18 Jan 2012, 18:01
ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރަށް ސަރުކާރުން ކިޔަމަން ނުވާހާ ހިނދަކު ސަރުކާރާ އެކު މަޝްވަރާ ނުކުރާނެ ކަމަށް ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ގައުމަށް ދިމާވެފައިވާ ހާލާތާ ގުޅިގެން ދި ޓީވީގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުން ތަސްމީން ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ހިލާފަށް ސިފައިން ހައްޔަރުކޮށް، ގައުމީ ޕާޓީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އިރުއިރުކޮޅާ ފުލުސް އޮފީހަށް ހާޒިރުކުރަމުން ގެންދަނީ ގާނޫނުތަކާއި ހިލާފަށް ކަމަށާއި އެކަންކަން ސަރުކާރުން އަނބުރާ ނުގެންދަވާހާ ހިނދަކު ސަރުކާރާއެކު މަޝްވަރާ އަށް ނުދާނެ ކަމަށެވެ.
"ކަނޑައެޅިގެން ގަނޫނު އަސާސީ އާއި ގާނުނާ ހިލާފަށް ސުޕްރީމް ކޯޓުގެ އަމުރާ ހިލާފަށް މީހުން ބަންދުކުރަމުންދާ ދަނޑިވަޅެއްގައި މަޝްވަރާގެ މޭޒަށް ގޮސް މަޝްވަރާ ކުރެވޭނެ ކަމަށް ގަބޫލެއް ނުކުރަން،" ތަސްމީން ވިދާޅު ވިއެވެ.
ތަސްމީން ވިދާޅުވީ ގައުމަށް ދިމާވެފައިވާ ނާޒުކު ހާލަތުގެ ދަނޑިވަޅުގައި ގާނޫނު އަސާސީގެ ނިޒާމް ގެއްލިގެން ހިގައިދާނެ ބިރަށްޓަކައި ޑީއާރްޕީގެ ކައުންސިލްގެ ބައްދަލްވުމެއް ބާއްވައި ކައުންސިލްގެ މަޝްވަރާގެ މަތިން އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރުމާއި ސަރުކާރުން ހިންގާ އެކި ކަންކަމުގެ މައުލޫމާތު ބައިނަލްއަގުވާމީ މުޖުތަމައުއަށް ހާމަކޮށްދިނުމުގެ އިތުރުން ރައްޔިތުންގެ ވިސްނުން ހުރި ގޮތް ހާމަ ކުރުމުގެ ގޮތުން މުޅި ރާއްޖޭގައި މާދަމާ ޕެޓިޝަނެގައި ސޮއިކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އޭނާ އަދި ވިދާޅުވީ ސަރުކާރުން އިރުއިރުކޮޅާ ވަކި ބޭފުޅުން ގެންގޮސް ބަންދުކުރުމުން އެކަމާ ބިރުން އެކިއެކި ސިޔާސީ ފަރާތްތަކާއި މީޑިޔާ އިން ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ކުޑަނަމަވެސް ދުލެއް ދޭނެކަމަށް ސަރުކާރަށް ހީފުޅު ކުރެއްވޭ ނަމަ އެއީ ކުށްހީއެއް ކަމަށާއި އެއަށް ވުރެ ހިތްވަރު ގަދަކޮށް މިއަދު މަސައްކަތް ކުރައްވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
"މިޒަމާނުގައި [ބޭފުޅަކު] ގެންގޮސް ހައްޔަރުކޮށްފާނެތީ ދޫނިދު އަށް ގެންގޮސް ފާނެތީ ނުވަތަ އެހެންތަނަކަށް ގެންގޮސްފާނެތީ އެއްވެސް ސިޔާސީ ފަރާތްތަކުން ކުރާ މަސައްކަތްތައް ދޫކޮށްލާފައި ފަހަތަށް ނުޖެހޭނެ،"
ތަސްމީން ވިދާޅުވީ މިއަދު ދިވެހި ރައްޔިތުންނަށް ސަރުކާރުގެ އަމަލްތަކުގެ ސަބަބުން ހަގީގީކުލަ ފެނި ސަރުކާރު ބޭޒާރުވެ ބަލިކަށިވެގެން ގޮސްފައިވާ ކަމަށާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަ ހަމައަށް މި ސަރުކާރު ސަލާމަތުން އޮވެއްޖެ ނަމަ އެ އިންތިހާބު ބޮޑު ތަފާތަކުން ބަލިކުރައްވާނެ ކަމަށެވެ.