21 Oct 2020, 10:24
ކޮލަންބޯ (އޮކްޓޯބަރު 21) : ސްރީލަންކާގެ ރައީސްގެ ބާރުތަކަށް ބަދަލުގެނައުމުންފަދަ ރައްޔިތުންގެ މަސްލަހަތާ ސީދާގޮތެއްގައި ގުޅިފައިވާ ކަންކަމުގައި ގާނޫނު އަސާސީއަށް ބަދަލު ގެންނަންޖެހޭނީ އެބަދަލެއް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ހުށަހަޅައި ރައްޔިތުންގެ އަޣްލަބިއްޔަތު ލިބިގެން ކަމަށްބުނެ ސްރީލަންކާ ސްޕްރީމް ކޯޓުން އަމުރެއް ނެރެފިއެވެ.
ސްރީލަންކާގެ ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ތަބާވާން މަޖްބޫރު މިއަމުރު ސްޕްރީމް ކޯޓުން ނެރެފައި މިވަނީ އެގައުމުގެ ގާނޫނު އަސާސީއަށްބޮޑެތި ބަދަލުތަކެއް ގެނައުމަށް ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ސަރުކާރުން ޕާލަމެންޓަށް މިހާރު ހުށަހަޅާފައިވާ ބިލްތަކާ ގުޅިގެން އެކަމާ ދެކޮޅަށް އެގައުމުގެ ޖަމްއިއްޔާ ޖަމާއަތްތަކުން ސްޕްރީމް ކޯޓަށް ވެއްދި މައްސަލައަކާ ގުޅިގެންނެވެ.
ރައީސް ގޮތަބަޔާ ގެ ސަރުކާރުން ސްރީލަންކާގެ ގާނޫނު އަސާސީއަށް ގިނަ ބަދަލުތަކެއް ގެނައުމަށްޓަކައި އެކަން ޕާލަމެންޓަށް ހުށަހަޅައި ޕާލަމެންޓްގައި މިހާރުވަނީ އިބްތިދާއީ ބަހުސްވެސް ފަށާފައެވެ. އޭގެތެރޭގައި ހިމެނޭ ރައްޔިތުންނާ އެންމެ ބޮޑަށް ގުޅުންހުރި ކަމަކީ ސްރީލަންކާގެ ރައީސަށް ލިބިދޭ ރިޔާސީ ތަންފީޒީ ބާރުތަށް ވަރަށް ބޮޑަށް އިތުރުކުރުމެވެ. މިހާރު ސްރީލަންކާގެ ގާނޫނު އަސާސީގައި އޮންނަ ގޮތުން ރައީސް ގެ ތަންފީޒީ ބާރުތަކުގެ ވަރަށް ބޮޑު ބައެއް އޮންނަނީ ޕާލަމެންޓާ ހިއްސާކޮށްފައެވެ. ޕާލަމެންޓްގެ ރުހުމާއެކު ކުރެވޭގޮތަށެވެ. އެއީ ރިޔާސީ ނިޒާމަކަށްވެސް އަދި ބަރުލަމާނީ ނިޒާމަކަށްވެސް ނުފެތޭގޮތެކެވެ.
މިގޮތަށް ރިޔާސީ ބައެއް ބާރުތަށް ޕާލަމެންޓަށް ދޭގޮތަށް ގާނޫނު އަސާސީއަށް ބަދަލުތަށް ގެނައީ 2015 ވަނަ އަހަރު މައިތުރިޕަލަ ސިރިސޭނާ ގެ ވެރިކަމުގައި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އާ ވެރިކަމުގެ ބައެއް ބާރުތަށް ހިއްސާ ކުރުމަށްޓަކައި ރަނިލް ބާރު އަޅުއްވައިގެންނެވެ. މިކަމުގެ ސަބަބުން ސްރީލަންކާގެ ސަރުކާރު ހިންގުމުގައި ރައީސަށްވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ.
އެންމެފަހުން ބޭއްވި ރިޔާސީ އިންތިޚާބުގެ ކޭންޕޭންގައި ރައީސް ގޮތަބަޔާ ވަނީ ރައީސަށް ބާރުލިބޭގޮތަށް ގާނޫނު އަސާސީ އަލުން އިސްލާޙު ކުރުމަކީ ރިޔާސީ ވައުދެއްކަމަށް ހައްދަވައި އެގޮތަށް ކޭންޕޭން ކުރައްވާފައެވެ. ޕާލަމެންޓްރީ އިންތިޚާބުގައިވެސް ގޮތަބަޔާގެ ޕާޓީގެ ކޭންޕޭންގައިވަނީ މިކަން ފާހަގަކޮށްފައެވެ.

ސްރީލަންކާގެ ސްޕްރީމް ކޯޓް
ރައީސްގެ ބާރުތަށް އުނިކޮށްފައިވާތީ ރައީސް ބޭނުންވާ ވަރަކަށް ކެބިނެޓް ވަޒީރުކަމުގެ މަގާމުތަކާ ހަވާލުވުމުގެ ބާރާއި ވަޒީރުން އިޚްތިޔާރުކޮށް އެމީހުންނަށް އައްޔަންކޮށް އަދި މަގާމުން ވަކިކުރުމުގެ ބާރު މިހާރު ރައީސަކަށް ނޯވެއެވެ. މިކަންކަން ކުރެވޭނީ ޕާލަމެންޓްގެ ތާއީދު ލިބިގެންނެވެ.
މިފަހަރު ގާނޫނު އަސާސީ އަށް ގެންނަން ރައީސް ގޮތަބަޔާ ހުށަހަޅުއްވާފައިވާ އިސްލާހުގެ ތެރޭގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި އެނޫން ފަނޑިޔާރުންނަށް މަގާމު ދިނުމާއި ފަނޑިޔާރުން މަގާމުން ވަކިކުރެއްވުމުގެ ބާރުވެސް ރައީސަށް ދޭގޮތަށް ހަމަޖެއްސުން ހިމެނެއެވެ. މި ބަދަލުތަކަކީ ސްރީލަންކާގެ ރައީސްގެ ބާރުތަށް އާދަޔާ ޚިލާފަށް ގަދަވެ ޝަރުޢީ ދާއިރާއަށް ބާރާއި ނުފޫޒު ފޯރުވުމުގެ ބާރު ރައީސަށް ލިބިގެންދާނެކަމެއް ކަމަށްވާތީ ސްރީލަންކާގެ ގިނަ އަދަދެއްގެ ޖަމްއިއްޔާ ޖަމާއަތްތަކުންވަނީ އެކަން ހުއްޓުވައި ދިނުމަށްއެދި އެގައުމުގެ ސްޕްރީމް ކޯޓަށް ޕެޓިޝަނެއްގެ ގޮތުގައި މައްސަލައެއް ހުށަހަޅާފައެވެ.
މި ހުށަހެޅުމާ ގުޅިގެން ސްރީލަންކާ ސްޕްރީމް ކޯޓުން އިއްޔެ ނެރުނު އަމުރުގައިވަނީ ރައީސް ބޭނުންވާ ވަރަކަށް ކެބިނެޓް ވަޒީރުކަމުގެ މަގާމުތަށް އުފެއްދުމާއި ބޭނުންވާ ވަރަކަށް ވަޒީރުންގެ މަގާމުތަކާ ހަވާލުވުމުގެ ބާރާއި ވަޒީރުން އިޚްތިޔާރުކުރުމާއި އެމީހުންނަށް މަގާމު ދިނުމާއި ވަކިކުރުމުގެ ބާރުލިބިދޭ އިސްލާހުތަކާ އަދި ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި އެނޫން ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރުމުގެ ބާރު ރައީސަށް ލިބިދޭ އިސްލާހުވެސް ޕާލަމެންޓްގައި އެކަމަށް އޮންނަ އަޣްލަބިއްޔަތުން ފާސްވުމުން ފުދޭނެ ކަމުގައެވެ.
ނަމަވެސް ރައްޔިތުންގެ މަސްލަހަތުތަކާ ގުޅިފައިވާ އާދަޔާ ޚިލާފު ބާރުތަށް ރައީސަށް ދެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެކަމަށް ރައްޔިތުންގެ އަޣްލަބިއްޔަތު ތާއީދު ކުރުމުން ކަމުގައެވެ. ސްރީލަންކާގެ ޕާލަމެންޓްގެ މެންބަރުންގެ އަދަދީ 225 ކަމަށްވާއިރު މެޖޯރިޓީއަކީ 113 އެވެ. ނަމަވެސް ގާނޫނު އަސާސީއަށް ގެންނަ އިސްލާހުތަށް ޕާލަމެންޓްގެ 150 މެންބަރުންގެ ވޯޓުން ފާސްކުރަންޖެހެއެވެ. ސްރީލަންކާގެ ޕާލަމެންޓްގައި ގޮތަބަޔާގެ ޕާޓީ ކަމަށްވާ ސްރީލަންކާ ޕޮދުޖަނަ ޕެރުމޫނާ ޕާޓީގެ 145 މެންބަރުން ތިއްބަވާއިރު އެހެން ޕާޓީތަކުން އިތުރު 5 މެންބަރުންގެ ތާއީދު ހޯދައިގެން މި އިސްލާހުތަށް ފާސްކުރެވޭނެ ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.
ފެންނަ ނުފެންނަ ވޯޓަށް ދާންޖެހޭ ކަމަށް ސްޕްރީން ކޯޓުން އަމުރުކުރި އިސްލާހުތަކަކީ ރައްޔިތުންގެ މަސްލަހަތުތަކާ ސީދާ ގުޅިފައިވާކަންކަމުގައި ރައީސަށް ބޮޑެތި ބާރުތަކެއް ލިބިދޭ ބާރުތަކާބެހޭ އިސްލާހުތަކެވެ. އޭގެތެރޭގައި ހިމެނެނީ ރައީސް ޕާލަމެންޓަށް އެއްވެސް ވަރަކަށް ޖަވާބު ދާރީ ވެވަޑައިގަންނަވަން ނުޖެހުމާއި މަގާމުގައި ހުންނަވަނިކޮށް ރައީސްގެ މައްޗަށް އެއްވެސް ބާވަތެއްގެ ދައުވާއެއް ނުއުފުލޭގޮތަށް ރައީސަށް ގާނޫނީ ފުރިހަމަ ހިމާޔަތް ދިނުމާއި ރައީސްކަމުގައި އެއްއަހަރު ހުންނެވުމަށްފަހު ޕާލަމެންޓް އުވާލުމުގެ ބާރުވެސް ރައީސަށް ދިނުންފަދަ އިސްލާހުތަކެވެ.
ދެން މި އިސްލާހުތަށް ފާސްކުރެވޭނީ ސްޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށެވެ. އެއީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސް ރައްޔިތުންގެ ތާއީދު ހޯދައިގެންނެވެ.
(ނޫސްއެޖެންސީތައް)