ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމުގައި އެއްވެސް މިންވަރަކަށް ބޭސްވެރިކަމެއް ނެތް ކަމަށާއި މިކަމުގައި އޮތީ ތަފާސްހިސާބުގެ ފަރުވާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ތަފާސްހިސާބުގެ ދުވަހާ ގުޅިގެން ޒޫމް މެދުވެރިކޮށް ބޭއްވި ހަފުލާގައި ރައީސް ނަޝީދު ވިދާޅުވީ ކޮވިޑް-19 ޕެންޑެމިކްއިން ސަލާމަތްވުމަށް ބޭސްވެރިކަމުން ލިބޭނެ ފަރުވާއެއް ނެތް ކަމަށެވެ.

އެގޮތުން މި ބަލިން ރައްކާތެރިވާން މިހާރު އަޅަމުންދާ ފިޔަވަޅުތަކަކީ ބޭސްވެރިކަމުގެ ބަދަލުގައި ތަފާސްހިސާބުތަކަށް ބިނާކޮށް އަޅާ ފިޔަވަޅުތަކެއް ކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ.

"މުޅި މި ޕެންޑެމިކްއިން އެކީގައި މި އަރައިގަންނަނީ އެއްވެސް ހަކީމީ ފަރުވާއަކާ ނުލައި. ބޭސްވެރިކަމެއް ނެތް މީގައި ކުޑަކޮށްވެސް. ހުސް ތަފާސްހިސާބު. ގައިދުރުކުރުން އަދި އަދަދެއް ގުނުން، ދެން ވީ ގޮތް ބެލުން. އެއްވެސް މީހަކަށް މިކަމުން ހަގީގަތުގައި ކުރީގައި ނުކާ ޕެނެޑޯލު ގުޅައެއް ކަނީއެއް ނޫން. އަދި ބޭސްވެރިކަމުގައި ހަކީމީ ފަރުވާއެއް ވެސް މިކަމަށް އޮތީކީ ނޫން. މިކަމުގައި އޮތީ ސްޓެޓިސްޓިކަލް ފަރުވާއެއް [އަކުރުގެ ފަރުވާއެއް]." ނަޝީދު ވިދާޅުވި އެވެ.

މިކަންކަމަށް ބިނާކޮށް ނަޝީދު ވިދާޅުވީ އާންމު ސިއްހަތަށް ތަފާސްހިސާބު ބޭނުންވާ މިންވަރު އެއްވެސް ރައްޔިތަކަށް މިހާރު ނޯޅޭނެ ކަމަށެވެ.

ދުނިޔޭގެ ތަފާސްހިސާބު ދުވަހާ ގުޅިގެން ބޭއްވި ހަފްލާ ޝަރަފުވެރި ކޮށްދެއްވައި ނަޝީދު ވިދާޅުވީ ތަފާސްހިސާބުގެ ތާރީހާ، މި އިލްމު ރާއްޖޭގައި ބޭނުންކުރަމުން އައި ގޮތަށް ވަނީ އަލިއަޅުވާލައްވާފަ އެވެ.