މޮސްކޯ (ޖަނަވަރީ 19) : ސޫރިޔާއަށް ޢަސްކަރީގޮތުން ވަދެގަތުމުގެ ފުރުސަތު ހުޅަނގަށް ނުދޭނެކަމަށް ރަޝިޔާ ބުނެފިއެވެ.

ސޫރިޔާއާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކުރުމަށް އެމެރިކާ އާއި ޔޫރަޕް އިސްވެއޮވެގެން މަސައްކަތްކުރާ ޤާރާރުގެ ދެލިކޮޕީއާމެދު ރަޝިޔާ ގެންގުޅޭ ސިޔާސަތު ގުޑުވާލުމަށް މަސައްކަތްކުރަމުން ގެންދާކަމަށް ތުހުމަތު ކުރައްވަމުން ރަޝިޔާގެ ޚާރިޖީ ވަޒީރު ވިދާޅުވީ ސޫރިޔާއަށް ބޭރުގެ ބާރުތައް ވަދެގަތުމާއި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަކީ ރަތް ރޮނގެއް ކަމުގައެވެ.

އެރަތްރޮނގު ހުރަސްކުރުމުގެ ފުރްސަތު ހުޅަނގަށް ނުދޭނެކަމަށާއި ރަޝިޔާއަކީ ސަލާމަތީ މަޖިލީހުގައި ވީޓޯގެ ބާރު ލިބިފައިވާ ޤައުމެއްކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރގީ ލާވްރޯވް ވިދާޅުވިއެވެ.

ލާވްރޯވް ވިދާޅުވީ ސޫރިޔާގައި ހިނގަމުންދާ މީހުން މެރުމުގެ ޢަމަލުތައް ހުއްޓާލަންޖެހޭ ކަމުގައެވެ. މިޢަމަލުތަކުގެ ފަހަތުގައިވާ ހުރިހާ ފަރާތްތައް މައިތިރިވެ ސުލްޙައިގެ މޭޒުދޮށަށްގޮސް ވާހަކަދައްކައިގެން މައްސަލަ ޙައްލުކުރުމަށް ލާވްރޯވް ސޫރިޔާ ސަރުކާރަށާއި އިދިކޮޅު ފަރާތްތަކަށް ގޮވާލެއްވިއެވެ.

ސޫރިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އދ. ގެ ސަލާމަތީ މަޖިލީހުން ޤަރާރެއް ފާސްކުރުމަށް އެމެރިކާއާއި ޔޫރަޕް އިސްވެއޮވެގެންކުރާ މަސައްކަތް ކާމިޔާބުނުވާނެ ކަމަށް ލާވްރޯވްގެ މިވާހަކަތަކުން ހާމަވާ ކަމަށް މުރާސިލުން ބުނެއެވެ.
ސޫރިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އދ. ގެ ސަލާމަތީ މަޖިލީހުން ޤަރާރެއް ފާސްކުރުމަށް މީގެ ކުރިން އެމެރިކާއާއި ޔޫރަޕް ކުރި މަސައްކަތް ޗައިނާއާއި ރަޝިޔާވަނީ ވީޓޯގެ ބޭނުންކޮށްގެން ނާކާމިޔާބުކޮށްލާފައެވެ. -- އަލްޖަޒީރާ