18 Jan 2012, 22:01
އެމްޑީޕީ މެންބަރުންނަށް ފްލެޓްތައް ލިބި ބާކީ ވުމުން ނޫނީ އެހެން މީހަކަށް ފްލެއްޓެއް ނުލިބޭނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.
''ތިޔަހެނެއް ނުކިޔޭނެ''ނަމުގައި އެމްޑީޕީން ބާއްވަމުން ގެންދާ ސިލްސިލާ ޖަލްސާގައި ރޭ އެމްޑީޕީ ހަރުގޭގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ އެ ބޭފުޅުނަށް ފްލެޓް ލިބި ބާކީ ވުމުން އެހެން ބަޔަކަށް ފްލެޓް ދިނުން އެއީ އިންސާފް ކަމުގައި ދެކޭ ކަމަށެވެ.
''އަޅުގަނޑު ގަބޫލުކުރާ އިންސާފަކީ ، އަޅުގަނޑު ގަބޫލުކުރާ ހަމަ އަކީ މަސައްކަތްކުރާ އަޅުންނަށް އެ މަސައްކަތުގެ ބަރަކާތް ﷲ މިންވަރު ކުރައްވާ ފަދައިން އަޅުގަނޑުމެން ކުރާ މަސައްކަތް ހައްގު ވަނީ ވެސް އެންމެ ފުރަތަމަ އަޅުގަނޑު މެނަށޭ. އަޅުގަނޑުމެނަށް ފްލެޓްތައް ލިބި ބާކީ ވީމާ ނޫނީ އަޅުގަނޑުމެނެއް ނޭދޭން އެހެން ބަޔަކަށް ފްލެޓެއް ލިބޭކަށް. އެއީ އަޅުގަނޑު ގަބޫލުކުރާ އިންސާފް'' ޝިފާޒް ވިދާޅުވި އެވެ.
ހަމަ އެހެންމެ އެހެން ބޭފުޅުން ވެސް ބޭނުން ވާނީ އެގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އެމްޑީޕީން މަސައްކަތް ކުރަނީ އިންސާފް ހޯދަން ކަމަށާއި އިންސާފް ހޯދާފައި ދައްކާނެ ކަމަށް ޝިފާޒް ވިދާޅުވި އެވެ.
''އަޅުގަނޑުމެން ކަމަކަށް ފަށައިގަތީ ވަރަށް ބޮޑު އުއްމީދެއްގައި. އަލުގަނޑުމެން އަބްދުވެސް ދަންނަވާލަމުން އަންނަ ވާހަކައަކީ އަޅުގަނޑުމެން ނިކުމަތީ އިންސާފް ހޯދާށޭ.''