ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ފުލުސް އޮފީހަށް ރޭ ހާޒިރުވުމުން ފުލުހުން ހައްޔަރުކުރި ގައުމީ ޕާޓީގެ ނާއިބް ރައީސް ވަގުތުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފި އެވެ.

މި އަމުރާ ގުޅިގެން ޖަމީލު ވަނީ މިނިވަން ކޮށްފަ އެވެ.

ޑރ. ޖަމީލު ހައްޔަރުކުރުމާއި ގުޅިގެން އޭނާގެ ވަކީލު އަބްދުﷲ ސައީދު ހުށަހެޅުއްވި މައްސަލައިގެ ހުކުމް އިއްވަވަމުން ކްރިމިނަލް ކޯޓުންގެ ގާޒީ ވިދާޅުވީ ފުލުހުން ޖަމީލު ހައްޔަރުކޮށްފައިވަނީ ގާނޫނާއި ޚިލާފަށް ކަމަށާއި، މައުލޫމާތެއް ސާފުކުރަން ފުލުސް އޮފީހަށް ހާޒިރުކުރުމަށްފަހު އެއްވެސް ރައްޔިތަކު ހައްޔަރުކުރުމަކީ ގާނޫނީ ގޮތުން ފުލުހުންނަށް ލިބިގެންވާ ބާރެއް ނޫންކަމަށެވެ.

ގާޒީ ވިދާޅުވީ ޑރ. ޖަމީލް ހައްޔަރުކޮށްފައިވަނީ ގާނޫނު އަސާސީގެ 46 ވަނަ މާއްދާ އާއި ސުޕްރީމް ކޯޓާއި ހައިކޯޓުން ނިންމާފައިވާ ގަޒިއްޔާތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ހަމަތަކާ ހިލާފަށް ކަމަށެވެ.