ރާއްޖޭގެ ހިއްސާގެ ބާޒާރު، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ގައި ދިރާގުގެ ހިއްސާ އާންމުކޮށް ގަނެ ވިއްކަން ފަށައިފި އެވެ.

އެކަން އިއުލާން ކުރަމަށް ދިރާގުން އިއްޔެ އާންމު ކުރި ބަޔާނެއްގައި ބުނަނީ ހިއްސާ ގަތުމަށް ހުޅުވާލި ފުރުސަތުގައި ހިއްސާގަތުމަށް އެދުނު އަދަދަށް ކޮންމެ މީހަކަށް ވެސް ހިއްސާ އެކަށައަޅައި، ސެކިޔުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ)ގައި ހިއްސާދާރުންނަށް އެކައުންޓްތައް ވެސް މިހާރު ހުޅުވާފައިވާ ކަމަށެވެ.

ދިރާގުގައި އޮންނަ ސަރުކާރުގެ 48 ޕަސެންޓް ހިއްސާގެ ތެރެއިން ވިއްކަން އިއުލާން ކުރީ 15 ޕަސެންޓަށްވާ 11 މިލިއަން ހިއްސާ އެވެ. މޫނުމަތީ އަގުގެ 2.50ރ. އާއި ޕްރިމިއަމްގެ 77.5ރ. އާއެކު 80ރ. ގެ ރޭޓުން ދިރާގުން ހިއްސާ ވިއްކިއިރު ވިކުނީ 11.4 މިލިއަން ހިއްސާ އެވެ.

ދިރާގުން ބުނީ ހިއްސާ އެކަށައެޅުނު ގޮތުގެ ތަފްސީލް ހިއްސާދާރުންނަށް ޕޯސްޓްގެ ޒަރިއްޔާއިން ފޮނުވާނެ ކަމަށެވެ.

ދިރާގުގެ ހިއްސާގެ ބޮޑު ބައެއް އެސްޓީއޯ އާއި އެލައިޑުން ވަނީ ގަނެފަ އެވެ. އެސްޓީއޯ އިން ގަތީ ވިއްކަން އިއުލާންކުރި ހިއްސާގެ ތެރެއިން 13.7 ޕަސެންޓެވެ. އަދި އެލައިޑުން އެއް ޕަސެންޓް ހިއްސާ އެވެ. އަދި ޕެންޝަން އޮފީހުން ވަނީ 11 ޕަސެންޓް ހިއްސާ ވެސް ގަނެފަ އެވެ. ޖުމްލަ 25.7 ޕަސެންޓް ހިއްސާ އެ ތިން ފަރާތުން ގަނެފައިވެ އެވެ.