22 Oct 2020, 09:54
ވޮޝިންޓަން (އޮކްޓޯބަރު 22) : އެމެރިކާގައި ދޮންމީހުންގެ ނެޝަނަލިޒަމްގެ ހަރުކަށި ގްރޫޕްތަށް ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ފާޅުވާން ފަށައިފި ކަމަށާ ނޮވެމްބަރު 3 ގައި ބާއްވާ ރިޔާސީ އިންތިޚާބަށްފަހު އެމެރިކާ ބޮޑު ހަމަނުޖެހުންތަކެއްގެ ތެރެއަށް ވެއްޓުން ގާތްކަމަށް އެގައުމުގެ މަޝްހޫރު މުފައްކިރެއް ކަމަށްވާ ކެވިން ޖޭމްސް ބެރިޓް ވިދާޅުވެއްޖެއެވެ.
އެމެރިކާގެ މުޖްތަމައުވަނީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައި
ބެރިޓް ދެއްވި ބަޔާނެއްގައި ވިދާޅުވީ އެމެރިކާ މިއަދުވަނީ ހަގީގަތުގައިވެސް ހަތަރު އަނގޮޅިއެއްގެ ކަންމަތީގައި ކަމަށާ ޓްރަމްޕް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިޔަސް އަދި އިދިކޮޅު ކެންޑިޑޭޓް ޖޯ ބައިޑެން ކާމިޔާބު ކުރެއްވިޔަސް އެމެރިކާ ހަމަނުޖެހުންތަކެއްގެ ތެރެއަށް ވެއްޓޭނެކަމުގެ ގިނަ އަލާމާތްތަށް ފެންނަމުންދާ ކަމުގައެވެ. ނަމަވެސް ބޮޑަށް ހަމަނުޖެހުން އުފެދޭނީ ޓްރަމްޕް އިންތިޚާބު ކާމިޔާބު ކުރެއްވުމުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ބެރިޓް ވިދާޅުވިއެވެ.
ހަމަނުޖެހުން ބޮޑުވާނީ ޓްރަމްޕަށް ކާމިޔާބު ލިބުމުން
ޓްރަމްޕް ދެވަނަ ދައުރަކަށް އިންތިޚާބުވެއްޖެނަމަ އޭނާގެ ވެރިކަމުގައި ގެއްލުންލިބުނު ފަރާތްތަށް ކަމަށްވާ އެމެރިކާގެ ކަޅު ނަސްލުގެ މީހުން މުޒާހަރާތަކަށް ނުކުންނާނެކަމަށާ ހަމަނުޖެހުމަކަށް ބަދަލުވެގެންދާނީ ކަޅު މީހުންގެ މުޒާހަރާތަކާ ކުރިމަތިލުމަށް ޓްރަމްޕަށް ތާއީދުކުރާ ދޮންމީހުންގެ ހައްދުފަހަނަޅާފައިވާ ޖަމާއަތްތަށް މަގުތަކަށް ނުކުމެ ހަތިޔާރު ބޭނުންކޮށް ކަޅު މީހުން މަރަންފެށުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އިވޭ އަޑުތަކާއި ފެންނަ މަންޒަރުތަކާ އަދި ދޮންމީހުންގެ ހަރުކަށި ޖަމާއަތްތަކުގެ ހަރަކާތްތަކަށް ބަލާއިރު އެކަން ހިނގުން ވަރަށް ގާތްކަމަށް ބެރިޓް ވިދާޅުވިއެވެ.

އަނެއްކޮޅުން ޓްރަމްޕް ބަލިވެ އިދިކޮޅު ކެންޑިޑޭޓް ޖޯ ބައިޑެން އިންތިޚާބު ކާމިޔާބު ކުރައްވައިފިނަމަ ޓްރަމްޕަށް ތާއީދުކުރާ ދޮންނަސްލުގެ ހައްދުފަހަނަޅާފައިވާ ފަރާތްތަށް ނުކުމެ ތަންތަނަށް ހަމަލާދީ ލޫޓުވުންފަދަ ހަރުކަށި އަމަލުތަށް ހިންގާނެކަމަށް ބެލެވޭކަމަށާ އެކަމަށް އެމީހުން މިހާރުވެސް ތައްޔާރުވަމުންދާކަމުގެ މައުލޫމާތު ލިބޭ ކަމަށް ބެރިޓް ވިދާޅުވިއެވެ. ނަމަވެސް މިފަދަ ހާލަތެއްގައި ހަރުކަށި ފިކުރުގެ ދޮންމީހުންގެ މުޒާހަރާތަކާ ދެކޮޅަށް ކަޅު މީހުން ނުކުންނާނެކަމަށް ނުބެލެވޭތީ ޓްރަމްޕް ނުހޮވިއްޖެނަމަ ހަމަނުޖެހުންތަށް ތަންކޮޅެއް ފަސޭހައިން ހުއްޓުވިދާނެކަމަށް ބެރިޓް ވިދާޅުވިއެވެ.
އެމެރިކާވަނީ ބޮޑެތި އިޖްތިމާއީ އަދި ނަސްލީ ބޮޑެތި މައްސަލަތަކެއްގެ ތެރޭގައި
އަނެއްކޮޅުން އެމެރިކާގެ މަޝްހޫރު ނޫހެއް ކަމަށްވާ ވޮޝިންޓަން ޕޯސްޓް ބުނާގޮތުން އެމެރިކާގައި އިޖްތިމާއީ ގިނަކަންތަށްތަކެއް ގޯހުން ގޯހަށްދާތާ ގިނަ އަހަރުތަކެއް މިހާރުވަނީ ވެފައެވެ. މީގެތެރޭގައި ފަގީރުންގެ ނިސްބަތް އިތުރުވަމުންދިޔުމާއި ފަގީރުންނާއި މުއްސަނދިންގެ ތަފާތު އާދަޔާ ޚިލާފަށް ބޮޑުވަމުން ދިޔުމާއި އިޖްތިމާއީ އަދާލަތު ގެއްލެމުން ދިޔުމާއެކު ދޮން ނޫން ނަސްލުތަކުގެ މީހުންނަށް އިންސާފު ނުލިބޭ މައްސަލަ ހިމެނެއެވެ.

ނަސްލީ އިމްތިޔާޒް އާ ދެކޮޅަށް އެމެރިކާގައި މުޒާހަރާ ކުރަނީ
އެމެރިކާގެ މުޖްތަމައުގައި ޒަމާނުއްސުރެ އޮންނަ ނަސްލީ ތަފާތުކުރުންތަކުގެ މައްސަލަ ޓްރަމްޕްގެ ވެރިކަމުގައި އިތުރަށް ބޮޑުވެފައިވާއިރު ހަރުކަށި ފިކުރުގެ ދޮންމީހުންގެ ހައްދުފަހަނަޅާފައިވާ ޖަމާއަތްތަކާއި ގޭންގްތަށްވެސް އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި ފާޅުކަން ބޮޑު ގޮތެއްގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އެނޫސް ބުނެއެވެ. ދޮންމީހުންގެ ނެޝަނަލިޒަމްގެ ހަރުކަށި ފިކުރަކީ ކުރިންވެސް އެމެރިކާގައި އޮންނަ ފިކުރެކެވެ. ނަމަވެސް ސައިޒު ކުޑަކޮށެވެ.
ދޮން ނަސްލުގެ ނެޝަނަލިޒަމްގެ ހަރުކަށި ފިކުރު އެމެރިކާގައި އާލާވަނީ
ފާއިތުވި އަަހަރުތަކުގައި ދޮން ނަސްލުގެ ނެޝަނަލިޒަމްގެ ހަރުކަށި ފިކުރުގައި ޖެހޭ އެމެރިކާގެ ދޮން ނަސްލުގެ ޒުވާނުންގެ އަދަދު ގިނަވެފައިވާކަން ވޮޝިންޓަން ޕޯސްޓް ގެ ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ. ދޮން ނަސްލުގެ ނެޝަނަލިޒަމްގެ ހަރުކަށި ފިކުރު ބިނާވެފައިވަނީ އެމެރިކާއަކީ ދޮންމީހުންގެ ތަނެއްކަމާއި ކަޅު މީހުންނާއި އެނޫން ނަސްލުތަކުގެ މީހުން އެމެރިކާއިން ބޭރުކުރުމުގެ މައްޗަށެވެ.
އެމެރިކާގެ އިގްތިސާދު ހީނަރުވެ ފަގީރުންގެ ނިސްބަތްދަނީ އިތުުރުވަމުން
ކޮވިޑް-19 ގެ ސަބަބުން އެމެރިކާގެ އިގްތިސާދު ވަރަށް ބޮޑަށް ހީނަރުވެ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ގިނަ ވިޔަފާރިތަކެއް ބަނގުރޫޓް ވަމުންދާތީ އެމެރިކާ އޮތީ ކުޑަ ކަމަކާ ގުޅިގެންވެސް ހަމަނުޖެހުންތަކެއް ފެށިގެންދާފަދަ ނާޒުކު ހާލަތެއްގައި ކަމަށް ވޮޝިންޓަން ޕޯސްޓް ގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއް ބުނެއެވެ.

އެމެރިކާގެ ފަގީރުން
އެމެރިކާގެ ރިޔާސީ އިންތިޚާބަށް އެންމެ ދިހަވަރަކަށް ދުވަހަށް ވެފައިވާއިރު ޓްރަމްޕަށް ތާއީދުކުރާ މީހުންނާއި ބައިޑެން އަށް ތާއީދުކުރާ މީހުންގެ ތެރެއިން ބައެއް ފަރާތްތަކުގެ ބަހުގެ ޙަމަލާތަށް ވަނީ ވަރަށް ބޮޑުވެފައެވެ.
އާންމު ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާއަށް ބަލާއިރު ބޮޑު ތަފާތަކުން ކުރީގައި އުޅުއްވަނީ އިދިކޮޅު ކެންޑިޑޭޓް ޖޯ ބައިޑެން އެވެ. ނަމަވެސް އެމެރިކާގެ ރައީސަކު އިންތިޚާބުކުރާ އަސްލު ވޯޓަކީ އިލެކްޓޯރަލް ކޮލެޖްގެ މެންބަރުންގެ ވޯޓު ކަމަށްވާއިރު އެވޯޓު ކާމިޔާބު ކުރައްވާނެ ބޭފުޅެއް ލަފާކުރަން ވަނީ ދަތިވެފައެވެ. މީގެކުރިން ބޭއްވި ރިޔާސީ އިންތިޚާބުގައި އިލެކްޓޯރަލް ކޮލެޖްގެ މެންބަރުންގެ ވޯޓު ހޯދުމަށްޓަކައި ޓްރަމްޕްގެ ކޭންޕޭނުން އޭގެތެރެއިން ބައެއް މެންބަރުންނަށް ރިޝްވަތު ދޭން މަސައްކަތް ކުރިކަމުގެ ރިޕޯޓްތަކެއް ފެންމަތިވިއެވެ. ނަމަވެސް އެކަން ބެލުންފަދަ ކަމެއް ކުރިޔަށް ގޮސްފައެއް ނުވެއެވެ.
ޑިމޮކްރަސީ ފަދަ ނަންނަމުގައި އެހެންގައުމުތަކުގެ ދާޚިލީ ކަންތަކަށް އެމެރިކާ ވަންނަނީ ސިޔާސީ ބޭނުމުގައި
އެމެރިކާއަކީ އެމެރިކާގެ އެތެރޭގެ މައްސަލަތަށް ކިތަންމެ ބޮޑުނަމަވެސް އެކަން ބާއްވާފައި ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަށްފަދަ މޮޅެތި ނަންނަމުގައި އެހެންގައުމު ތަކުގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށްވަދެ ގޮތްފާޑު ކިޔުމަށް މަޝްހޫރު ގައުމެކެވެ. އެގޮތަށް އެމެރިކާ ކަންކުރަނީ އެމެރިކާގެ އަމިއްލަ ސިޔާސީ މަގްސަދުތަށް ހާސިލް ކުރުމަށް ކަމަށް ނަމަވެސް ހަރުދަނާ ކަމަށް ނަންމަޝްހޫރުވެފައިވާ އެމެރިކާގެ ޑޮމޮކްރަސީގެ ބަލިކަށިކަމާއި އެމެރިކާގެ ނިޒާމުގެ ދޯދިޔާކަން ޓްރަމްޕްގެ ވެރިކަމުގައި ފެނިގެން ދިޔުމުން އެމެރިކާގެ ވަނީ ވަރަށް ބޮޑަށް ބޭޒާރުވެ އެމެރިކާގެ ރަހްމަތްތެރިންގެ ފާޑުކިޔުންތަށްވެސް އަމާޒުވެ އެކަހެރިވާގޮތް ވެފައެވެ. (ނޫސްއެޖެންސީތައް)