22 Oct 2020, 15:44
ނައިޖީރިއާގައި މިހާރު ކުރަމުންދާ "އެންޑް ސާސް" މުޒާހަރާތައް ހޫނުވެ ފުލުހުން ބަޑިޖެހުމުން އެތައް ބަޔަކު މަރުވެއްޖެ އެވެ.
އެގޮތުން އިއްޔެގެ މުޒާހަރާތަކުގައި ވެސް ވަނީ ސުލްލަވެރިކަމާ އެކު މުޒާހަރާކުރަމުން ދިޔަ 12 މީހަކު މަރާލައިފަ އެވެ.
އޭގެ އިތުރުން މިދިޔަ އަންގާރަ ދުވަހު ވެސް ވަނީ މުޒަހަރާތަކުގައި 38 މީހުން މަރާލައިފަ އެވެ. އެއާ އެކު މި ދެ ހަފްތާތެރޭ މަރުވި މީހުންގެ އަދަދު މިހާރު ވަނީ 56 އަކަށް އަރައިފަ އެވެ.
ނައިޖީރިއާގައި މުޒަހާރަތައް ފެށީ އެގައުމުގައި ވައްކަމާއި މީހުން ރަހީނުކުރުން ފަދަ ކަންކަމާ ދެކޮޅަށް ހަރަކާތްތެރިވާ ފުލުހުންގެ ހާއްސަ ޑިޕާޓްމެންޓެއް ކަަމަށްވާ "ސާސް" އުވާލުމަށް އެދި އެވެ. ނައިޖީރިއާގެ މީހުން ބުނާ ގޮތުގައި އެ ޑިޕާޓްމަންޓުން މީހުން އެއްވެސް ކަމަކާ ނުލާ ހިފެހެއްޓުމާއި ގަވައިދާ ހިލާފަށް މީހުން ހައްޔަރުކޮށްފައި ބެހެއްޓުމާއި އަންހެނުންނަށް ޖިންސީ ގޯނާކުރުން ފަދަ އެތައް ކަމެއް ހިނގާ ކަމަށެވެ.
އެމްނެސްޓީ އިންޓަނޭޝަނަލްއިން ބުނީ މުޒަހަރާތަކުގައި މީހުންގެ ގަޔަށް ބަޑިޖަހަން ފެށީ ވެސް އެއްވެސް ބެލުމެއް ނެތި އިންޒާރު ދިނުމެއް ނެތި ކަމަށެވެ.
އޭގެ އިތުރުން މުޒާހަރާކުރަމުން ދިޔަ މީހުން ތިބި ތަންތަނުގައި ތިބި ސީސީޓީވީތައް ވެސް ނަގައިފައިވާ ކަަމަށެވެ. އެކަންކުރީ ފުލުހުންގެ އަނިޔާވެރިކަން ފޮރުވަންކަމަށް ވެސް ބުނެފައިވެ އެވެ.
މުޒާހަރާތަކާ ގުޅިގެން ސަރުކާރުން ވަނީ ސާސް ޔުނިޓް އުވާލަން ނިންމިކަން ހާމަކޮށްފަ އެވެ. ނަމަވެސް މުޒާހަރާތައް ކުރަމުން ދިޔަ މީހުން ދަނީ ކޮރަޕްޝަން ނައްތާލައި އިސްލާހީ ބޮޑެތި ބަދަލުތަކާއި އަނިޔާވެރިކަން އެއްކޮށް ނައްތާލުމަށް އެދި މުޒާހަރާކުރަމުންނެވެ.
ތެލުގެ މުއްސަނދިކަން ލިބިފައިވާ ނައިޖީރިއާގައި 200 އެއްހާ މިލިއަން މީހުން ދިރިއުޅޭއިރު އެކަށީގެންވާ ހިދުމަތް ނުލިބުމާއި ފަގީރުކަމުގެ މައްސަަލަ އެގައުމުގައި ވަރަށް ބޮޑެވެެ. --އޭޕީ--