18 Jan 2012, 17:20
ބްރެޒިލްގެ ސަންޓޯސްއާ އެކު ނޭމާ އާކުރި ކޮންޓްރެކްޓް ހަމަވުމުން ބާސެލޯނާ އިން އޭނާ ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް އެކުލަބުގެ ރައީސް ސެންޑްރޯ ރޮސެލް ބުނެފި އެވެ.
ނޭމާ އަށް ޝައުގުވެރިވާ ލިސްޓުގެ ކުރީ ސަފުގައި އުޅޭ ބާސާ ވަނީ އޭނާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ބާސާގެ އިތުރުން ވާދަވެރި ރެއާލް މެޑްރިޑާއި ޗެލްސީ އަކީ ވެސް ނޭމާ ހޯދަން މަސައްކަތް ކުރާ ލިސްޓުގެ ކުރީގައި އުޅޭ ދެކުލަބެކެވެ.
ޔޫރަޕުގެ ގިނަ ކުލަބުތަކަކުން ނޭމާ ހޯދުމަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، 2014 ވަނަ އަހަރުގެ ކުރިން ސަންޓޯސް ދޫކޮށް ނުދާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. މީގެ އިތުރުން، ސަންޓޯސް އަށް 2014 ވަނަ އަހަރާއި ޖެހެންދެން ކުޅުމަށް ނޭމާ ވަނީ ކޮންޓްރެކްޓް އާކޮށްފަ އެވެ.
"ސަންޓޯސްއާ އެކު ހަދާފައިވާ އެއްބަސްވުން 2014 ގައި ހަމަވުމުން ނޭމާ ހޯދުމަށް އަހަރެމެން މަސައްކަތް ކުރާނަން. އެއީ އޭނާ ދެވަނަ ފިޔަވަޅެއް އެޅުމަށް ނިންމާފަ އޮތް އަހަރު. ނޭމާ އަކީ އަބަދުވެސް އަހަރެމެން ވާހަކަ ދައްކަމުންދާ ކުޅުންތެރިއެއް." ރޮސެލް ބުންޏެވެ.
ސަންޓޯސްގެ ސީނިއާ ޓީމާއި 2009 ވަނަ އަހަރު ގުޅުނު ފަހުން ނޭމާ ވަނީ އެކުލަބަށް 78 ލަނޑު ކާމިޔާބު ކޮށްދީފައެވެ. މިއީ އުމުރުން ނަވާރަ އަހަރުގެ ކުޅުންތެރިއެއްގެ ކެރިޔަރުގައި ލިބޭނެ ބޮޑު ކާމިޔާބީ އަކަށް ވާނެ ކަމާއި މެދު ޝައްކެއް ނެތެވެ.