ލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސާއަށް އިތުރު ބާރުތަކެއް ދޭން އެގައުމުގެ ޕާލިމަންޓުން ފާސްކޮށްފި އެވެ.

ލަންކާގެ ގާނުނަށް ބަދަލުގެނައީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ގާނޫނު ފާސްވީ ޕާލަމަންޓްގެ 156 މެމްބަރުންގެ ވޯޓާއެކު އެވެ. އެކަމާ ދެކޮޅަށް 65 މެމްބަރުން ވޯޓު ދެއްވި އެވެ.

އާ އިސްލާހާ އެކު ރާޖަޕަކްސާއަށް މިނިސްޓްރީތައް ހިންގުމާއި މިނިސްޓަރުން އައްޔަނުކުރެއްވުމާއި ވަކިކުރުމާއި، އިލެކްޝަންސް، ފުލުހުންނާއި ހިއުމަން ރައިޓްސް، ސުޕްރީމް ކޯޓު ފަދަ އިދާރާތަަކަށް މީހުން އައްޔަނުކުރުމުގެ ބާރު ލިބޭނެ އެވެ.

އޭގެ އިތުރުން ދެ އަހަރާއި ހަ މަސް ފަހުން ޕާލިމަންޓް އުވާލުމުގެ ބާރު ވެސް ރައީސްއަށް ލިބިވަޑައިގަންނަވާނެ އެވެ. މީގެ ކުރިން ޕާލަމަންޓް އުވާލެވޭނީ ޕާލަމަންޓްގެ ދަރުރު ހަމަވާން ހަ މަހަށް ވުމުންނެވެ.

އާ އިސްލާހާ އެކު އެހެން ގައުމުތަކުގެ ރައްޔިތުކަން އޮންނަ މީހުންނަށް ވެސް ޕާލިމަންޓްގައި ތިބެވޭނެ އެވެ. އެއާ އެކު ރާޖަޕަކްސާ އާއިލާގައި ހިމެނޭ ބަސިލް ރާޖަޕަކްސާއަށް ވެސް ޕާލިމަންޓަށް ކުރިމަތިލެވޭނެ އެވެ.

އެމެރިކާގެ ރައްޔިތުކަން އޮންނަ ބަސިލް މީގެ ކުރިން ވެސް ވަނީ ޕާލިމަންޓްގެ މެމްބަރުކަން ކުރައްވައިފަ އެވެ.

ރައީސް ކަމަށް ވާދަކުރެއްވުމަށް ގޯޓާބަޔަ ވަނީ އެމެރިކާގެ ރައްޔިތުކަން ދޫކޮށްލައިފަ އެވެ.-- އަލްޖަޒީރާ