މިހާރު އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމާއިއެކު ރާއްޖެ އަންނަން ޝެޑިއުލް ކޮށްފައި ހުރި ކްރޫޒް ލައިނާ ތަކުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓް (މާޔާ) އިން ބުނެފި އެވެ.

ރާއްޖެ އަންނަ ސުޕަ ޔޮޓް ތަކާއި ކްރޫޒް ލައިނާ ތަކުގެ އެޖެންޓް ކަން ކުރާ މާޔާގެ ސެކްރެޓަރީ ޖެނެރަލް މުހަންމަދު އަލީ މިއަދު ވިދާޅުވީ ރާއްޖެ އައުމުގެ މަގުމަތީގައިވާ ގިނަ ކްރޫޒް ލައިނާ ތަކުން އެ ޖަމްއިއްޔާއަށް ގުޅާ މާލޭގައި އުފެދިފައިވާ ހަލަބޮލިކަމާ މެދު ކަންބޮޑުވުން ފާޅުކުރަން ފަށާފައިވާ ކަމަށެވެ.

"އެ ކްރޫޒްލައިނާ ތަކައް ވެސް މާލޭގައި މިހާރު ހިނގާ ކަންތައްތަކުގެ ހަބަރު ގޮސްފި. އެ ހަބަރުތަށް ލިބުނީމަ އަޅުގަނޑުމެންނަށް ގުޅާފައި މާލެ ރައްކާތެރިތޯ ސުވާލުކުރަމުން އެބަދޭ،" އޭނާ ވިދާޅުވި އެވެ.

އެތައް ހާސް ޓޫރިސްޓުންނެއް އަންނަ ކްރޫޒްލައިނާތައް މާލޭގެ ބޭރަށް ބަދަރުކުރަން ފަށާފައިވާއިރު މުހަންމަދު އަލީ ވިދާޅުވީ އެ ކްރޫޒް ލައިނާ ތަކުން އެންމެ ކަންބޮޑުވަނީ އެކި ހިދުމަތްތައް ހޯދުމަށް މާލެއަށް ފައިބާ ޓޫރިސްޓުންގެ ރައްކާތެރި ކަމާ މެދު ކަމަށެވެ.
"އެމީހުން މާލެ ބަލައިލާ ހަނދަން ވެސް ފައިބާނެ. އެކަމަށް ވެސް ބޭނުންވާނެ. އެކި ހިދުމަތްތައް ވެސް ހޯދާނެ. އެމީހުންގެ ރައްކާތެރިކަމާ މެދު ޔޮޓްތަކުން ކަންބޮޑުވަނީ،" އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް ހަފުތާ ތެރޭގައި ރާއްޖެއަށް ގިނަ ކްރޫޒް ލައިނާ ތަކާއި ސްޕަ ޔޮޓްތަކެއް އަންނަން ޝެޑިއުލްކޮށް ހުރިހާ ކަމެއް ނިންމާފައިވާ ކަމައް މާޔާއިން ބުނެ އެވެ. ނަމަވެސް ސިޔާސީ ކޯޅުންތަކުގައި ރާއްޖޭގެ ހަލަބޮލިވެ ކްރޫޒް ލައިނާތަކުން ކަންބޮޑުވުން ފާޅުކުރާ ކަމަށް ވެއެވެ.