އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑްގެ ޗެއާމަންގެ މަގާމުން ނިޝާން މުލީގޭ ޝަރަފްގެ އިއްޒަތްތެރި ވެރިޔާ ކޮލި މުހައްމަދު އުމަރު މަނިކު އިސްތިއުފާދެއްވާފައިވާ ކަން ރައީސް އޮފީހުން ކަށަވަރުކޮށްދީފި އެވެ.

ރައީސް އޮފީހުން ބުނީ މުހައްމަދު އުމަރު މަނިކު އިސްތިއުފާ ހުށަހެޅުއްވުމާ ގުޅިގެން، އޭނާގެ އިސްތިއުފާ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ގަބޫލުފުޅު ކުރައްވައި، އޭނާ އެ މަގާމުން ވަކިކުރެއްވީ ކަމަށެވެ.

މަޝްހޫރު ޓޫރިޒަމް ވިޔަފާރިވެރިޔާ އަދި ޔުނިވަސަލް އެންޓާޕްރައިސަސްގެ ޗެއާމަން ކޮލި އުމަރު މަނިކު އިސްތިއުފާ ގަބޫލުފުޅު ކުރައްވައި، އުމަރު މަނިކަށް ރައީސް ފޮނުއްވި ސިޓީފުޅުގައި، އައިލެންޑް އޭވިއޭޝަން ސާވިސަސް ޕްރައިވެޓް ލިމިޓެޑްގެ ޗެއާމަންގެ މަގާމުގައި ހުންނަވައިގެން، އެކުންފުނި ތަރައްގީ ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، އޭނާ އަށް ވަރަށް އިހުލާސްތެރިކަމާ އެކު ޝުކުރު އަދާކުރައްވާފައިވެ އެވެ. އަދި މިދިޔަ އަހަރުތެރޭގައި ކުންފުނީގެ ހިންގުން އެތައް ތަނަކުން ހަރުދަނާވެ، ކުންފުނީގެ ފައިދާ ވެސް އިތުރުވެގެން ގޮސްފައިވާ ކަމާއި، އެއީ އުމަރު މަނިކުގެ ޗެއާމަން ކަމުގެ ދަށުން ކުންފުނި ހޯދި ބޮޑު ކާމިޔާބީއެއްކަން ރައީސް ފާހަގަކުރައްވާފައިވެ އެވެ.