ސްޕެނިޝް ކަޕު ދިފާއު ކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށާއި އެމަސައްކަތް ކާމިޔާބު ވާން އޮތީ ބާސާއާ އެކު ކުޅެ ކުރިއަށް ގޮސްގެން ކަމަށް ރެއާލްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އެއްވެސް މެޗަކުން ބަލިނުވެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ދަތުރުކުރި ރެއާލް އޮތީ ސްޕެއިން ލީގުގެ އެއް ވަނައިގަ އެވެ. ވާދަވެރި ބާސާ އާއި ކުޅެ ސްޕެއިން ލީގުގައި 3-1 ލަނޑުން ރެއާލް ބަލިވި މެޗަށް ފަހު، މިރޭ 2:00 ގައި ކުޅޭ މެޗަކީ މިސީޒަނުގައި މިދެޓީމު ކުޅޭ ދެވަނަ މެޗެވެ. ސްޕެނިޝް ކަޕްގެ ފައިނަލުގައި ބާސާ އަތުން މޮޅުވެ މިމުބާރާތް މިދިޔަ ސީޒަނުގައި ކާމިޔާބު ކުރީ ރެއާލް އިންނެވެ.

"މިރޭގެ މެޗަކީ ވަރަށް މުހިންމު މެޗެއް. ބާސާއާ އެކު ކުޅެ މޮޅުވެގެން ނޫނީ ތަށި ދިފާއު ކުރެވޭކަށް ނެތް. ޓީމުގެ ހުރިހާ ކުޅުންތެރިންނެއް ވެސް މިރޭގެ މެޗަށް ނުކުންނާނީ މިރޭގެ މެޗު ކާމިޔާބު ކުރަން. މިސީޒަނުގައި ރެއާލްގެ އަމާޒަކީ ވީހާވެސް ގިނަ މުބާރާތްތަކެއް ކާމިޔާބު ކުރުން." މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ އަކީ ރެއާލް މެޑްރިޑަށް ގިނަ ކާމިޔާބީތަކެއް ހޯދައިނުދެވުނު، ނަމަވެސް ތާރީހަށް ބަލާނަމަ ކާމިޔާބީ ކޯޗެކެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވެނީ، އެއް ސީޒަނެއްގައި އިންޓަ މިލާނަށް ހޯދައިދިން ކާމިޔާބީ އެވެ. އިންޓަގެ އިތުރުން ޗެލްސީ އަށް ވެސް މޮރީނިއޯ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިދީފަ އެވެ.