25 Oct 2020, 07:36
ފްރާންސްގެ ރައީސް އިމާނުއަލް މެކްރޮން މުސްލިމުންނާ ދޭތެރޭ ދެކެވަޑައިގަންނަވާ ގޮތާ މެދު ތުރުކީގެ ރައީސް ތައްޔިބް އެރުދުއާން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
އެރުދުއާން ވިދާޅުވީ މެކްރޮންގެ ވިސްނުން ވަރަށް ގޯސް ކަމަށާއި އަދި މެކްރޮންގެ ސިކުނޑިއަށް ބޭސްކުރައްވަން ޖެހޭ ކަމަށެވެ.
މިމަހު ކުރީކޮޅު މެކްރޮން ވަނީ މުސްލިމުން ފްރާންސްގައި ވަކިވެގަންނަން މަސައްކަތް ކުރާ ކަމަށް ތުހުމަތުކުރައްވައިފަ އެވެ. އެ ވާހަކަތަކާ ގުޅިގެން ވެސް މެކްރޮންއަށް އެރުދުއާން ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
އެކަން ނޯބި އުޅެނިކޮށް ދާދި ފަހުން ފްރާންސްގައި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި ޓީޗަރު ސެމުއަލް ޕެޓީއަށް މުސްލިމަކު ވަނީ ވަޅިން ހަމަލާދީ މަރާލައިފަ އެވެ.
އެ ޓީޗަރު ވަނީ ކްލާހުގައި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ ކާޓޫނެއް ދައްކައިފަ އެވެ.
ޓީޗަރުގެ މަރާ ގުޅިގެން ބައެއް މިސްކިތްތައް ވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ. އެ ޓީޗަރުގެ އާއިލާއަށް މެކްރޮންގެ ރައީސް ވަނީ ފްރާންސްގައި ރައްޔިތުންނަށް ދޭ އެންމެ މަތީ ޝަރަފް ވެސް އަރުއްވައިފަ އެވެ.
"މެކްރޮން ކިޔާ ބޭފުޅާއާ މުސްލިމުންނާއި އިސްލާމް ދީނާ ކޮންކަމަކާތޯ މި މައްސަލަ އުޅެނީ. މެކްރޮންގެ ސިކުނޑިއަށް ބޭސްކުރަން" އެރުދުއާން ނިސްބަތްވެވަޑައިގަންނަވާ އޭކޭ ޕާޓީގެ ޕްރޮވިންޝަނަލް ކޮންގްރެސްގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވި އެވެ.
"ދީނީ މިނިވަންކަން އެނގިވަޑައިނުގެން ފްރާންސްގައި ދިރިއުޅޭ އެހެން ދީންތަކުގެ މީހުންނާ މެދު އަމަލުކުރާ ގައުމެއްގެ ވެރިއަކާ ގުޅޭ ގޮތުން ދެން ކީކޭތޯ އަޅުގަނޑު ދަންނަވާނީ."؟ އެރުދުއާން ވިދާޅުވި އެވެ.-- ރޮއިޓާސް-