19 Jan 2012, 02:28
މާލެ ރީތި ކުރުމަށް ސިޓީ ކައުންސިލުން މަޖީދީމަގާ ޗާންދަނީ މަގީގުގައި ޖަހާފައި ހުރި ފެންފޯއް ރުއްތަކަށް ގެއްލުންދީ އުފުރާ، ހެދި ފަރާތްތަކާމެދު ފިޔަވަޅު އަޅައިދިނުމަށް ސަލާމާތީ ބާރުތަކުގެ ކިބައިން މާލޭ ސިޓީގެ މޭޔަރު އަލިމަނިކު (މައިޒާން އަލިބެ) އެދިވަޑައިގެންފި އެވެ.
އެމްޑީޕީގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ޚަބަރެއްގައި ބުނެފައި ވަނީ މާލެ ފެހިކޮށް ރައްޔިތުންނަށް އުފާވެރި މާޙައުލެއް ހޯދައިދިނުމަށް ސަރުކާރުން ހިންގާ ފެހިކުރުމުގެ ޕްރޮގްރާމުގެ ދަށުން މަޖީދީމަގާ ޗާންދަނީ މަގުގައި އިންދާފައިހުރި ފެންފޯއް ރުއްތަކަށް ގެއްލުންދީ ގިނަ ޢަދަދެއްގެ ރުއްތައް އުފުރާ ބިންދާ ފިހާރަތަކަށް ގެއްލުންދީ މާލޭގެ އަމަންއަމާން ކަން ނަގާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކަންތައްތައް ހުއްޓުވައި އެފަދަ އަމަލުތައް ހިންގި ފަރާތް ތަކާމެދު ފިޔަވަޅު އަޅައިދިނުމަށް މާލޭގެ މޭޔަރު ރާއްޖޭގެ ސަލާމަތީ ބާރުގައި އެދިވަޑައިގެންފައިވާ ކަމަށެވެ.
މަގުތަކަކީ އެންމެންނަށް ވެސް އަމާންކަމާއެކު ހިނގާ ބިނގާވެ އުޅުމުގެ މިނިވަންކަން ހުދޫދެއް ނެތި ލިބިފައިވާ ތަނެއް ނޫން ކަމަށާއި ކޮންމެ އިންސާނަކަށް ލިބިފައިވާ އަމިއްލަ މިނިވަންކަމުގެ ޙައްގު އެއްވެސް ފަރާތަކުން ނިގުޅައި ނުގަނެވޭނޭ ގޮތަށް މަގުތަކުގެ އަމާންކަމާ ރައްކާތެރިކަން ގާއިމްކޮށް ދިނުމުގެ ގާނޫނީ ޒިންމާ އެޅިފައިވަނީ ރާއްޖޭގެ ތަންފީޒީ ބާރުގެ ކޮނޑުގައިކަމަށް މޭޔަރު ވިދާޅުވެފައި ވެއެވެ.
މާލޭގެ މަގުތަކުގައި އިންދާފައިވާ ފެންފޯއް ރުއްތަކަކީ ރައްޔިތުންގެ ޙައްގެއް ކަމަށާ އެ ރުއްތައް ހަލާކުކުރި ފަރާތްތަކުން އެ ޙައްގު ރައްޔިތުންނަށް ފުރިހަމައަށް އަދާކުރަން ޖެހޭނެ ކަމަށް ވެސް މޭޔަރު ވަނީ ވިދާޅުވެފަ އެވެ. އަދި ފެންފޯއް ރުއްތަކަށް ސަރުކާރުން ބޮޑު ހޭދައެއް ކޮށް މިހާތަނަށް ލައްކައެއްހާ ރުފިޔާ އެ މަސައްކަތަށް ހޭދަވެފައިވާ ކަމަށް ވެސް މޭޔަރާ ހަވާލާދީ އެމްޑީޕީގެ ވެބްސައިޓް ބުނެ އެވެ.
މާލޭގެ މަގުތައްމަތީގައި އިންދާފައި ހުރި ގަސަތަކަކަށް ގެއްލުން ދިނުމުގެ ތުހުމަތުގައި ދިވެހި ރައްޔިތުންގެ ޕާޓީ، ޑީއާރުޕީގެ މީޑިއާ ކޯޑިނޭޓަރު އަލީ ސޯލިހު އިއްޔެ ވަނީ ފުލުހުން ހައްޔަރުކޮށްފަ އެވެ.
އަލީ ސޯލިހު އަތޮޅުވެހީގައި ހުންނަވައިގެން ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޭނާ ހައްޔަރު ކުރީ "ސަރުކާރުގެ މުދަލަށް ގެއްލުން ދިނުމުގެ" ތުހުމަތުގައި ކަމަށެވެ.
މިދިއަ ދެރޭގައި މުޒާހަރާތައް ކުރި އިރު މަގުތަކުގެ ފެންފޯއް ރުއްތަކަށް ވަނީ ގެއްލުން ދީފައެވެ.