22 Oct 2020, 20:27
ރާއްޖޭ މައި އެއާޕޯޓު ވެލާނާ އިންޓަނޭޝަލް އެއާޕޯޓު ހިންގާ ކުންފުނި، މޯލްޑިވް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިއްޔެ ބޭއްވި ލޭ ހަދިޔާ ކުރުމުގެ ކެމްޕެއިންގައި 50އެއްހާ މުވައްޒަފުން ލޭ ހަދިޔާކޮށްފި އެވެ.
"އިންސާނިއްޔަތަށްޓަކައި ލޭ ހަދިޔާ ކުރައްވާ" ނަމުގައި ތެލެސީމިއާ ސެންޓަރާ ގުޅިގެން ބޭއްވި އެ ކެމްޕެއިން ފައްޓަވައި ދެއްވީ އެ ކުންފުނީގެ ސީއީއޯ ގޯޑަން އެންޑްރޫ ސްޓުއާޓް އެވެ. އިއްޔެ ހެނދުނު 10:00 އިން ހަވީރު 5:00 އަށް ކެމްޕެއިން ކުރިއަށް ގެންދިޔައެވެ.
އެ ކެމްޕެއިނާ ގުޅޭގޮތުން އެެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު "ސަން"އަށް ވިދާޅުވީ، ކެމްޕެއިނަށް މުވައްޒަފުންގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އެގޮތުން ހަތް ގަޑިއިރުތެރޭ 50 މުވައްޒަފަކު ލޭ ހަދިޔާ ކުރި ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެގެ ސީއެސްއާރު ހަރަކާތެއްގެ ގޮތުގައި މި ކެމްޕެއިން ސިލްސިލާ ގޮތެއްގައި ބޭއްވުމަށް ވަނީ ނިންމާފައި. އެގޮތުން އަނެއްކާވެސް ތިން މަހެއްހާ ދުވަސް ފަހުން މިފަދަ ކެމްޕެއިނެއް ބޭއްވުމަށް ވަނީ ނިންމާފައި،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކެމްއިންގެ މަގްސަދަކީ ތެލެސީމިއާ ކުދިންނަށް ދަތިތަކެއް ނުވެ ލޭ ލިބުމަށް މަގުފަހިކޮށްދިނުން ކަމަށް ތެލޭސީމިއާ ސެންޓަރަށް އެހީތެރިވުން ކަމަށެވެ. ލޭ ލިބުމަށް ދަތިވެފައިވާ މި ދަނޑިވަޅުގައި، އެހެން ވުޒާރާތަކުންވެސް ތެލެސީމިއާ ސެންޓަރަށް އެހީތެރިވުމުގެ ގޮތުން މިފަދަ ކެމްޕެއިންތައް ބޭއްވުމަށް އަރީފު އިލްތިމާސް ކުރެއްވިއެވެ.