14:30


ފުލުހުންގެ ލީގަލް ޓީމުގައި އެޓާނީ ޖެނެރަލްގެ އިސް ބޭފުޅަކު ހިމަނައިފައިވާ މައްސަލަ އިތުރަށް ބެއްލެވުމަށް ފަނޑިޔާރުންގެ ބެންޗަށް ވަގުތު ބޭނުންފުޅުވާ ކަމަށް ވިދާޅުވެ ސުޕްރީމު ކޯޓުގެ އަޑުއެހުން ފަސްކޮށްފި އެވެ.


ފަނަރަ ދުވަހަށް ގޭ ބަންދުގައި ބެހެއްޓުމަށް، ހައި ކޯޓުން ކުރި ހުކުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހައިކޯޓުގައި އިސްތިއުނާފްކުރި މައްސަލައިގައި، ގާސިމްގެ ފަރާތްޕުޅުން ހުށަހެޅުއްވި، ނުކުތާތަކަށް ރިއާޔަތް ކުރެއްވުމަށް ފަނޑިޔާރުންގެ ބެންޗަށް ފެނިވަޑައިގަންނަވާ ވިދާޅުވެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ޝަރީއަތުގެ މަޖިލިސް މެދުކަނޑާލެއްވީ ބާރަގަޑި ފަންސާހުގަ އެވެ.


މިއަދު އެގާރަ ޖެހިއިރު ސުޕުރީމް ކޯޓުގައި ބޭއްވި މި ޝަރީއަތުގެ މަޖިލީހުގައި، ފުލުހުންގެ މައްޗަށް އިލްތިމާސްކޮށްދެއްވުމަށް އެދި ގާސިމްގެ ފަރާތުން މި މައްސަލަ ހުށަހެޅުއްވީ، ގާސިމް އިބްރާހިމްގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ބަންޑާރަ ނާއިބު ޑރ. ހަސަން ސައީދެވެ.


ނުވަ ނުކުތާއެއް ފާހަގަކުރައްވައި، މި މައްސަލަ ހުށަހަޅުއްވަމުން ޑރ. ހަސަން ސައީދު ވިދާޅުވީ، ފުލުހުން ގާސިމް އިބްރާހިމް ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ގާސިމް ހައްޔަރުކުރުމަށްފަހު ވަގުތުން ސަބަބު އަންގާފައި ނުވުމާއި، ފުލުހުންގެ ހައްޔަރުގައި ހުއްޓައި، ޖިނާއީ ކޯޓުން އެންގި އެންގުމަށް ގާސިމް ހާޒިރު ނުކުރުމަކީ، ގާނޫނު އަސާސީއާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ.


15 ދުވަހަށް ގޭބަންދު ކުރުމަށް ހައިކޯޓުން ގާސިމުގެ މައްޗަށް ހުކުމްކޮށްފައި ވަނީ ހުށަނޭޅޭ މައްސަލައަކަށް ކަމަށާއި، ހައިކޯޓުން އެ ހުކުމް ކޮށްފައި ވަނީ، ފުލުހުންގެ ހައްޔަރުގައި ޖަލުގައި ގާސިމް ބަހައްޓައިދިނުމަށް އެދި ފުލުހުން ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށް ވެސް ޑރ. ހަސަން ސައީދު ވިދާޅުވި އެވެ. އަދި މި މައްސަލަ ފެށިފައި ވަނީ ވެސް ގާނޫނާ ހިލާފަށް ކަމުން އޭގެ ފަހުން އަންނަ މަރުހަލާތައް ރަނގަޅުވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި އެހެންކަމުން ގާސިމް އިބްރާހީމަކީ މިނިވަނެއްގެ ގޮތުގައި ހުކުމްކޮށްދިނުމަށް ވެސް ޑރ. ހަސަން އެދިވަޑައިގެންނެވި އެވެ.


މި މައްސަލަ މެދުކަނޑާލެއްވުމަށް އުއްތަމަ ފަނޑިޔާރު ނިންމެވީ، މި މައްސަލައިގައި ފުލުހުންގެ ފަރާތުން ޖަވާބު ދެއްވުމަށް، އެޓާނީ ޖެނެރަލް އޮފީހުގެ ޑެޕިއުޓީ ސޮލިސިޓަރ ޖެނެރަލްކަމުގެ މަގާމުގައި ހުންނެވި އިބްރާހިމް ރިއްފަތު ފުލުހުންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެން މައްސަލައަށް ޖަވާބު ދެއްވަން ފެއްޓެވުމާ ގުޅިގެން ގާސިމުގެ ގާނޫނީ ޓީމުން ފާހަގަކުރެއްވި ގާނޫނީ ނުކުތާ ތަކަކާ ގުޅިގެން، ރިއްފަތު، ފުލުހުންގެ ގާނޫނީ ޓީމުގައި ނުހިމެނުމަށް އުއްތަމަފަޑިޔާރު އެންގެވުމަށްފަހު އެވެ.


ގާސިމްގެ ގާނޫނީ ޓީމުން ފާހަގަކުރެއްވި ނުކުތާތަކުގެ ތެރޭގައި، އެޓާނީ ޖެނެރަލް ނެތް ވަގުތެއްގައި އެޓާނީ ޖެނެރަލްގެ އޮފީހުގެ ބޭފުޅަކަށް ވަކާލާތު ނުކުރެވޭނެކަން ފާހަގަކުރެއްވި އެވެ. ނަމަވެސް އެ ގާނޫނީ ނުކުތާތަކަށް ޖަވާބު ދެއްވަމުން ރިއްފަތު ވިދާޅުވީ، އޭނާ އެ ޓީމުގައި ހިމެނިވަޑައިގަންނަވަނީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ނޫން ކަމަށާއި ވަކީލެއްގެ ހައިސިއްޔަތުން ކަމަށެވެ. ނަމަވެސް ޑރ. ހަސަން ސައީދު ވިދާޅުވީ، ރިއްފަތަކީ ސިޔާސީ މަގާމެއްގައި ހުންނެވި ބޭފުޅެއް ކަމަށާއި، އެޓާނީ ޖެނެރަލާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ވަކާލާތު ކުރެވޭ މައްސަލަތައް ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ނުކުތާތަކަށް ރިއާޔަތް ކުރެއްވުމަށް ޝަރީއަތުގެ މަޖިލިސް ނިންމަވާލެއްވި އެވެ.


ގާސިމްގެ އިސްތިއުނާފުގެ މައްސަލަ މިއަދު 3 ޖަހާއިރު އަލުން ފަށާ ގޮތަށް މިހާރު ވަނީ ހަމަޖެހިފަ އެވެ. އަދި 3 ޖަހާއިރު ކުރިން ފަށަން އޮތް އަބްދުﷲ ޔާމީންގެ މައްސަލަ ވަނީ ފަސްކޮށްފަ އެވެ.