24 Oct 2020, 13:59
މީގެ ހަފްތާއެއް ކުރިން ސީރިއާގެ ހަނގުރާމައިގައި ބައިވެރިވުމަށްފަހު، ރާއްޖެ އައި ކަމަށް ތުހުމަތު ކުރެވޭ މީހާ ހިންމަފުށީގައި ހަދާފައިވާ މަރުކަޒުގައި ބަންދުކޮށްފި އެވެ.
އޭނާ ބަންދުކޮށްފައިވަނީ، ރާއްޖެއިން ބޭރުގައި ހަނގުރާމަ ކުރުމަށް ފަހު އެނބުރި އަންނަ މީހުން ރިހިބިލިޓޭޓް ކުރުމަށް ހިންމަފުށީގައި ގައިމްކުރި "ނޭޝަނަލް ރީ އިންޓަގްރޭޝަން ސެންޓަރު"ގަ އެވެ. މިއީ އެ މަރުކަޒުގައި މިހާކު ބަންދު ކުރި ފުރަތަމަ ފަހަރެވެ.
ޓެރަރިޒަމްގެ ގާނޫނު ބުނާ ގޮތުން، ހަނގުރާމައަކަށް ގޮސް ރާއްޖެ އެނބުރި އަންނަ މިހަކު ހައްޔަރުކުރުމަށްފަހު، ރިސްކް އެސެސްމެންޓެެއް ހެދުމަށްޓަކައި އެމީހުންނަށް ހާއްސަ ވަގުތީ މަރުކަޒެއްގައި 30 ދުވަހަށް ބަންދުކުރަން ޖެހެ އެވެ.
ހޯމް މިނިސްޓްރީން މިއަދު ބުނީ، މި މަހު 15 ވަނަ ދުވަހު ހައްޔަރު ކުރި އުމުރުން 34 އަހަރުގެ ދިވެހި ފިރިހެން މިހާއަކީ، ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުމަށްފަހު، އެނބުރި ރާއްޖެ އައި މީހެއްކަމަށް ތުހުމަތު ކުރެވޭ މީހެކެވެ. އެެހެން ކަމުން އިއްޔެ ކްރިމިނަލް ކޯޓުގައި އޮތް އޭނާގެ މުއްދަތު މަޖިލީހުގައި 30 ދުވަހުގެ މުއްދަތަކަށް ރިސްކް އެސެސްމެންޓް ހެދުމަށް ރީ އިންޓަގްރޭޝަން ސެންޓަރުގައި ބަންދުކުރުމަށް އެ ކޯޓުން އަމުރުކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.
ހިންމަފުށީގައި ގާއިމްކޮށްފައިވާ އެ ސެންޓަރަކީ، ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ގާއިމްކުރަންޖެހޭ ރީ އިންޓަގްރޭޝަން ސެންޓަރުގެ ގޮތުގައި ހޯމް މިނިސްޓްރީން ކަނޑައެޅީ މިދިޔަ ބުރަސްފަތި ދުވަހު އެވެ.
ހޯމް މިނިސްޓްރީން ބުނި ގޮތުގައި މިއީ ޓެރަރިޒަމްގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ފަހު ރާއްޖެ އަންނަ މީހުންގެ ނުރައްކަލުން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށާއި އެފަދަ މީހުން ޝަރީއަތުގެ ކުރިއަމަށްޗަށް ގެނެސް ގާނޫނުގައި އެދަ ކަންކަމަށް ކަނޑައެޅިފައިވާ އަދަބު ދިނުމަށް ކުރެވޭ މަސައްކަތަށް ލިބުނު ކުރިއެރުމެކެވެ.
ގާނޫނު ބުނާ ގޮތުން ހަނގުރާމައިން އަންނަ ފަރާތްތައް ހަދާ ރިސްކް އެސިސްމަންޓަކީ، އެ މީހުން ޓެރަރިޒަމްގެ އަމަލުތައް ކުރުމުގައި އެއްވެސް މިންވަރަކަށް ބައިވެރިވެފައިވާ ބައެއްތޯ ބެލުމަށާއި، އެފަދަ އަމަލުތައް ކުރުމުގައި ސީދާ ބައިވެރިނުވިޔަސް އެފަދަ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް ބައެއްތޯ ބެލުމަށާއި، އެފަދަ އަމަލުތައް ކުރުމަށް ތަމްރީނުލިބިފައިވާ ބައެއްތޯ ނުވަތަ ކުށުގެ ޝިކާރައަކަށްވެފައިވާ ބައެއްތޯ ބެލުމަށްޓަކައި ހަދާ އެސެސްމަންޓެކެވެ.
ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަ ތަކަށް ދިވެހިން ގޮސް މަރުވެފައިވެސް އެބަ ހުއްޓެވެ. އަދި އޭގެ ތެރެއިން ސީރިޔާއަށް ދިޔަ ބައެއް މީހުންގެ ހުވަފެން ވެފައިވާ އެ މީހުންގެ އަނބިންނާއި ޔަތީމުވެފައިވާ ދަރިން އެނބުރި ނާދެވި ރެފިއުޖީ ކޭމްޕްތަކުގައި ވަނީ ތާށިވެފަ އެވެ. އެ މީހުން ރާއްޖެ ގެނެސް ދިނުމަށް އާއިލާތަކުން ދަނީ އެދެމުން އެވެ.