ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރަށް ސަރުކާރުން ކިޔަމަން ނުވާހާ ހިނދަކު ސަރުކާރާއެކު މަޝްވަރާ ނުކުރާނެކަމަށް ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ގައުމަށް ދިމާވެފައިވަ ހާލާތައި ގުޅިގެން ދިޓީވީގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުން ތަސްމީން ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ހިލާފަށް ސިފައިން ހައްޔަރުކޮށް، ގައުމީ ޕާޓީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އިރު އިރުކޮޅާ ފުލުސް އޮފީހަށް ހާޒިރުކުރަމުން ގެންދަނީ ގާނޫނުތަކާއި ހިލާފަށް ކަމަށާއި އެކަންކަން ސަރުކާރުން އަނބުރާއި ނުގެންދަވާހާ ހިނދަކު ސރުކާރާއިއެކު މަޝްވަރާ އަށް ނުދާނެ ކަމަށެވެ.

"ކަނޑައެޅިގެން ގަނޫނު އަސާސީ އާއި ގާނުނާ ހިލާފަށް ސުޕްރީމް ކޯޓުގެ އަމުރާއި ހިލާފަށް މީހުން ބަންދުކުރަމުންދާ ދަނޑިވަޅެއްގައި މަޝްވަރާގެ މޭޒަށް ގޮސް މަޝްވަރާ ކުރެވޭނެ ކަމަށް ގަބޫލެއް ނުކުރަން،" ތަސްމީން ވިދާޅު ވިއެވެ.

ތަސްމީން ވިދާޅުވީ ގައުމަށް ދިމާވެފައިވާ ނާޒުކު ހާލަތުގެ ދަނޑިވަޅުގައި ގާނޫނުއަސާސީގެ ނިޒާމް ގެއްލިގެން ހިގައިދާނެ ބިރަށްޓަކައި ޑީއާރްޕީގެ ކައުންސިލްގެ ބައްދަލްވުމެއް ބާއްވާ ކައުންސިލްގެ މަޝްވަރާގެ މަތިން އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރުމާއި ސަރުކާރުން ހިންގާ އެކި ކަންކަމުގެ މައުލޫމާތު ބައިނަލްއަގުވާމީ މުޖުތަމައުއަށް ހާމަކޮށްދިނުމުގެ އިތުރުން ރައްޔިތުންގެ ވިސްނުންހުރި ގޮތް ހާމަ ކުރުމުގެ ގޮތުން މުޅި ރާއްޖޭގައި މާދަމާ ޕެޓިޝަނެގައި ސޮއިކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވާކަމަށެވެ.
އޭނާ އަދި ވިދާޅުވީ ސަރުކާރުން އިރުއިރުކޮޅާ ވަކި ބޭފުޅުން ގެންގޮސް ބަންދުކުރުމުން އެކަމާ ބިރުން އެކިއެކި ސިޔާސީ ފަރާތްތަކައި މީޑިޔާއިން ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ކުޑަނަމަވެސް ދުލެއް ދޭނެކަމަށް ސަރުކާރަށް ހީފުޅު ކުރެއްވޭނަމަ އެއީ ކުށް ހީއެއް ކަމަށާއި އެއަށް ވުރެ ހިތްވަރު ގަދަކޮށް މިއަދު މަސައްކަތް ކުރައްވާނެކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

"މިޒަމާނުގައި [ބޭފުޅަކު] ގެންގޮސް ހައްޔަރުކޮށްފާނެތީ ދޫނިދުއަށް ގެންގޮސް ފާނެތީ ނުވަތަ އެހެންތަނަކަށް ގެންގޮސްފާނެތީ އެއްވެސް ސިޔާސީ ފަރާތްތަކުން ކުރާ މަސައްކަތްތައް ދޫކޮށްލާފައި ފަހަތަށް ނުޖެހޭނެ،"

ތަސްމީން ވިދާޅުވީ މިއަދު ދިވެހި ރައްޔިތުންނަށް ސަރުކާރުގެ އަމަލްތަކުގެ ސަބަބުން ހަގީގީކުލަ ފެނި ސަރުކާރު ބޭޒާރުވެ ބަލިކަށިވެގެން ގޮސްފައިވާ ކަމަށާއި 2013 ވަނައަހަރުގެ ރިޔާސީ އިންތިހާބަ ހަމައަށް މި ސަރުކާރު ސަލާމަތުން އޮވެއްޖެނަމަ އެ އިންތިހާބު ބޮޑު ތަފާތަކުން ބަލިކުރައްވާނެ ކަމަށެވެ.