ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގެ ދެން އޮތް ފިޔަވައްސަކީ ރާއްޖޭގެ ރަށްތަކުގައި ހިމެނޭ އެ ރަށްތަކަށް ހާއްސަ ވާހަކަތައް ޕްރޮޑަކްޓުތަކެއްގެ ގޮތުގައި ޕްރޮމޯޓުކޮށް ފަތުރުވެރިކަމުގެ އާ ދޮރުތަކެއް ހުޅުވުން ކަމަށް ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ ރީތިކަމުގެ ލާމަސީލު މިސާލެއްގެ ގޮތުގައި ދުނިޔެއިން ގުނާލަމުން ގެންދާ ގައުމެއް ކަމަށެވެ.

"ރަށްރަށުގެ ރީތިކަން، ދިވެހީންގެ ޗާލު ހިނިތުންވުން، މިހުރިހާ ކަމަކީ ރާއްޖޭގެ ވަރަށް މުހިއްމު އެޓްރެކްޝަންސް. މިކަންކަމަކީ ރާއްޖެ މަގުބޫލުވުމުގެ ބައިބައި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ދުނިޔޭގެ އެންމެ ގިނަ ބަޔެއްގެ މަގުބޫލުކަމެއް ހޯދަމުން ދަނީ ގައުމުގެ ވާހަކަތައް ކަމަށެވެ. އެގޮތުން މީހުން އުޅޭ 180 ވަރަކަށް ރަށް އޮތް އިރު އެއިން ކޮންމެ ރަށެއްގައިވެސް ހާއްސަ ވާހަކަތަކެއް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކިޔައިދޭން އެބަ ޖެހޭ ކެލާ ތުނޑިޔަށް ދޮންމޮހޮނު، މިޔަރު ބީއްސާލި ވާހަކަ. ހަމައެގޮތަށް ލ. އަތޮޅު ރަށްރަށުގެ ވާހަކަަތައް. ބާރަށު ވިޔަޒޯރުގެ ވާހަކަ. މި ވާހަކަތައް ދެން އަޅުގަނޑުމެން ވިއްކަންވީ،" އޭނާ ވިދާޅުވި އެވެ.

އެގޮތުން ރަށް ރަށަށް ފަތުރުވެރިކަން ގެންދާއިރު ވިސްނަން ޖެހޭނީ އެރަށެއްގެ ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަމަށް މައުސޫމް ވިދާޅުވި އެވެ. ރައްޔިތުންނަށް ފައިދާ ވާނީ ރަށާ ފަތުރުވެރިކަން އެއްކޮށް ގުޅުވާލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިނގިރޭސިބަހުން މިކިޔަނީ އީކޯ ޓުއަރިޒަމް އާއި ކަލްޗާ ޓުއަރިޒަމް. ދެން ވަރަށް ހިނގާ ބަހެއް އެއީ އެގްރޯ ޓުއަރިޒަމް ވެސް،" އޭނާ ވިދާޅުވި އެވެ.

އެހުރިހާ ކަމެއް ތަރައްގީވެގެން ދާއިރު ރާއްޖެ ވެގެންދާނީ ދުނިޔޭގެ އެހެން ފަރާތްތަކުންނަށް ވާދަ ނުކުރެވޭ ފަދަ ތަފާތު ބާވަތްތަކެއްގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓުތަކެއް އޮތް ތަނަކަށް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.