24 Oct 2020, 13:08
ވޮޝިންޓަން (އޮކްޓޯބަރު 22) : ފަލަސްތީނުގެ ބިމާއި އެބިމުގައިވާ މުސްލިމުންގެ މުގައްދަސް މިސްކިތެއް ކަމަށްވާ މާތްވެގެންވާ މަސްޖިދުލްއަގްސާއަށް ގަދަބާރުން ވެރިވެގަނެގެން އުޅޭ މުސްލިމުންގެ އެންމެ ބޮޑު ދުޝްމަން ކަމަށްވާ އިސްރާއީލާ ގުޅުންތަށް ގާއިމް ކުރުމަށް އެމެރިކާއިން ސޫދާނަށް ކުރިމަތި ކުރި ފިއްތުންތަކަށް އެންމެފަހުން ސޫދާނުން ދީލާލައި އިސްރާއީލާ ގުޅުންތަށް ގާއިމްކުރަން ސޫދާނުގެ އިންތިގާލީ ސަރުކާރުން އެއްބަސްވެއްޖެއެވެ.
އިސްރާއީލާއި ސޫދާނާއި އެމެރިކާއިން ރޭ ނެރުނު ގުޅިފައިވާ ބަޔާނެއްގައި ސޫދާނާއި އިސްރާއީލުން ބުނެފައިވަނީ ގުޅުންތަށް ގާއިމުކުރުމަށް އެދެގައުމު މިހާރު އެއްބަސްވެއްޖެ ކަމުގައެވެ. ޓެރަރިޒަމަށް ވާގިވެރިވާ ކަމަށްބުނެ ގައުމުތަކަށް ފިއްތުންތަށް ކުރިމަތި ކުރުމަށް އެމެރިކާ އަމިއްލައަށް ހަދައިގެން އުޅޭ ސިޔާސީ ލިސްޓުން ސޫދާނުގެ ނަން ނަގާނީ ސޫދާނުން އިސްރާއީލާ ގުޅުންތަށް ގާއިމްކުރަން އެއްބަސްވުމުންކަމަށް ކުރިންބުނެ އެކަމުގައި އެމެރިކާ އިން ސޫދާނަށް ފިއްތުންތަށް ކުރިމަތި ކުރަމުން ގެންދާތާ މަސްތަކެއްވަނީ ވެފައެވެ.
ސޫދާނަށް ފިއްތުންތަށް ކުރިމަތި ކުރުމަށްޓަކައި އެމެރިކާވަނީ ޓެރަރިޒަމަށް އެހީތެރިވާ ކަމުގެ ތުހުމަތު ސޫދާނުގެ މައްޗަށް ކޮށްފައި
ސޫދާންވަނީ ކުރިން އެކަމާ ވަރަށް ބޮޑަށް ދެކޮޅުހަދައި ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް އެމެރިކާ ހަދައިގެން އުޅޭ ލިސްޓުން ސޫދާނުގެ ނަން ނެގުމާއި އިސްރާއީލާ ގުޅުންތަށް ގާއިމްކުރުމަކީ ދެކަމެއްކަމަށް ބުނެ އިސްރާއީލާ ގުޅުންތަށް ގާއިމް ކުރުމަށް ފަސްޖެހި ދެކޮޅު ހަދާފައެވެ. ސޫދާނުގެ ކުރީގެ ރައީސް އުމަރު ހަސަން އަހްމަދުލްބަޝީރުގެ ސަރުކާރުން އަލްގާއިދާއަށް ވާގިވެރިވި ކަމަށްބުނެ 2000 ވަނަ އަހަރުގެ ކުރީކޮޅު އެމެރިކާވަނީ އެގައުން ހަދައިގެން އުޅޭ ޓެރަރިޒަމްގެ ލިސްޓަށް ސޫދާނުގެ ނަންލައި ސޫދާނާ ދެކޮޅަށް މާލީ އަދި އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަށް އަޅާފައެވެ.
ބަޝީރުގެ ވެރިކަން މިދިޔައަހަރު ވެއްޓުމާއެކު ސޫދާނުގެ ވެރިކަމާ ހަވާލުވި އިންތިގާލީ ސަރުކާރުން މަސައްކަތްކުރަންފެށީ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށްޓަކައި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތް ވުމަށެވެ. ނަމަވެސް އެފިޔަވަޅުތަކުން ސަލާމަތްވެވެން އަންނަނީ އެމެރިކާ ގެންގުޅޭ ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް އެމެރިކާ ބުނާ ލިސްޓުން ސޫދާނުގެ ނަން އުނިކޮށްގެންނެވެ.
އެލިސްޓުން ސޫދާނުގެ ނަންއުނިކުރުމަށްޓަކައި އެމެރިކާވަނީ 335 މިލިއަން އެމެރިކާ ޑޮލަރު ވެސް ނަގުދު ފައިސާގެ ގޮތުގައި އެމެރިކާއަށް ދައްކަން ސޫދާނަށް މަޖްބޫރުކޮށްފައެވެ. ސޫދާން މިހާރުވަނީ އެގައުމުގެ ރައްޔިތުން ތަހައްމަލްކުރާ ފަގީރު އަދި ހައިހޫނު ހާލަތާއެކުވެސް 335 މިލިއަން ޑޮލަރު އެމެރިކާއަށް ދައްކާފައެވެ. އެއީ ކެންޔާއާއި ޓެންޒެނިޔާގައިވާ އެމެރިކާގެ ދެ އެންބަސީ ގެ އިމާރާތަށް 1990 ގެ އަހަރުތަކުގެ ފަހުކޮޅު އަލްގާއިދާއިން ދިންކަމަށް އެމެރިކާ ބުނާ ބޮމުގެ ހަމަލާތަކުން އެދެއިމާރާތަށާއި އެދެތަނުގައި މަސައްކަތްކުރާ އެމެރިކާގެ ރައްޔިތުންނަށް ލިބުނު ގެއްލުންތަކަށް ބަދަލުދިނުމަށް ބޭނުންވާ ފައިސާކަމަށް އެމެރިކާ ބުނެއެވެ.
އެމެރިކާއިން ކެންޔާއާއި ޓެންޒެނިޔާގައިވާ އެމެރިކާގެ ދެ އެންބަސީއަށް އަލްގާއިދާއިން ދިންކަމަށް ބުނާ ބޮމުގެ ހަމަލާތަކާއި ސޫދާނާ ގުޅުވިނަމަވެސް އެކަން ގުޅުވިގޮތްވަނީ ނޭންގުމެއްގެ ތެރޭގަ އެވެ. އެކަން މުސްތަގިއްލު ތަހްގީގަކުން ސާބިތު ވެފައެއް ނުވެއެވެ. އެމެރިކާ ސޫދާނުގެ މައްޗަށް ކުރާ ތުހުމަތަކީ ސޫދާނުގެ އޭރުގެ ސަރުކާރުން އަލްގައިދާއަށް އެހީވާ ކަމުގެ ތުހުމަތެވެ. މިމައްސަލަ ބަލައި ހުރިހާކަމެއްވެސް ކޮށްފައިވަނީ އދ. އާ ނުބައްސައި އެމެރިކާ އެކަންޏެވެ.
އެމެރިކާ އެދުނު ފައިސާ ސޫދާނުގެ ފަރާތުން ދައްކައިދިނީ ސައޫދީ އަރަބިޔާ
ސޫދާނުގެ ނިކަމެތިކަމުން އެމެރިކާގެ މި ހުރިހާ ފިއްތުންތަކަށް ބޯލަނބައި 335 މިލިއަން ޑޮލަރުވެސް މިހާރުވަނީ އެމެރިކާއަށް ދައްކާފަ އެވެ. ނަމަވެސް ރިޕޯޓްތަށް ބުނާގޮތުން ސޫދާނުން އެމެރިކާއަށް ބަދަލުގެގޮތުގައި ދޭން އެއްބަސްވި މިފައިސާ އެމެރިކާއަށް ދައްކައިދިނީ ސައޫދީ ސަރުކާރުންނެވެ. ސައޫދީ އަރަބި ދުނިޔޭގައި އެމެރިކާއަށް އެންމެ ބޮޑަށް ވާގިވެރިވާ އަދި އިސްރާއީލާއެކު ސިއްރު ގުޅުންތަކެއް ބާއްވަމުން ގެންދާ ގައުމެކެވެ.
އެމެރިކާވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށްޓަކައި އިސްރާއީލާ ގުޅުންތަށް އުފެއްދުން ޝަރުތުކޮށްފައި.
މިފައިސާ ދެއްކުމުގެ އިތުރުން އެމެރިކާވަނީ ޓެރަރިޒަމަށް ވާގިވެރިވާކަމަށް ބުނެ އެމެރިކާ ގެންގުޅޭ ލިސްޓުން ސޫދާނުގެ ނަން ނެގުމަށްޓަކައި އިސްރާއީލާ ގުޅުންތަށް އުފެއްދުންވެސް ޝަރުތުކޮށްފައެވެ. ސޫދާން ސަރުކާރުން ކުރިން ބުނެފައިވަނީ އެސަރުކާރަކީ ވަގުތީ އިންތިގާލީ ސަރުކާރެއް ކަމަށާ އިސްރާއީލާ ގުޅުން އުފެއްދުންފަދަ ސޫދާނުގެ ރައްޔިތުން ކަންބޮޑުވާ އަދި އެކަމަށް ނުރުހޭ ނިންމުމަކާމެދު ގޮތެއް ނިންމަންޖެހޭނީ އިންތިގާލީ މަރުހަލާގެ ފަހުން ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކުރާ ޑިމޮކްރެޓިކް ސަރުކާރަކުން ކަމުގައެވެ. ނަމަވެސް މިހާލަތުގައި ޑިމޮކްރަސީ އެމެރިކާގެ މަސްލަހަތާ ފުށުއަރާތީ މިކަން ގަބޫލުނުކޮށް އެމެރިކާ ގެންދިޔައީ އިސްރާއީލާ ގުޅުންތަށް ގާއިމް ކުރުމަށް ސޫދާނަށް ފިއްތުންތަށް ކުރިމަތި ކުރަމުންނެވެ.
ޓްރަމްޕް އިއްޔެވަނީ ޓެރަރިސްޓުންގެ ލިސްޓުން ސޫދާނުގެ ނަންއުނިކޮށްފައި
އެމެރިކާގެ ކުރުނުކޮށް ފިއްތުންތަށް ބޮޑުކުރަމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން ސޫދާނުގެ ވަގުތީ ސަރުކާރުން އެންމެފަހުން މަޖްބޫރީ ހާލަތުގައި އިއްޔެ މިވަނީ އިސްރާއީލާ ގުޅުންތަށް ގާއިމްކުރަން އެއްބަސްވެފައެވެ. މިއާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެއީ އޭނާގެ ޚާރިޖީ ސިޔާސަތަށް ލިބުނު ކާމިޔާބީ އެއްކަމަށް ސިފަކުރައްވައި ޓެރަރިޒަމަށް ވާގިވެރިވާކަމަށް ބުނެ އެމެރިކާ ގެންގުޅޭ ލިސްޓުން ސޫދާނުގެ ނަން އުނިކޮށްފައެވެ. އިސްރާއީލާ ގުޅުންތަށް ގާއިމްކުރަން އަރަބި ގައުމުތަކަށް ޓްރަމްޕްގެ ސަރުކާރުން ކުރިމަތިކުރާ ފިއްތުންތަށް ގުޅިފައިވަނީ ރިޔާސީ ދެވަނަ ދައުރަކަށް އިންތިޚާބު ވުމަށްޓަކައި ޓްރަމްޕް ކުރިޔަށް ގެންދާ ކޭމްޕޭންއާއެވެ.
އިސްރާއީލަކީ ފަނާކުރަނި ހަތިޔާރު ހަދައިގެން އަވަށްޓެރިންނަށާއި ސަރަހައްދަށް ބިރު ދައްކާ ގައުމެއް
ފަލަސްތީނުގެ ބިމަށް ގަދަބާރުން ވެރިވެގަނެގެން އުޅޭ އަދި ފަލަސްތީނުގެ ރައްޔިތުން އެއްވެސް ހައްގަކާ ނުލައި މަރަމުން ގެންދާ މުސްލިމުންގެ އެންމެ ބޮޑު ދުޝްމަން ކަމަށްވާ އިސްރާއީލަކީ ނިއުކްލިޔާ ހަތިޔާރުފަދަ ފަނާކުރަނި ހަތިޔާރު ހަދައި އަވަށްޓެރި ގައުމުތަކާއި ފަލަސްތީނުގެ ރައްޔިތުންނަށް އެއިން ބިރު ދައްކާ އިސްތިއުމާރީ ފިކުރުގެ ގައުމެކެވެ. މިކަމުގެ ސަބަބުން އިސްރާއީލުވަނީ އަރަބި އިސްލާމީ ދުނިޔޭގައި ވަރަށް ބޮޑަށް އެކަހެރިވެފައެވެ. އަދި މުސްލިމުންނާއި އިންސާނީ ހައްގުތަކާއި އިންސާފަށް ލޯބިކުރާ މީހުންގެ ނަފްރަތާއި ރުޅި އިސްރާއީލަށްވަނީ އަމާޒުވެފައެވެ.
އިސްރާއީލަކީ އެކަހެރިވެފައިވާ ގައުމެއް
އެމެރިކާ ގެންދަނީ ފަލަސްތީނުގެ ހައްގުތަށް ހޯދައިދީ އިސްރާއީލުގެ އަނިޔާވެރިކަން ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި އިސްރާއީލުގެ އެކަހެރިކަން ފިލުވުމަށާއި އިސްރާއީލުގެ އަނިޔާވެރިކަން ދިފާއުކޮށް އިސްރާއީލާ ގުޅުންތަށް އުފައްދަން އިސްލާމީ ގައުމުތަކަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތި ކުރަމުންނެވެ. އެމެރިކާއަށް ބަރޯސާވަނީ ގަލްފުގެ ދެގައުމު ކަމަށްވާ ޔުނައިޓެޑް އަރަބް އިމަރޭޓްސް އާއި ބަހްރައިން އިންވަނީ މި ފިއްތުންތަކާއެކު ދާދިފަހުން އިސްރާއީލާ ގުޅުންތަށް ގާއިމްކޮށްފައެވެ. (ނޫސްއެޖެންސީތައް)