18 Jan 2012, 20:47
ދައުލަތުގެ ގުނަންތަކުގެ ޒިންމާތާކާއި ވާޖިބުތައް އަދާކުރުމުގައި ދުސްތޫރީ ހަމަތަކަށާއި ގާނޫނީ ބާރުތައް ނެގެހެއްޓުމަށް އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސެއިން ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް އިލްތިމާސް ކުރައްވައިފި އެވެ.
އެ މަނިކުފާނު ސޮއި ކުރައްވައި މިރޭ މީޑިއާޔަށް ފޮނުއްވި ބަޔާނެއްގައި ބުނަނީ ދައުލަތުގެ ބާރުތައް ވަކިކޮށް އެ ގުނަންތަކަށް ޒިންމާތަކާއި މަސްއޫލިއްޔަތުތަށް ހަވާލުކޮށްފައި ވަނީ ގައުމުގެ ހަމަޖެހުމާއި ގާނޫނޫ އަސާސީ އާއި ދުސްތޫރީ ނިޒާމް ރައްކާތެރިކޮށް ރައްޔިތުންގެ މިނިވަން ކަން ހިމާޔަތްކޮށް ދިނުމަށް ކަމަށާއި އެންމެހާ މުއައްސަސާ ތަކުން ވެސް އަމަލުކުރަން ޖެހޭނީ ދުސްތޫރީ އަދި ގާނޫނީ އިމުގެ ތެރޭގައި ކަމަށެވެ.
"ދައުލަތުގެ މުއައްސަސާތަކަށް ލިބިދީފައިވާ ގާނޫނީ ބާރުތަކާއި އިހްތިޔާރުތައް ބޭނުން ކުރެއްވުމުގައި އެހެން މުއައްސަސާތަކަށް އިހްތިރާމް ކުރައްވާ، އެ މުއައްސަސާތަކުގެ ގަދަރާއި ހައިބަތަށް ސަމާލުވެ ވަޑައިގަތުމަށާއި ޒިންމާތަކާއި ވާޖިބުތައް އަދާކުރެއްވުމުގައި ދުސްތޫރީ ހަމަތަކާއި ގާނޫނުގެ ބާރު ނެގެހެއްޓުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ،'' އެ ބަޔާނުގައިވެ އެވެ. "ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުން އަދާކުރަން ޖެހޭ މުހިންމު ހިދުމަތްތައް އަދާކުރުމުގައި އެ މުއައްސަސާތަކަށް އެއްވެސް ލޮޅުމެއް ނާންނާނޭ ފަދަ ގޮތަކަށް، ދުސްތޫރީ އަދި ގާނޫނީ އިމުގެ ތެރޭގައި، ބާރުވެރިކަން ތަންފީޒު ކުރެއްވުން ވަރަށް މުހިންމެވެ،"
ދުސްތޫރީ ނިޒާމުގެ ހިޔާވަހިކަން ރައްޔިތުނަށް ލިބޭނީ ދައުލަތުގެ މުއައްސަސާތަކުން އެއް މުއައްސަސާ އިން އަނެއް މުއައްސަސާ އިން ލިބިދޭ ބާރުތަކާއި އިހްތިޔާރުތަކަށް ހުރުމަތްތެރިކޮށް ހިތުމާ އެކު ގާނޫނީ ވާޖިބްތައް އަދާކޮށްކެން ކަމަށް ވެސް ފާއިޒު ވިދާޅުވެފައިވެ އެވެ. އަދި ވިދާޅުވީ އެއްވެސް މުއައްސަސާއެއްގެ ގާނޫނީ ބާރުތަކަށް ލޮޅުން އެރުމަކީ މުޅި ނިޒާމަށް ލޮޅުން އެރުން ކަމަށާއި ދައުލަތުގެ ދުސްތޫރީ ބިންގާ ބަލިކަށިވެގެން ދިޔުމުގެ ސަބަބެއް ކަމަށެވެ.
"އެއްވެސް މުއައްސަސާއެއްގެ ގާނޫނީ ހައިސިއްޔަތާއި ބާރުތަކަށް ލޮޅުން އެރުމަކީ މުޅި ނިޒާމަށް ލޮޅުން އެރުމެވެ. އަދި ދައުލަތުގެ ގުނަންތަކުގެ ތެރޭގައި މައްސަލައެއް އުފެދުމަކީވެސް މުޅި ނިޒާމަށް އޭގެ ނަތީޖާ ތަކާއި ކުރިމަތިލާން ޖެހޭނެ ކަމެކެވެ،" ބަޔާނުގައިވެ އެވެ.
އުއްތަމަ ފަޑިޔާރު ބަޔާނެއް ނެރުއްވީ ކުރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހަންމަދު (އަބްދުﷲ ގާޒީ) އަސްކަރިއްޔާ އިން ހައްޔަރުކޮށް އޭނާ ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަށް ވެސް ބޯނުލަބައި އޭނާ ހުރި ތަނެއް ވެސް މިހާތަނަށް އަންގާފައި ނުވާ ދަނޑިވަޅެއްގަ އެވެ.