25 Oct 2020, 07:39
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިންގެ ތިބޭ ފިޔަވަތިން ކޮވިޑް 19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 38 އަަށް އަރައިފި އެވެ.
އުމުރުން 13 އަހަރުން ދަށުގެ ކުދިން ތިބޭ ފިޔަވަތިން ކޮވިޑްގެ ކޭސްއެއް އެންމެ ފުރަތަމަ ފެނުނީ އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފެއްގެ ގައިން މިދިޔަ މަހު 30 ވަނު ދުވަހު އެވެ.
ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ރޭ ވިދާޅުވީ ފިޔަވަތިން 18 ކުޑަކުދިންނާއި 20 ސްޓާފުން މިހާތަނަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
"އިއްޔެ 23 އޮކްޓޫބަރުގައި އެތަނުން އިތުރު ދެ މީހަކު ވަނީ ޕޮޒިޓިވްވެފައި. އެއީ މިހާރު ވެސް ކޮންޓެކްޓުންގެ ތެރޭގައި ތިބި ދެ މީހުންގެ ތެރެއިން ބަލީގެ އަލާމާތްތައް ފެނިގެން ސާމްޕަލް ނެގި ދެ މީހުން." ޑރ. ނަޒްލާ ވިދާޅުވި އެވެ.
ނަޒްލާ އިތުރަށް ވިދާޅުވީ މިވަގުތު ފިޔަވަތީގައި 80 ކޮންޓެކްޓުން އެބަތިބި ކަމަށާއި އަދި މިއަދު ރިލީޒް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ފިޔަވަތިން ކޮވިޑް ޖެހިފައިވާ 38 މީހުން ފެނުނުއިރު ހުޅުމާލެ ފޭސް ދޭއްގައި ބިދޭސީން ތިބި ތަނެއްގައި މިވަގުތު ކޮވިޑްގެ 72 އެކްޓިވް ކޭސް އެބަހުރި ކަމަށް ވެސް ޑރ.ނަޒްލާ މިރޭ ވިދާޅުވި އެވެ.
ނަޒްލާ ވިދާޅުވީ ބިދޭސީން ތިބި ތަނުން ކޮވިޑް ފެނުނީ މިދިޔަ ހަފްތާގައި ކަމަށާއި އެތަން މިހާރު "ކޮންޓެއިން" ކުރެވިފައިވާ ކަމަށެވެ.
"އެތަނުން 60 ރޭންޑަމް ސާމްޕަލް 20 އޮކްޓޫބަރުގައި ނެގި އިރު އޭގެ ތެރެއިން 32 މީހުން ވަނީ ޕޮޒިޓިވްވެފައި. އޭގެ އިތުރުން 21 އޮކްޓޫބަރުގައި ނެގި ސާމްޕަލްތަކުން 32 މީހަކު ވަނީ ޕޮޒިޓިވްވެފައި. އަދި 23 އޮކްޓޫބަރުގައި ނެގި ސާމްޕަލްތަކުން ހަަތަރު މީހަކު. އަދި 24 އޮކްޓޫބަރުގައި ނެގި ސާމްޕަލްތަކުން ދެ މީހަކު ވަނީ ފެނިފައި." ޑރ. ނަޒްލާ ވިދާޅުވި އެވެ.