14:30


ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވާފައިވާ ކަމަށްބުނާ މައްސަލައެއް ތަހުގީގުކޮށްދިނުމަށް އެދި ޑީއާރުޕީން އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.


މިކަމާ ބެހޭ މައުލޫމާތު ދެއްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް މިއަދު ވިދާޅުވީ، މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ދެއްވާފައިވާ ކަމަށް އެމްޑީޕީގެ ހަރުގޭގައި ވާހަކަ ދައްކަވަމުން ރީކޯ މޫސާ މަނިކު އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބަލައިދިނުމަށް އެދި ފުލުސް އޮފީހަށް މައްސަލަ ހުށަހަޅާފައިވާނެ ކަމަށް މަހްލޫފް ވިދާޅުވި އެވެ.


މަހްލޫފް ވިދާޅުވި ގޮތުގައި، އެމްޑީޕީއާ ގުޅުމަށް އެދި އޭނާއަށް ވެސް ހަތް މިލިއަނާއި 10 މިލިއަން ރުފިޔާގެ ރިޝްވަތު ހުށަހަޅަން މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެމްބަރުން މަސައްކަތްކުރައްވައިފައިވާ ކަމަށެވެ.


ނަމަވެސް، މަހްލޫފުގެ މި ތުހުމަތުތަކަށް ރައްދުދެއްވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ނޮޅިވަރަމް ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ޕާލިމަންޓް ގްރޫޕުގެ ރައީސް ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު މިހާތަނަށް އެއްވެސް ރިޝްވަތެއް ހުށަހަޅުއްވާފައިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މަހްލޫފަށް ވެސް އަދި އެހެން މަޖިލީހުގެ މެމްބަރަކަށް ވެސް އެމްޑީޕީން ރިޝްވަތު ހުށަހަޅުއްވާފައިނުވާނެ ކަމަށް ވެސް ކާނަލް ވިދާޅުވި އެވެ.


މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވާރު ދައިރާގެ މެންބަރ ރީކޯ މޫސާ މަނިކާ ގުޅާލުމުން، ފަހުން ގުޅާލުމަށް ވިދާޅުވެ، ފޯނު ކަނޑުއްވާލެއްވި އެވެ. އަދި ފަހުން މޫސަ މަނިކާ ގުޅުމަށް ކުރި މަސައްކަތް ވަނީ ފޯނު ނުނެގުމުގެ ސަބަބުން ނާކާމިޔާބުވެފަ އެވެ.