އީރާނުގެ ނިއުކްލިޔާ ސައިޓްތަކަށް އިސްވެ ޙަމަލާދޭނެކަމުގެ އިންޒާރުތައް އެމެރިކާ ކިތަންމެވަރަކަށް ދިންނަމަވެސް މިފަދަ ހަރުކަށި އަމަލެއް ހިންގުމަކީ އެމެރިކާގެ މަސްލަހަތެއް ނޫންކަމަށް ކަމާބެހޭ ދިރާސާ ރިޕޯޓެއް ބުނެފިއެވެ.

"އަރަބިކް ސެންޓަ ފޯ ރީސާޗް އެންޑް ޕޮލިސީ ސްޓަޑީސް" އިންތައްޔާރުކޮށްފައިވާ ރިޕޯޓް ބުނާގޮތުން އީރާނުގެ ނިއުކްލިޔަ ސައިޓްތަކަށް އެމެރިކާ އިސްވެ ޙަމަލާދިނުމަކީ ވަރަށް ދުރުކަމެކެވެ.

މިފަދަ ޙަމަލާތަކެއް ދިނުމަކީ އީރާނާއެކު ދިގުމުއްދަތެއްގެ ހަނގުރާމައަކަށް ދިޔުންކަމަށްވެފައި އެކަމުގެ ސަބަބުން ތެލުގެ ޝިޕްމަންޓްތަކަށް ހުރަސްއެޅި ތެލުގެ އަގުމައްޗަށް ދާނެތީ މިއީ އެމެރިކާގެ އިޤްތިސާދަށް ކައިރިމުސްތަޤްބަލެއްގައި ތަޙައްމަލްކުރެވޭނެ ކަމެއްނޫންކަމަށް މިދިރާސާ ތައްޔާރުކުރި މުޙައްލިލުންނާއި ސްޓްރެޓީޖް ދިރާސާތަކާބެހޭ ތަޖްރިބާކާރުން ވިދާޅުވެފައިވެއެވެ.

މިރިޕޯޓް ބުނާގޮތުން އީރާނާދެކޮޅަށް އެމެރިކާ ދޭ އިންޒާރުތަކުގެ ފަހަތުގައިވަނީ އިސްރާއީލެވެ. ނަމަވެސް އިސްރާއީލުގެ ސިފައިންގެ މުއައްސަސާގެ އިސްވެރިންނާއި ސިޔާސީ ބޮޑެތި ޕާޓީތައް ކަމަށްވާ ލޭބަރ ޕާޓީއާއި ކަދީމާ ޕާޓީއާއި ވެރިކަންކުރާ ލިކޫޑް ޕާޓީގެ ގިނަ ލީޑަރުން އީރާނަށް އިސްވެ ޙަމަލާދިނުމަށް ސިއްރިޔާތުގައި ދެކޮޅު ހައްދަވާކަމަށް އިސްރާއީލުގެ ޢަސްކަރީ އަދި ސިޔާސީ ދާއިރާތަކާ ޙަވާލާދީ މިރިޕޯޓް ބުނެއެވެ.

މިރިޕޯޓްގައިވާ ގޮތުން އީރާނުގެ ނިއުކްލިޔަރ ސައިޓްތަކަށް އިސްވެ ޙަމަލާދޭނެކަމުގެ އިންޒާރުތައް ކިތަންމެވަރަކަށްދީ ބިރު ދައްކަމުން ގެންދިޔަ ނަމަވެސް އިސްރާއީލާއި އެމެރިކާއާއި އަދި ހުޅަނގުގެ ޢަސްކަރީ އަދި ސިޔާސީ ގިނަ ތަޖްރިބާކާރުންވެސް އިސްރާއީލަށާއި އެމެރިކާއަށް ލަފާދެނީ އީރާނަށް އިސްވެ ޙަމަލާދީ ނިއުކްލިޔަރ ސައިޓްތައް ހަލާކުކޮށްލަން މަސައްކަތްކުރުމުގެ ބަދަލުގައި ނިއުކްލިޔަރ އީރާނާ މުޢާމަލާތްކުރަން ދަސްކުރުމަށެވެ.

އީރާނަށް އިސްވެ ޙަމަލާނުދިނުމަށް މިފަރާތްތަކުން އެމެރިކާއަށާއި އިސްރާއީލުގެ އިސްވެރިންނަށް އިލްތިމާސްކުރަނީ ޙަމަލާދީގެން އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް ހުއްޓުވުމުގެ ފުރްސަތު ކުޑަކަމުންނެވެ. މިފުރްސަތު ކުޑަވެފައިވަނީ ޢަސްކަރީ ޙަމަލާދީގެން ހުއްޓުވޭވަރަށްވުރެ އީރާނުގެ ނިއުކްލިޔަރ ޤާބިލްކަން މައްޗަށް ގޮސްފައިވުމާއި އީރާނުގެ ނިއުކްލިޔަރ ސެންސިޓިވް މަރުކަޒުތައް ފަރުބަދަތކުގެ އަޑިގައިވުން ފަދަކަންކަމާގުޅިގެން ކަމަށް މިރިޕޯޓް ބުނެއެވެ. އެހެންކަމުން އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް ހުއްޓުވޭތޯ އެމެރިކާއާއި އިސްރާއީލުން މަސައްކަތްކުރަނީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ އިތުރުން އީރާނުގެ އެތެރޭގައި ހަމަނުޖެހުން ހިންގުންފަދަ ސިއްރުކަންތައްތައް ކޮށްގެންކަމަށްވެސް މިރިޕޯޓް ބުނެއެވެ.

އީރާނަކީ ބިމުގެ ގޮތުންނާއި އާބާދީގެ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން ބޮޑު ޤައުމަކަށްވެފައި، ނިއުކްލިޔަރ ސައިޓްތައް އީރާނުގެ އެކިކަންކޮޅުގައިވާތީ އެތަންތަން ކުރުމުއްދަތެއްގައި ބޮންއަޅައިގެން ހަލާކުކޮށްލުމަކީ މުސްތަޙީލް ކަމެއްކަމަށް މިޤައުމުތަކުގެ ޢަސްކަރީ ތަޖްރިބާކާރުން ދެކޭކަންވެސް މިރިޕޯޓްގައި ހާމަކޮށްފައިވެއެވެ.

އީރާނުން ނިއުކްލިޔަރ ހަތިޔާރުގެ ތަޖްރިބާއެއް އަންނަ ޖަނަވަރީމަހު ކުރުމަކީ ވަރަށް ގާތްކަމެއް ކަމަށް އިސްރާއީލާއި އެމެރިކާގެ ޖާސޫސީ އިސްވެރިން ދެކެވަޑައިގަންނަވާ ކަމަށްވެސް މިދިރާސާ ބުނެއެވެ. އީރާނުން ނިއުކްލިޔަރ ހަތިޔާރެއް ތަޖްރިބާކުރުމަކީ ދުނިޔޭގެ ނިމުންކަން ހާމަކޮށް އިސްރާއީލުން ދުނިޔެއަށް ބިރުދައްކަމުން ގެންދިޔުމަކީ ސިޔާސީ ބޭނުމެއްގައި އިސްރާއީލުން ހިންގާ ޕްރޮޕަގެންޑާ އެއްކަމަށާއި ޙަޤީޤަތަކީ ނިއުކްލިޔަރ އީރާނާއެކުވެސް އިސްރާއީލަށްވެސް އަދި އެހެން ޤައުމުތަކަށްވެސް އުޅެވިދާނެކަން ކަމަށް އިސްރާއީލުގެ ޢަސްކަރީ ތަޖްރިބާކާރަކާ ޙަވާލާދީ މިރިޕޯޓް ބުނެފައިވެއެވެ. – އަލްޖަޒީރާ، ނޫސްއެޖެންސީތައް