ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާ ބޭފުޅުންނަށާއި އިންތިހާބީ މަގާމުތަކުގައި ތިއްބަވާ ފަރާތްތަކަށް ސަރުކާރުގެ އޮފީސްތަކުގެ ބިޑް ކޮމެޓީތަކުގައި ނުތިބެވޭނެ ކަމަށް ޕްރޮކިޔުމެންޓް ޕޮލިސީ ބޯޑުން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީ އިން މިއަދު ބުނީ ޕްރޮކިޔުމެންޓް ޕޮލިސީ ބޯޑުން މި ނިންމުން ނިންމާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.13 ވަނަ މާއްދާއަށް ރިއާޔަތްކޮށް ކަމަށެވެ.

މި ނިންމުމާއެކު ދައުލަތުގެ އެކި އޮފީސްތަކުގައި ގާއިމްކުރާ ބިޑް ކޮމިޓީތަކަށް ސިޔާސީ ގޮތުން އައްޔަނުކުރެވޭ ބޭފުޅުންނާއި އިންތިހާބީ މަގާމުތަކުގައި ތިއްބަވާ ފަރާތްތައް އައްޔަނު ނުކުރެވޭނެ ކަމަށް ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުންވަނީ ނިންމައިފަ އެވެ.

މާލިއްޔަތު ގަވައިދުގެ 10.13 ގައި ބުނާގޮތުން، ދައުލަތުގެ އޮފީސްތަކުގެ ޕްރޮކިޔުމެންޓް މަސައްކަތުގެ ތެރެއިން ދައުލަތުގެ އޮފީސްތަކުގެ ބިޑް ކޮމެޓީތަކުން ހުއްދަ ދޭންޖެހޭ ޕްރޮކިޔުމެންޓް މަސައްކަތް ކުރުމަށް ކޮންމެ އޮފީހެއްގައިވެސް ބިޑް ކޮމެޓީ އެއް އޮންނަން ޖެހެ އެވެ.

ބިޑް ކޮމެޓީ އުފައްދައި، އެ ކޮމެޓީ އެކުލަވާލާ ކޮމެޓީ އައްޔަނު ކުރާނީ އެ އޮފީހެއްގެ އެންމެ އިސްވެރިޔާގެ މަތިން މިނިސްޓަރެވެ. އަދި އެ ކޮމެޓީ އަށް އައްޔަނު ކުރާ މީހުންނަކީ އެ ކޮމެޓީގެ މަސައްކަތް ކުރުމަށް ބޭނުންވާ ފަންނީ ހުނަރާއި މައުލޫމާތައި ތަޖުރިބާ ހުރި މީހުންނަށް ވާންޖެހޭނެ ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.

ދައުލަތުގެ އޮފީސްތަކުގެ ޕްރޮކިޔުމެންޓް ޔުނިޓުތަކުގެ ނުވަތަ ޕްރޮކިޔުމެންޓުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސެކްޝަނުގެ އެއްވެސް މުވައްޒަފަކު އެ ކޮމެޓީގައި ހިމެނިގެން ނުވާނެ ކަމަށްވެސް ގަވައިދުގައި ބުނެ އެވެ.

ފިނޭންސް މިނިސްޓްރީއިން މި ނިންމުން ނިންމާފައިވާ އިރު ކޮވިޑާ ގުޅިގެން ވެންޓިލޭޓަރު ހޯދުމުގައި ހެލްތުގެ ބިޑް ކޮމިޓީގެ މެންބަރުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާކަން ހާމަވިއިރު އެ ކޮމިޓީގެ ޗެއާއަކީ ހެލްތުގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދެވެ.