18 Jan 2012, 17:28
ކުޅިވަރާއި ކަސްރަތާއި އަދި ކިޔެވުމާއި ހުރި ގުޅުން ބެލުމަށް ރާއްޖޭގެ އޮލިމްޕިކް ކޮމެޓީން "އޮލިމްޕިކް އެޑިއުކޭޝަން" ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ހިންގަން ފަށައިފި އެވެ.
އޮލިމްޕިކް ކޮމެޓީގެ ނައިބު ރައީސް ޑރ. ހުސެން ހަލީމް (ކުޑަ ހުސެން) ވިދާޅުވީ، އޮލިމްޕިކް ކޮމެޓީގެ ފަރާތުން މިއަހަރު ގިނަ ކަންތައްތަކެއް ކުރުމަށް ރާވާފައިވާ ކަމަށާއި މިހާރު ކުރިއަށްގެންދާ އެންމެ ހާއްސަ އެއް ކަމަކީ އޮލިމްޕިކް އެޑިއުކޭޝަންގެ ނަމުގައި ރާއްޖޭގެ އެކިއެކި ޕްރޮވިންސް ތަކުގައި ހާއްސަ ސެސަންތަކެއް ކުރިއަށްގެން ދިއުން ކަމަށެވެ. އަދި އެސެސަންތަކަކީ ކުޅިވަރާއި ކަސްރަތާއި އަދި ކިޔެވުމާ ހުރި ގުޅުމަކީ ކޮބައިތޯ ބެލުމަށް ކުރިއަށް ގެންދާ ސެސަންތަކެއް ކަމަށް ހުސެން ވިދާޅުވި އެވެ.
"ކުޅިވަރު ކުޅޭ މީހަކު ކަސްރަތު ކުރަމުން އޭނާގެ ކިޔެވުމަށް ފައިދާވޭތޯ. ހަމައެކި ކިޔެވުމަށް އިސްކަންދީގެން ކުޅިވަރު ނުކުޅެ، ކަސްރަތު ނުކޮށް ދެން ކިޔަވަން އުޅެފިއްޔާ ދެން ނުކުންނާނެ ނަތީޖާއަކީ ކޮބާތޯ ބެލުން މިސެސަންގައި ހިމެނޭ" ހުސެން ވިދާޅުވި އެވެ.
ހުސެން ވިދާޅުވީ، ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ ސުކޫލްތަކުގެ ދަރިވަރުންނަށާއި ކުލަބް ޖަމްއިއްޔާތަކުގެ އިތުރުން ބެލެނިވެރިންނާއި ޓީޗަރުން ވެސް ހިމަނާގެން ކަމަށެވެ.
"މިޕޮރޮގްރާމްގެ ދަށުން ފުރަތަމަ އިސްނެގުން އާ އެއް ފަރާތަކީ ޅ. ނައިފަރު ޖުވެނިއަލްއިން އެރަށުގެ ސުކޫލްގެ ދަރިވަރުންނަށް. އެސުކޫލްގެ ގްރޭޑް 8، 9 އަދި 10ގެ ދަރިވަރުން ވަނީ ބައިވެރިވެފަ. އަންހެން ފިރެހެން އެއްކޮށް ގާތް ގަޑަކަށް 150 އާއި 200 ދަރިވަރުން ޕްރޮގްރާމުގައި ބައިވެރިވި. ސެސަންގެ ދިގުމިނަކީ 1:30 މިނެޓް." ހުސެން ވިދާޅުވިއެވެ.
ހުސެން ވިދާޅުވީ ކުރިއަށް އޮތްތާގައި މިޕްރޮގްރާމް މާލޭގެ ސުކޫލްތަކުގައި ވެސް ހިންގުމަށް ހަމަޖެހިފައިވާ ކަމަށާއި ސުކޫލްތަކުން އިސްނަގާގެން އޮލިމްޕިކް ކޮމެޓީގައި އެދުމުން އެކަން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.