19 Oct 2020, 23:39
މިހާރު ރާއްޖެއިން ކޮވިޑް19ގެ ކޭސްތައް ފެންނަ އަދަދު މަދުވި ނަމަވެސް، މި ބަލި މުޅިން ފިލައިގެން ނުދާ ކަމަށާއި ތިންވަނަ ރާޅެއް ވެސް އަތުވެދާނެ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.
އެޗްއީއޯސީއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ދުނިޔޭގެ ބައެއް ގައުމުތަކަށް މިހާރު ވެސް ކޮވިޑް19ގެ ތިންވަނަ ރާޅަކާ ކުރިމަތިވެފައިވާ ކަމަށެވެ.
"މިހާރު ގަބޫލުކުރެވޭނެ އަޅުގަނޑުމެންގެ ތެރެއިން މިހާރު ކޭސްތައް މަދުވިޔަސް، އެއްކޮށް ކޮވިޑް ފިލައިގެން ނުދާކަން، އަނެއްކާވެސް އިތުރު ވޭވްއެއް ހަމަ އަތުވެދާނެކަން. ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި އެ އުޅެނީ ތިންވަނަ ވޭވްއެއް އައިސްގެން." ޑރ. ނަޒްލާ ވިދާޅުވި އެވެ.
ޑރ. ނަޒްލާ ވިދާޅުވީ ގައިޑްލައިންތައް އެކުލަވާލަނީ އެވަގުތަކަށް ލިބެން ހުރި އެންމެ ފަހުގެ މައުލޫމާތަށް ބިނާކޮށް، ބަލިން ރައްކާތެރިވެވެން ހުރި ކަންކަން ހިމަނައިގެން އެކުލަވާލާ ގައިޑްލައިންތަކެއް ކަމަށެވެ. އަދި އަބަދު ލޮކްޑައުންފަދަ ފިޔަވަޅުތައް ނޭޅޭނެ ކަމަށާއި ކޮވިޑާއެކު އުޅެން ދަސްކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"ކޮވިޑާއެކު ދިރިއުޅެން ދަސްކުރަން ޖެހޭ އެބަ. އަބަދު ރެސްޓްރިކްޝަންސްއަކަށް ނުދެވޭނެ. ރެސްޓްރިކްޝަންސްއަށް ދިޔައިމަ ދިރިއުޅުމަށް ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވޭ. ރެސްޓްރިކްޝަންސްއާ ނުލާ އުޅެވޭނީ މާސްކް އެޅުމާއި މިކަންކަމަށް ސަމާލުކަން ދީގެން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
ގާތްގަނޑަކަށް ދެ މަސް ދުވަހުގެ މުއްދަތަކަށް މާލެ ސަރަހައްދު ލޮކްޑައުން ކުރުމަށްފަހު ލުއިތަކެއް ދިނުމާއެކު މާގިނަ ދުވަސްތަކެއް ނުވެ، ރާއްޖޭގައި ކޮވިޑް19ގެ ދެވަނަ ރާޅަކާ ކުރިމަތިވި އެވެ.

ޖޫން 8، 2020: ނިއު ނޯމަލް އާއި އެކު މާލޭގެ މަޖީދީމަގު ބާރު ބޮޑުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ޑރ. ނަޒްލާ ވިދާޅުވީ އޭރު ކޭސްތައް އިތުރުވީ ލުއިދިނުމުން ނޫން ކަމަށާއި، އެއީ މާސްކު އެޅުމާއި ގައިދުރުކަން އާންމުންގެ ތެރޭގައި މިހާރު އޮތް މިންވަރަށް އާދަވެފައި ނެތުމުން ކަމަށެވެ.
"އޭރު ލޮކްޑައުން ރިލީސްވުމާއެކު ތަންކޮޅެއް ވަގުތު ނެގިހެން ހީވަނީ އެންމެންވެސް އެކަންތައްތަކަށް [ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް] އާދަވާން އަދި އަމަލުކުރަން. ގިނަ ބަޔަކަށް އެކަންކަމަށް ސަމާލުކަން ނުދެވުނީމަ ކޭސްތައް އިތުރުވެގެންދިޔައީ." ޑރ. ނަޒްލާ ވިދާޅުވި އެވެ.
ކުރިއަށް ވެސް ލުއިތަކެއް ދިނުމަށް ރާވާފައިވާ ކަމަށާއި އެހެން ނަމަވެސް ލުއިތައް ދެވޭނީ ލުއިދިނުމުގައި މިހާރު ބަލާ މިންގަނޑުތަކުން ޖުމުލަ ސްކޯ ހަތަރެއް ނުވަތަ އެއަށްވުރެ ދަށުގައި ހިފެހެއްޓިއްޖެނަމަ ކަމަށެވެ.