕަރޭޝަނެއްގަ އެވެ. އެމެރިކާ ސިފަކުރާ ގޮތުން އަބޫ މުޙްސިން އަލްމިޞްރީ އަކީ އަލްގާއިދާގެ ޒައީމް ޑރ. އައިމަނުއްޒަވާހިރި ފިޔަވައި ދެން އެޖަމާއަތުގެ ޗެއިން ކޮމާންޑްގެ އެންމެ އިސް ވެރިޔާ އެވެ.
އަބޫ މުޙްސިން އަލްމިޞްރީއަކީ ދެކުނު އޭޝިއާއަށް ޚާއްސަ އަލްގާއިދާގެ ކޮމާންޑަރު
އަފްޣާނިސްތާނާއި ޕާކިސްތާނާ އަދި އިންޑިއާ ހިމެނޭ ގޮތަށް ދެކުނު އޭޝިއާ ސަރަހައްދުގައި އަލްގާއިދާއިން ހިންގާ ޓެރަރިޒަމްގެ ހަރަކާތްތަކުގެ އިސް ކޮމާންޑަރަކީ އަބޫ މުޙްސިން އަލްމިޞްރީ ކަމަށް އެމެރިކާ ބުނެ އެވެ. އާންމު ގޮތެއްގައި އަބޫ މުޙްސިން އަލްމިޞްރީ ފިލައިގެން އުޅޭކަމަށް ވަނީ ޕާކިސްތާނުގެ ވަޒީރުސްތާނުގައާއި އަފްޣާނިސްތާނާއި ޕާކިސްތާނުގެ ސަރަހައްދީ ރޮނގު ގުޅޭ ފަރުބަދަމަތީ ހިސާބުތަކުގައި ކަމަށްވެ އެވެ.
ތާލިބާނުންވަނީ އަލްގާއިދާއާ ފެއަށް ޖެހެން ފަށާފައި
އަބޫ މުޙްސިން އަލްމިޞްރީ މަރާލުމަށް ފާއިތުވި ދިހަވަރަކަށް އަހަރުތެރޭގައި އެމެރިކާ ގިނަ މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް އެކަމުގައި އެމެރިކާ ވަނީ ނާކާމިޔާބުވެފަ އެވެ. ތާލިބާނުންހާ ހަނގުރާމަ ކުރުމުގައި ވެސް އެމެރިކާ ނާކާމިޔާބުވެ އެންމެފަހުން އެމެރިކާ ތާލިބާނުންނާ ސުލްޙަވުމުން ތާލިބާނުންވަނީ އަލްގާއިދާއާ ފެއަށް ޖެހެން ފަށައިފަ އެވެ. މިއާއެކު އަފްޣާނިސްތާނާއި ޕާކިސްތާނުގައި ހިންގާ އަލްގާއިދާގެ ހަރަކާތްތައް ވަނީ ބަލިކަށިވެ ހީނަރުވެފަ އެވެ. އަދި އަފްޣާނިސްތާނާއި ޕާކިސްތާނުގެ ސަރަހައްދީ ރޮނގު ގުޅޭ ފަރުބަދަމަތީ ހިސާބުތަކުގައި ފިލައިގެން އުޅޭ އަލްގާއިދާގެ ހަނގުރާމަވެރިންނާއި ކޮމާންޑަރުންނަށް ތާލިބާނުންގެ އެހީލިބެންނެތުމުން އެމީހުން ވެސް ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފަ އެވެ.
އައިއެސް ޖަމާއަތް އަފްޣާނިސްތާނުގައި އަތްގަދަ ކުރަނީ
އެއްކޮޅުން އަލްގާއިދާ ހީނަރުވަމުންދާއިރު އަނެއްކޮޅުން އައިއެސް ޖަމާއަތް އަފްޣާނިސްތާނުގައި ވަނީ ވަރުގަދަ ކުރަންފަށައިފަ އެވެ. އިއްޔެ ކާބުލްގެ ހުޅަނގުގައި އޮންނަ ޝިޔަޢީންގެ އަވަށެއް ކަމަށްވާ ދަޝްތޭ ބަރްޗީގެ މަތީ ތައުލީމުގެ ކޯސްތައް ހިންގާ މަރުކަޒެއްގައި މީހަކު އަމިއްލައަށް މަރުވެގެން ދިން ޓެރަރިސްޓް ހަމަލާގެ ޒިންމާ އުފުލާފައި ވަނީ ވެސް އަފްޣާނިސްތާނުގައި ބާރުގަދަ ކުރަމުން ގެންދާ އައިއެސް ޖަމާއަތެވެ.
ސޫރިއާއާއި އިޜާގުން އައިއެސް ޖަމާއަތާ ދެކޮޅަށްކުރި ހަނގުރާމައިގާ އެދެގައުމުގައި އެޖަމާއަތް ބަލިވެ އިނދަޖެހުމުން އެޖަމާއަތުން ގެންދަނީ ތާލިބާނުންނާ ދެކޮޅަށް ޓެރަރިސްޓް ހަމަލާތަށްދީ އަފްޣާނިސްތާނުން ތާލިބާނުންގެ ބާރު ކަނޑުވާލައި އިރާގާއި ސޫރިޔާގައި ގާއިމްކުރިފަދަ އައިއެސްގެ "ޚިލާފަތެއް" އަފްޣާނިސްތާނުގައި ގާއިމް ކުރަން މަސައްކަތް ކުރަމުންނެވެ.
ދަޝްތޭ ބަރްޗީގެ މަތީ ތައުލީމުގެ މަރުކަޒުގައި އައިއެސް އިން ޓެރަރިސްޓް ޙަމަލާގައި 18 މީހުން މަރުވެ 57 މީހުން ވަނީ ޒަޚަމްވެފަ އެވެ. (ނޫސްއެޖެންސީތައް)