23 Oct 2020, 20:32
އައްޑޫ ސިޓީގައި ހިންގަމުންދާ ފްލައިން ސްކޫލް، އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އިން ހަތަރު ދަރިވަރަކު ވަކިކޮށްފިއެވެ.
"ސަން" އަށް އެނގިފައިވާގޮތުގައި އެ ދަރިވަރުންތައް ވަކިކޮށްފައިވަނީ މިއަދު ހަވީރުއެވެ.
ފްލައިން ސްކޫލްގެ ހިންގުން ދޯދިޔާވެ ކުދިންނަށް ކޯސް ފުރިހަމަ ނުކުރެވި ކޯސް ދިގުދަންމާލަމުންދާތީ އެ ސްކޫލްގެ ދަރިވަރުންތަކެއް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ޕެޓިޝަނެއްވެސް ދާދި ފަހުން ހުށަހެޅިއެވެ. އެ ޕެޓިޝަން ހުށަހަޅި ކުދިންގެ ތެރޭގައި އެ ހަތަރު ދަރިވަރުންވެސް ހިމެނެއެވެ.
ކޯހުން ވަކިކުރި ދަރިވަރަަކަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނީ އެ ދަރިވަރު ކޯހުން ވަކިކުރީ ކޯހުގެ މުއްދަަތު ފަހަނަ އަޅާ ދިޔައިރުވެސް ކޯސް ނިމިފައިނުވުމާއި ކިޔެވުމަށް ފަރުވާކުޑަވުމުގެ ސަބަބުން ކަމަށެވެ.
ނަމަވެސް އެ ދަރިވަރު "ސަން" އަށް ބުނީ އޭނާއަށް ކޯސް ފުރިހަމަ ކުރަން ދިން މުއްދަތު އަދި ހަަމަވެސް ނުވާ ކަމަށެވެ.
" ދެ އަަހަރު އިންނަނީވެސް ކޯސް ފުރިހަމަ ކުރަން. އަދި ކޯސް ފެށިތާ އަދި ދެ އަހަރުވެސް ނުވޭ. ފައިސާގެ މައްސަލައެއްް ނޯންނާނެ. ދެން ބަލިވެގެން ސިކް ލީވް ނެގިން" ދަރިވަރު "ސަން" އަށް މައުލޫމާތު ދެމުން ބުންޏެވެ.
އޭނާ ބުނީ އެ މައްސަލަ ހަޔާ އެޑިއުކޭޝަނަށް ހުށަހެޅުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.
ފްލައިން ސްކޫލްގެ ޕައިލެޓްކަން ކިޔަވަން އާންމުކޮށް ހޭދަވަނީ އެއް އަހަރާއި 18 މަސް ދުވަހުގެ މުއްދަތެކެވެ. އަދި އެ މުއްދަތު ނިމުމުން ދަރިވަރުން ހަ މަސްތެރޭގައި ލޯން ދައްކަން ބަޔާންކޮށްފައި އޮތް ނަމަވެސް ކޯސް ދިގުލައިގެން ގޮސް ދެތިން އަހަރުވެސް ހޭދަވެ އެވެ.
ދަރިވަރުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން އެ އެކެޑެމީގައި ކިޔަވާ ދަރިވަރުންގެ ލޯންތައް ދެއްކުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ކޯސް ނިންމާތާ ހަ މަސް ދުވަހަށް ފަސްވެސް ކޮށްދީފައެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން އެ އެކަޑަމީ އޮޑިޓްކުރުމަށްފަހު 2019 ވަނަ އަހަރުގެ އޭޕްރިލް މަހު އަދި މިއަހަރުގެ އޮކްޓޯބަރު މަހުވެސް ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ކަންކަން ކަންކަން ފާހަގަކޮށްފައިވާ ކަމަށެވެ.
ހަޔާ އެޑިއުކޭޝަނުން ބުނީ ޒިންމާދާރުކަމާއިއެކު ދަރިވަރުންގެ ޕްރޮގްރާމް ފުރިހަމަކޮށްދިނުމާއި، ޕްރޮގްރާމްގެ ފެންވަރު ހިފެހެއްޓުމަށް އޭއޭއޭ އަށް އަންގާފައިވާނެ ކަމަށެވެ.