19 Jan 2012, 08:41
ހަމައެކަނި ދުވަހުގެ ސުރުހީތަކަށް ބަލައިލާށެވެ؛ ރާއްޖޭގައި ބަދުއަޚްލާގީ ޢަމަލުތައް އާންމު ވަމުންދާ، އަދި އާންމުވެފައިވާވަރު ވަޒަންކޮށްލާކަށް އުނދަގުލެއް ނުވާނެ އެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ "ޖިންސީ ބަލިމަޑުކަމެއް"ގެ ތެރެއަށް ދިވެހިން ހާއްސަކޮށް ޒުވާނުން ގެނބެމުންދާ ދިއުމެވެ. ޖިންސީ ގުޅުންތަކުން ޖެހޭ ބަލިތައް ޒުވާނުންގެ ތެރޭގައި ބާރަށް ފެތުރެމުންދާ ދިއުމެވެ.
މިދިޔަ ހޯމަ ދުވަހު ސީސީއެޗްޑީސީން ނެރުނު އަހަރުގެ ފެކްޓްޝީޓަށް ބަލާއިރު ޖިންސީ ގުޅުމުންޖެހޭ ބަލި ޒުވާނުންތެރޭގައި އިތުރުވެފައިވާ ކަމުގެ އިޝާރަތް ވަނީ ކޮށްފަ އެވެ. މިއީ މިހާތަނަށް ވެސް ފާޑަކަށް ސިއްރުވެފައި އޮންނަ ސީރިއަސް ކަމެކެވެ.
ކޮމިނިއުޓީ ހެލްތު އެންޑް ޑިޒީސް ކޮންޓޮރޯލް ޔުނިޓުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައި ޑރ. އަހުމަދު ޖަމްޝީދު ވިދާޅުވީ ރާއްޖޭގެ މިވަގުތުގެ ހާލަތައް ބަލައި ޖިންސީ ބަލިތައް ވަރުގަދައަށް ފެތުރިދާނެ ކަމުގެ ބިރުވެރިކަން ވަރަށް ބޮޑަށް އެބައޮތް ކަމަށެވެ.
އަވަށްޓެރި ގައުމުތަކުގައި ކަން ހިނގާފައިވާ ގޮތަށް އިޝާރާތް ކުރައްވާ ޑޮކްޓަރު ވިދާޅުވަނީ އެފަދަ އާދަކާދަތައް ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގައި ދިގުލައިދާން ފުރުސަތު ލިބިއްޖެ ނަމަ ޖިންސީ ބަލިތަކުގެ ބިރުވެރިކަން ކުއްލިއަކަށް އިތުރުވެ ގޯސްވެދާނެ ކަމުގެ ބިރު ރާއްޖެއަށް ވަރަށް ބޮޑު ކަމަށެވެ.
"ޖިންސީ ގުޅުމުން އަރާ ބަލިތައް މާ ބޮޑަށް ފާހަގަ ކުރެވިގެން ބަޔަކު ނޫޅުނު ނަމަވެސް އެހެން ގައުމުތަކުގައި ވެފައިހުރި ގޮތަށް [ރާއްޖެއަށް] ވެގެންދިއުމަކީ ގާތް ކަމެއް. އެއީ އިންޑިއާ އާއި ތައިލެންޑްގެ ބެންކޮކްގައި ޖިންސީ ބަލިތައް އިތުރުވެގެންދިޔައީ އެފަދަ އާދަކާދަތައް ގިނަ ދުވަސްތަކެއް ވަންދެން ހުރުމަށްފަހު ކުއްލި އަކަށް. އެހެންވީމަ އެއީ ރާއްޖެ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް،" ޑރ. ޖަމްޝީދު ވިދާޅުވި އެވެ.
ސީސީއެޗްޑީސީގެ ރިޕޯޓުން އިންޒާރުގެ ރަނގަބީލު ޖަހައިދިން ނަމަވެސް ޒުވާން ޑރ. ވިދާޅުވި ގޮތުގައި ރާއްޖޭގައި ޖިންސީ އަމަލުތައް މިހާރު އާންމުވެފައި އޮތް މިންވަރާ ބަލާއިރު ޖިންސީ ގުޅުމުން އަރާ ބަލިތައް ރާއްޖޭގައި އަދި އެންމެ ވޯސްޓަކަށް ނުދެ އެވެ. މިހާތަނަށް ހަދާފައިވާ ދިރާސާ ތަކުން އެކަން އެގޮތަށް ދައްކަ އެވެ.
ދެހާސް ހަތްވަނަ އަހަރު ހެދި ދިރާސާއަކުން ދައްކާ ގޮތުގައި "ހައި ރިސްކު" ގުރޫޕްގެ ތެރޭ ހިމެނޭ އެއްޖިންސުން ގުޅުން ހިންގާ މީހުންނާ ޑްރަގް އިންޖެކްޓް ކުރާ މީހުންގެ މެދުގައި ހެޕަޓައިޓިސް ބީ ކަހަލަ ޖިންސީ ގުޅުމުން އަރާ ބަލި ހުންނަންޖެހޭ މިންވަރަށް ވުރެ އިތުރު ވެފައިވާ ކަމަށް ދެއްކި އެވެ.
ނަމަވެސް މިހާރުގެ ޒުވާން ޖީލުގެ މެދުގައި"ހެޕަޓައިޓިސް ބީ" ފެތުރުން ކޮންޓްރޯލުވެފައި ވަނީ ތުއްތު ކުއްޖާ ވިހާތަނުން ވެސް ހެޕަޓައިޓިސް ބީގެ ފުރަތަމަ ޑޯޒު ދެމުން ގެންދާތީ ކަމަށް ގިނަ ސިއްހީ މާހިރުން ދެކަވަޑައިގަންނަވަ އެވެ.
އެއާ ހިލާފަށް ރާއްޖޭގައި އެޗްއައިވީ އެއިޑްސް އާއި ސިފިލިސް އާއި ގޮނޯރިއާގެ އިތުރުން ޖިންސީ ގުޅުމުން އަރާ ގްރަމޭޑިއާ ފަދަ ބަލިތައް ދަނީ ފެންނަމުންނެވެ. ޚާއްސަކޮށް ގޮނޯރިއާ ފެންނަ މިންވަރު އިތުރު ވަމުން އަންނަ ކަމަށް ސިއްހީ އިދާރާތަކުން ދަނީ ބުނަމުންނެވެ.
ސީސީއެޗްޑީސީގެ ޑިރެކްޓާ މައިމޫނާ އަބޫބަކުރު ވިދާޅުވި ގޮތުގައި ރާއްޖޭގެ އާބާދީގެ ސާވޭ އަކަށް ނުދިޔަ ނަމަވެސް މިހާރު ހަދާ ސްކިރީނިން ޕްރޮގްރާމްތަކުގެ ތެރެއިން ވެސް ޖިންސީ ގުޅުމުން އަރާ ބަލިތަކަށް ބައެއް މީހުން ޕޮޒިޓިވްވެއެވެ. އޭގެ ތެރޭގައި ސްކިރީނިން ޕްރޮގްރާމްތަކުގެ ތެރެއިން ނުފެނި ފުރޭނިގެންދާ މީހުން އުޅުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް މައިމޫނާ ވިދާޅުވި އެވެ.
މިހާތަނަށް ދިވެހި ދެ އަންހެނަކާއި 13 ފިރިހެނެއްގެ ހަށިގަނޑުން އެޗްއައިވީ ފެނިފައިވާއިރު، އެ ޓެސްޓްތައް ހަދަމުން އަންނަނީ އަމިއްލަ އަށް އެދިގެން އަންނަ މީހުންގެ އެކަންޏެވެ. އެހެންކަމުން އެ ބަލީގެ ވެސް ސައްހަ ތަފާސް ހިސާބެއް ރާއްޖޭގައި އެނގިފައެއްނުވެ އެވެ. އަދި އެފަދަ ބަލިތައް މިހާރުގެ އާބާދީގައި އިތުރުވާނެ ކަމަށް ވެސް ސިއްހީ ފަރާތްތަކުން ބުނެ އެވެ.
ޖިންސީ ގުޅުމުން އަރާ ބަލިތަކަށް މަގުފަހިވާފަދަ އާދަކާދަތައް އިތުރު ވަމުންދާއިރު މުޅި އާބާދީގެ ތަފާސް ހިސާބެއް ފެންނަން ނެތް ނަމަވެސް ޖިންސީ ގުޅުމުން ގައިން ގަޔަށް އަރާ ބަލިތައް އިތުރު ވާނެ ކަމަށް ސިއްހީ އިދާރާތަކަށް ޔަގީންވެ އެވެ.
"އެންމެ ބޮޑު ބިރަކީ އެޗްއައިވީއަށް މަގުފައިހިވާ އެތަށް ބައިވަރު ކަންތައްތަކެއް އަޅުގަނޑުމެންގެ މުޖުތަމައުގެ ތެރެއިން އެބަފެނޭ. ޑްރަގް ބޭނުންކުރާ މީހުން ޝެއާ ކޮށްގެން އިންޖެކްޝަން ބޭނުން ކުރުން އިތުރުވާ ކަމުގައި ވަންޏާ އެއީ ވަރަށް ބޮޑު ރިސްކެއް. އޭގެ ތެރެއިން ބްލަޑް ޓްރާންސްމިޓް ކޮށްގެން މިބަލި މި ޖެހެނީ. އަދި ސެކްޝުއަލް ވަރަށް ރިސްކީ ބިހޭވިއާތައް މުޖުތަމައުގެ ތެރެ އެބަހުރި،" މައިމޫނާ ވިދާޅުވި އެވެ. "އެއްޖިންސުން ގުޅުން ހިންގުން އޮންނަ ކަން މިހާރު ހަދާފައި ހުރި ދިރާސާ ތަކުން އެބަދައްކާ. ކޮންޑަމް [ސުންނި އުރަ] ބޭނުން ނުކުރާ ކަމަށް ވަންޏާ އެ ރިސްކު ވެސް އަދި ވަރަށް ބޮޑަށް އެބައޮތް. އަދި ބައެއް ދިމަދިމާގައި ސެކްސް ވޯކް ވެސް އެބައޮތް،"
ސަރުކާރުން ގެންދަނީ ކަންބޮޑުވުންތަކުގެ މައްޗަށް ބަލައި ނެޝެނަލް ސްޓެރެޓެޖިކް ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެއީ މިހާތަނަށް ވެސް މާބޮޑު އަމަލީ ފިޔަވަޅެއް އެޅިފައިނުވާ ކަމަކެވެ. މައްސަލަ އަށް ހައްލެ ނުހޯދި އޮއްވެ ޖިންސީ ބަލީގެ ބިރުވެރިކަމުގެ ރަނގަބީލު އަންނަނީ ގަދަވަމުންނެވެ.