20 Oct 2020, 11:44
ހިފާފައިވާ ގުދްސު (އޮކްޓޯބަރު 20) --ޔަހޫދީން ދެކެލޯބިވާ އަދި އިސްރާއީލާއި ޒަޔަނިޒަމަށް އެހިތެރިވެ ވާގިވެރިވާ ދުނިޔޭގެ ގައުމުތަކުގެ ވެރިންނާއި މުފައްކިރުންފަދަ ނުފޫޒުގަދަ ފަރާތްތަކަށް ދޭ އިނާމު ކަމަށްވާ "ފްރެންޑްސް އޮފް ޒަޔަން އިނާމު" ސައޫދީ އަރަބިޔާ، ޔުނައިޓެޑް އަރަބް އިމަރޭޓްސް، ޢުމާން އަދި ބަހްރައިން ގެ އިސްވެރިންނަށް ދިނުމަށް ޒަޔަނިސްޓުންގެ މަރުކަޒަކުން ނިންމައިފި އެވެ.
"ފްރެންޑްސް އޮފް ޒަޔަން ހެރިޓޭޖް ސެންޓަރ"
"ފްރެންޑްސް އޮފް ޒަޔަން އިނާމު" ދޭ ޔަހޫދީ ޒަޔަނިސްޓުންގެ މަރުކަޒު ކަމަށްވާ "ފްރެންޑްސް އޮފް ޒަޔަން ހެރިޓޭޖް ސެންޓަރު" އިން ބުނީ ބަހާއި އަމަލާއި ވިސްނުމާއި ސްޓްރެޓެޖީ އަށް ބަލާއިރު ސައޫދީ އަރަބިޔާ، ޔުނައިޓެޑް އަރަބް އަމިރޭޓްސް، ޢުމާން އަދި ބަހްރައިން ގެ އިސްވެރިންނަށްވުރެ ޔަހޫދީން ދެކެ ލޯބިވާ އަދި އިސްރާއީލަށާއި ޒަޔަނިޒަމަށް އެހިތެރިވެ އެމީހުންގެ ލަނޑުދަނޑިތަށް ހާސިލް ކުރުމަށް ސިއްރާއި ފާޅުގައި އެހީތެރިވާ ބަޔަކު މިހާރު ނެތްކަމަށާ މިއީ އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން އެބޭފުޅުންނަށް ދިނުމަށް ނިންމި އިނާމެއް ކަމުގައެވެ.

ފްރެންޑްސް އޮފް ޒަޔަން ހެރިޓޭޖް ސެންޓަރ
1976 ގެ ހަނގުރާމައިގާ އިސްރާއީލު ގަދަބާރުން ހިފާފައިވާ ފަލަސްތީނުގެ ރަށެއްކަމަށްޥާ އަލްގުދްސުގައި މަރުކަޒު ހުންނަ "ފްރެންޑްސް އޮފް ޒަޔަން ހެރިޓޭޖް ސެންޓަރ" ގެ ވެރިޔާ ޑރ. މައިކް އިވާންސް ވިދާޅުވީ އަރަބި އިސްލާމީ ދުނިޔެއިން ޔަހޫދީން ދެކެލޯބިވާ އަދި އިސްރާއީލާއި ޒަޔަނިޒަމަށް ވާގިވެރިވާ ވެރިންތަކެއް ފެނިގެން ދިޔުމަކީ ޒަޔަނިސްޓް ފިކުރަށާއި އިސްރާއީލުގެ ދައުލަތަށް ލިބިގެންދިޔަ އަގު ނުކުރެވޭ ކާމިޔާބެއް ކަމުގައެވެ. ޔަހޫދީންނަށާއި އިސްރާއީލަށް އެބޭފުޅުންގެ ފަރާތުން ލިބޭ އެހީތެރިކަމާއި އޯގާތެރިކަން ޓްރިލިޔަން ޑޮލަރުންވެސް އަގު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޒަޔަނިޒަމް އަކީ ދުނިޔޭގައި ޔަހޫދީންގެ ހަންފެތުރުމުގެ އިސްތިއުމާރީ ފިކުރެއް
ޒަޔަނިޒަމް އަކީ 19 ވަނަ ގަރުނުގެ ފަހުކޮޅުގައި ޔަހޫދީ މުފައްކިރުން އުފެއްދި ޔަހޫދީންގެ ސިޔާސީ އަދި އިސްތިއުމާރީ ނުރައްކާތެރި ހަރަކާތެކެވެ. މިހަރަކާތުގެ ބޭނުމަކީ މުޅި ދުނިޔެ ޔަހޫދީންގެ ކޮންޓްރޯލްގެ ދަށުގައި ބޭއްވުމެވެ. މި ހަރަކާތުގެ މަސައްކަތުން އެމެރިކާއާއި ޔޫރަޕާ އެނޫންވެސް ގިނަ ގައުމުތަކެއްވަނީ ޔަހޫދީ ޖަމާއަތްތަކުގެ ބާރާއި ނުފޫޒުގެ ދަށަށް ގެންގޮސްފައެވެ.
ޔަހޫދީން ދެކެ ލޯބިވާ އަދި އިސްރާއީލުގެ މަގްސަދުތަށް ހާސިލްކޮށްދޭ އަރަބި 5 ވެރިން
ޔަހޫދީން ދެކެލޯބިވާ އަދި އިސްރާއީލާއި ޒަޔަނިޒަމަށް ވާގިވެރިވާ ފަރާތްތަކަށް ދޭ އިނާމު ދިނުމަށް "ފްރެންޑްސް އޮފް ޒަޔަން ހެރިޓޭޖް ސެންޓަރ" ން މިފަހަރު އިޚްތިޔާރުކުރި އަރަބި ވެރިންނަކީ ސައޫދީ ވަލީއަހްދު މުޙައްމަދު ބިން ސަލްމާންއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް ގެ ބާރުގަދަ މީހާގެ ގޮތުގައި ސިފަކުރެވޭ އެގައުމުގެ ވަލީއުލްއަހްދު މުހައްމަދު ބިން ޒާޔިދު އާއި ބަހްރައިންގެ ރަސްގެފާނު ޙަމަދް ބިން ޢީސާ އާލްޚަލީފާ އާއި މަޣްރިބް ގެ ރަސްގެފާނު މުޙައްމަދުއްސާދިސު އާއި އުމާންގެ ރަސްގެފާނު ހައިޘަމް ބިން ޠާރިޤް އާލްސަޢީދުއެވެ. މަޣްރިބް ގެ ރަސްގެފާނަކީ އެގައުމުން "އަމީރުލް މުއުމިނީން" ގެ ލަގަބު ދީފައިވާ ބޭފުޅެކެވެ.

އަރަބި މި 5 ވެރިންގެ އިތުރުން "ފްރެންޑްސް އޮފް ޒަޔަން އިނާމު" ދިނުމަށް މިއަހަރު ނިންމި ދުނިޔޭގެ އެހެން ލީޑަރުންގެ ތެރޭގައި ސާބިޔާ، ރޫމޭނިޔާ، ޕެރެގުއޭ، ޗެކްރިޕަބްލިކް، ޔޫގެންޑާ އަދި މަލާވީގެ ރައީސުން ހިމެނެއެވެ.
"އަހަރެމެން (ޔަހޫދީންގެ) ގެ ދައުލަތަކީ ނީލަކޯރާއި ފުރާތު ކޯރާ ދެމެދުގައިވާ ބިންތަށް"
"ފްރެންޑްސް އޮފް ޒަޔަން ހެރިޓޭޖް ސެންޓަރ" އަކީ އިސްރާއީލުގެ ސްޓްރެޓީޖިކް ލަނޑުދަނޑި ކަމަށްވާ މިސްރުގެ ނީލަ ކޯރާއި އިރާގުގެ ފުރާތު ކޯރާ ހަމައަށް އޮންނަ އަރަބި ބިންތަކުގައި "ގްރޭޓާ އިސްރާއީލު" ގެ ނަމުގައި އިސްރާއީލުގެ ބޮޑު ދައުލަތް އުފެއްދުމަށް ވަކާލާތު ކުރާ އަދި އެޝިއާރު ފާޅުގައި އުފުލާ ފިކުރީ ސަގާފީ މަރުކަޒެކެވެ. އިސްރާއީލުގެ ޕާލަމެންޓް ކަމަށްވާ 'ކެނީސެތް" ގައިވެސް އެންމެ ބޮޑު އަކުރުން މި ޝިއާރު މިހާރުވެސް ލިޔެފައިވެއެވެ. އެއީ " އަހަރެމެން (ޔަހޫދީންގެ) ގެ ދައުލަތަކީ ނީލަކޯރާއި ފުރާތު ކޯރާ ދެމެދުގައިވާ ބިންތަށް" ކަމުގެ ޝިއާރެވެ.

"ފްރެންޑްސް އޮފް ޒަޔަން ހެރިޓޭޖް ސެންޓަރ ގެ ވެރިޔާ ޑރ. މައިކް އިވާންސް މިދިޔަ އަހަރު ބޭފުޅަކަށް "ފްރެންޑްސް އޮފް ޒަޔަން އިނާމު" ދެނީ
އިސްރާއީލުގެ މިމަގްސަދު ހާސިލް ކޮށްދިނުމައި އަރަބިންގެ ތެރެއިން އިސްރާއީލަށް ވަފާތެރިކަމާއެކު ސިއްރިޔާތުގައި ހިމޭންކަމާއެކު މަސައްކަތް ކޮށްދެއްވާ އިސްލާމީ ވެރިއަކީ ސައޫދީ ވަލީއަހްދު މުޙައްމަދު ބިން ސަލްމާން ކަމަށް "ފްރެންޑްސް އޮފް ޒަޔަން ހެރިޓޭޖް ސެންޓަރ" ގެ ވެރިޔާ ޑރ. މައިކް އިވާންސް ވަނީ ސިފަކުރައްވާފައެވެ. މިކަން އަރަބި އިސްލާމީ ދުނިޔޭގައި މުޙައްމަދު ބިން ސަލްމާން ގެންދަވަނީ ވަރަށް ހިމޭންކަމާއެކުގައި ކަމަށާ އެއީ އޭނާއަށް މިއިނާމަށްވުރެ ބޮޑު އެއްޗެއް ހައްގުވާ ކަމެއްކަމަށްވެސް ޑރ. އިވާންސް ވަނީ ވިދާޅުވެފައެވެ. އިސްރާއީލު ސަރުކާރުގެ ވަފްދަކާއެކު ދާދިފަހުން ޑރ. އިވާންސް ސައޫދީއަށް ވަޑައިގެން ސައޫދީ ވަލީއަހްދު މުޙައްމަދު ބިން ސަލްމާން އާވަނީ ބައްދަލުކުރައްވާފައެވެ.
"ގްރޭޓާ އިސްރާއީލު"
ފަލަސްތީނުގެ ބިން ފޭރިގަތުމަށްފަހު އެބިމުގައި މިހާރު އުފައްދާފައިވާ ޔަހޫދީ އިސްތިއުމާރީ ބާރެއް ކަމަށްވާ އިސްރާއީލު ވަނީ އަވަށްޓެރި ސޫރިއާގެ ގޯލާންގެ ބިންތަކާއި ލުބްނާނާއި އުރުދުންގެ ބިންތަކެއްވެސް ހިފާފައެވެ. އިސްރާއިލު ފުޅާކޮށް "ގްރޭޓާ އިސްރާއީލު" އުފައްދާ ނީލަކޯރާއި ފުރާތު ކޯރާ ދެމެދުގައިވާ ބިންތަކުގައި ހިމެނޭ އަރަބި ގައުމުތަކުގެ ތެރޭގައި މިސްރުގެ ބޮޑުބަޔަކާއި އިރާގާއި ސޫރިޔާގެ ބޮޑުބައެއް ހިމެނެއެވެ. މީގެއިތުރުން ފަލަސްތީނު، އުރުދުން ސައޫދީ އަރަބިއާ އާއި ގަލްފުގެ ހުރިހާ ގައުމުތަކާ އަދި ޔަމަންވެސް ހިމެނެނީ ނީލަކޯރާއި ފުރާތު ކޯރާ ދެމެދުގައިވާ ބިންތަކުގައެވެ.
އެމެރިކާގެ އެހީތެރިކަމާއެކު ގަލްފުގެ ގައުމުތަކުން މިހާރު ކުރިއަށްގެންދާ އިސްރާއީލާ ގުޅުންތަށް އުފެއްދުމުގެ ހަރަކާތްތަކުގެ މޭސްތިރިންނަކީ ސައޫދީ ވަލީއަހްދު މުޙައްމަދު ބިން ސަލްމާން އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވަލީއުލްއަހްދު މުހައްމަދު ބިން ޒާޔިދު ކަމަށް އިސްރާއީލުންވެސް ދެކެއެވެ. މުޙައްމަދު ބިން ސަލްމާނާއި މުހައްމަދު ބިން ޒާޔިދު އަކީ މިހާރު އިސްލާމީ ދުނިޔޭގައި އެންމެ ސްޓްރެޓީޖިކް ވިސްނުން ގެންގުޅުއްވާ އަދި ދުރު މުސްތަގުބަލަށް އެންމެ ބޮޑަށް ރާވާ ދެބޭފުޅުންކަމަށް "ފްރެންޑްސް އޮފް ޒަޔަން ހެރިޓޭޖް ސެންޓަރ" އިން ނެރުނު ރިޕޯޓެއްގައިވަނީ ސިފަކޮށްފައެވެ.
އިސްރާއީލާ ގުޅުންއުފެއްދުމަށް މަގުފަހިވާގޮތަށް ދީނީ ތަގްރީރުތަށް ބައްޓަންކުރަން ފެށުން
އިސްރާއީލާ ގުޅުންތަށް އުފެއްދުމަށް ހިންގާ ހަރަކާތުގެ ދަށުން ޔޫއޭއީ އާއި ބަހްރައިން އިންވަނީ އިސްރާއީލާ ހުރިހާ ބާވަތެއްގެ ގުޅުންތަށް ގާއިމްކޮށް އެކަމާމެދު ފަޚުރުވެރިވާކަން ފާޅުގައި ހާމަކޮށްފައެވެ. ސައޫދީއަށް މިކަން ކުރަން ފާޅުގައި އަދި ނުކެރިގެން އުޅެނީ އެގައުމުގެ އެތެރޭގައި އުފެދިދާނެ ދާޚިލީ ހަމަނުޖެހުންތަކަކަށް ބިރުން ކަމަށް މުހައްލިލުން ވިދާޅުވެއެވެ. ސައޫދީ ސަރުކާރަށް ތާއީދުކުރާ އެގައުމުގެ ބައެއް އިލްމުވެރިން މިހާރުވަނީ އިސްރާއީލާ ގުޅުންއުފެއްދުމަށް މަގުފަހިވާގޮތަށް (ދުރުދުރުން ނުސީދާ ޓެކްޓިކްތަށް ބޭނުން ކުރައްވައިގެން) ދީނީ ތަގްރީރުތަކާއި ޚުތުބާތަށް ބައްޓަން ކުރަން ފައްޓަވާފައެވެ. (ނޫސްއެޖެންސީތައް)