މިހާރު ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ގޯލު ޖަހާފައިވާ ލިސްޓުގެ ހަވަނައިގައި ރާއްޖެ ދުއް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ހިމެނިއްޖެ އެވެ.

މި މަހުގެ 17 ވަނަ ދުވަހު އާއްމު ކުރި ލިސްޓުގެ ޝަރަފުވެރި ހަވަނައިން އަޝްފާގު ޖާގަ ހޯދީ އޭނާގެ ކެރިއަރުގައި ޖެހި 464 ގޯލުންނެވެ. މިއީ 2001 ވަނަ އަހަރުން ފެށިގެން 2020 އާ ހަމައަށް އޭނާ ކުޅުނު 544 މެޗުން އޭނާ ޖަހާފައިވާ ގޯލުގެ އަދަދެވެ.

މިވަގުތު ކުޅެމުން އަންނަ އެކްޓިވް ކުޅުންތެރިންގެ މައްޗަށް ބިނާކޮށްފައި ލިސްޓްގެ އެއްވަނައިގައި ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އޮތީ 1055 މެޗުން 742 ގޯލް ޖަހައިގެންނެވެ. މިވަގުތު އެންމެ ގިނަ ގޯލު ޖަހާފައިވާ ރޮނާލްޑޯގެ "ގޯލް ޕާ ގޭމް" ރޭޝިއޯއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 0.72 އެވެ.

އެ ލިސްޓުގެ ދެވަނައިގައި އޮތީ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީއެވެ. ކެރިއަރުގައި 930 މެޗުން މެސީ ވަނީ 706 ގޯލް ޖަހާފައެވެ. ވާދަވެރިޔާ ރޮނާލްޑޯއަށްވުރެން 125 މެޗު މަދުން ކުޅެގެން މެސީ ދެވަނަ ހޯދި އިރު އޭނަގެ ގޯލް ޕާ ގޭމް ރޭޝިއޯ އަކީ 0.79 އެކެވެ.

އޭގެ ދަށުން ވާދަކުރާ ޒްލަޓާން އިބްރަހިމޮވިޗްގެ ކެރިއަރުގައި 559 ގޯލް ޖަހާފައިވާއިރު، ހަތަރު ވަނަ ލިބެނީ ރޮބާޓް ލެވަންޑޯސްކީއަށެވެ. އޭނާ ވަނީ 506 ގޯލް ކެރިއަރުގައި ޖަހާފައެވެ. ދަގަނޑޭގެ ކުރިން ފަސްވަނައިގައި އޮތީ އުރުގުއޭގެ ފޯވަޑް ލުއިޒް ޝުއަރޭޒްއެވެ. އޭނާ ވަނީ 488 ގޯލް ކެރިއަރުގައި ޖަހާފަ އެވެ.

ބައިނަލް އަގުވާމީ ގޯލު ލިސްޓުގެ ހަވަނައިން ޖާގަ ހޯދި އަޝްފާގު މިހުރިހާ ކުޅުންތެރިންނާ ވާދަކުރާއިރު، އޭނަގެ ގޯލް ޕާ ގޭމް ރޭޝިއޯ އުޅެނީ މިހުރިހާ ކުޅުންތެރިންނެއް ވުރެން މަތީގަ އެވެ. އަޝްފާގު ކުޅެފައިވާ މެޗުތަކާއި އޭނާ ޖެހި ގޯލުތަކުގެ ރޭޝިއޯ އަކީ 0.85 އެވެ. އެހެން ކަމުން އަޝްފާގުގެ މި ރޭޝިއޯއަކީ ދުނިޔެ ދުށް އެންމެ ވަރުގަދަ ފުޓުބޯޅަ ޝަހުސިއްޔަތު ޕެލޭގެ ތަފާސް ހިސާބުތަކާވެސް ގާތް ކުރާ އަދަދެކެވެ. 831 މެޗުން 767 ގޯލް ޖަހާފައިވާ ޕެލޭގެ ގޯލް ޕާ ގޭމް ރޭޝިއޯއަކީ 0.92 އެކެވެ.

ލިސްޓްގެ ގަދަ 10 އާންމުކޮށްފައިވާއިރު، ދެން ލިސްޓްގައި ހިމެނެނީ ސެބޭސްޓިއަން އަބްރޫއާއި ސާޖިއޯ އަގުއޭރޯގެ އިތުރުން ކްލާސް ޔާން ހަންޓްލާ އަދި އެޑިސަން ކަވާނީ އެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު އެތައް ފަހަރަކު ހޯދާފައިވާ އަޝްފާގު ވަނީ ކުލަބު ވެލެންސިއާއަށް 104 ލަނޑު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް 129 ލަނޑު، ބްރޫނީގެ ޑީޕީއެމްއެމް އެފްސީއަށް 2 ލަނޑު، ވީބީ އައްޑޫ އެފްސީއަށް 93 ލަނޑު ޖަހައިދީފަ އެވެ. އެއަށްފަހު ރާއްޖޭން ބޭރުގައި ކުޅެ މެލޭޝިއާގެ ޕީޑީއާރުއެމް އެފްއޭއަށް 47 ލަނޑުޖަހައިދިން އިރު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް 8 ލަނޑު، ޓީސީ ސްޕޯޓްސް ކުލަބަށް 16 ލަނޑު، ކުލަބު ގްރީން ސްޓްރީޓްސްއަށް 11 ލަނޑު، ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް 53 ލަނޑު އަދި 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމަށް 2 ލަނޑު ޖަހާފަ އެވެ.