އަސްކަރިއްޔާއިން ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރުމާ ގުޅިގެން ސުޕްރީމް ކޯޓުން ކުރި އަމުރަށް ސަލާމަތީ ބާރުތަކުން ކިޔަމަންނުވުމުން މާލޭގައި ކުރާ މުޒާހަރާތަކުން ގައުމުގެ މަސްލަހަތު ގެއްލިފައިވާތީ އިދިކޮޅު ފަރާތްތަކުން ގައުމީ ސަލާމަތު ކޮމެޓީއަށް ހުށަހެޅި މައްސަލަ ކޮމެޓީގެ މުގައްރިރު އަލީ ވަހީދު އަމިއްލަފުޅަށް ބާތިލް ކުރެއްވި ކަމަށް ބުނެ، ކޮމެޓީ ނިންމާލައިފި އެވެ.

މިރޭ 8:30 އެހާކަންހާއިރު ފެށި ގައުމީ ސަލާމަތު ކޮމެޓީގެ ކުއްލި ބައްދަލުވުމަށް ހުށަހަޅާފައިވާ މައްސަލަ ބާތިލް ކުރެއްވި ކަމަށް އަލީ ވަހީދު ވިދާޅުވީ ކޮމެޓީ ކުރިއަށް ގެންދެވުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ހުރަސް އެޅުއްވުމުންނެވެ. އަލީ ވަހީދު ވިދާޅުވީ ކޮމެޓީއަށް މައްސަލަ ހުށަހެޅުއްވި ތިން މެންބަރުންގެ ތެރޭގައި މަހުލޫފު ހިމެނިވަޑައިގަންނަވާ ކަމަށެވެ.

ކޮމެޓީ މަސައްކަތައް ހުރަސް ނޭޅުއްވުމަށް އެތައް ފަހަރަކު ނަސޭހަތްތެރިވުމަށްފަހު ކޮމެޓީ ނިންމަވާލައްވަމުން އަލީ ވަހީދު ވިދާޅުވީ މައްސަލަ ހުށަހެޅުއްވި މެންބަރުންގެ ތެރޭގައި ހިމެނޭ މަހުލޫފު ކޮމެޓީއަށް ހުރަސްއެޅުއްވުމުން ކުރިއަށްދާ މައްސަލަ ބާތިއްވެޖެ ކަމަށް ކަނޑައަޅައި ކޮމެޓީ ނިންމަވާލައްވާ ކަމަށެވެ.

މިއަދުގެ ކޮމެޓީގެ ބައްދަލުވުމުގައި އަލީ ވަހީދު ވަނީ މަހުލޫފު ކޮމެޓީން ނެރުއްވުމަށް "ނަން" ވެސް އިއްވާފަ އެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދުގެ 54 ވަނަ މާއްދާ (ބ) އިން މެންބަރެއްގެ ނަން އިއްވުމުގެ ބާރު ލިބިގެންވަނީ މަޖިލީހުގެ ރައީސަށެވެ. އަދި މެންބަރެއްގެ ނަން އިއްވައި ޖަލްސާއިން އެ މެންބަރަކު ނެރެވޭނީ މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގަ އެވެ. މަޖިލީހުގެ ގަވާއިދުން ކޮމެޓީގެ މުގައްރިރަކަށް މެންބަރެއްގެ ނަން އިއްވައި ކޮމެޓިން ބޭރު ކުރުމުގެ އިހްތިޔާރު ލިބިދީފައެއް ނުވެ އެވެ.

މަޖިލިސް ދެ މަހުގެ ޗުއްޓީއަށް ގޮސްފައި ވަނިކޮށް މަޖިލީހުގެ ގަވާއިދުގެ 123 ވަނަ މާއްދާގެ (ހ) ދަށުން ބޭއްވި ކުއްލި ބައްދަލުވުމުގައި އެއްވެސް ވަޒީރަކު އަދި ސަލާމަތީ ބާރުގެ އެއްވެސް ވެރިއަކު ކޮމެޓީއަށް ހާޒިރު ކުރުމަށް ހުށަހަޅުއްވާފައެއް ނުވެ އެވެ.

ކޮމެޓީއަށް ކުއްލި މައްސަލަ ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒާއި މަހުލޫފެވެ.

އިއްޔެ ރޭ ވެސް ވަނީ ގައުމީ ސަލާމަތުގެ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް ބާއްވާފަ އެވެ. ނަމަވެސް މަޖިލީހުގެ ކައުންސިލް ޖެނެރަލް ފާތިމަތު ފިލްޒާގެ ގާނޫނީ ލަފާގެ މަތީން އެ ކޮމެޓީ ވަނީ ހުއްޓާލާފަ އެވެ. ފިލްޒާ ދެއްވި ގާނޫނީ ލަފާގައި ބުނެފައި ވަނީ އަބްދުﷲ ގާޒީގެ މައްސަލާގައި ކޮމެޓީއަށް މައްސަލަ ހުށަހެޅުއްވި މައްސަލާގެ އިބާރާތް އޮތް ގޮތުން އެ މައްސަލަ ރައްދު ވަނީ ގާނޫނު އަސާސީ 241 މާއްދާގެ ދަށުން އުފައްދާފައިވާ ސަލާމަތީ ހިދުމައްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) އަށް ކަމަށެވެ.