18 Jan 2012, 17:01
ގައުމީ ޕާޓީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އާއި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައާ ބެހޭ މައުލޫމާތު ބޭރުގެ ޑިޕޮލެމެޓިކް މިޝަންތަކަށް ދިނުމަށް، ގައުމީ ޕާޓީގެ އިސް ވަފުދެއް މިހާރު ސްރީލަންކާގެ ވެރިރަށް ކޮލަންބޯއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިހާތަނަށް ބޭއްވި ބައްދަލުވުންތަކުން މިސަރުކާރުން އިދިކޮޅު ފަރާތްތަކާ ބެހޭ ގޮތުން ހަގީގާއި ހިލާފު ވާހަކަތަކެއް ދައްކާފައިވާ ކަމަށް ގައުމީ ޕާޓީން ބުނެފި އެވެ.
ގައުމީ ޕާޓީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކޮލޮމްބޯއަށް ދަތުރުކުރި އެ ޕާޓީގެ ވަފްދުގެ މެމްބަރުން ޑިޕްލޮމެޓިކް މިޝަންތަކާއި ބައްދަލުކޮށް ރާއްޖޭގެ ހާލަތާ ބެހޭ މައުލޫމާތު ހިއްސާކުރައްވަން ފައްޓަވާފައިވާ ކަމަށެވެ. އެގޮތުން އެ ވަފުދުގެ ބޭފުޅުން ވަނީ ކޮލަމްބޯގައި ހުންނަ އެމެރިކާ އާއި އިނގިރޭސިވިލާތުގެ އެމްބަސީއަށް ވަޑައިގެން ކަމާބެހޭ މައުލޫމާތު އެފަރާތްތަކާ ހިއްސާކުރައްވާފަ އެވެ.
" ވަފުދުގެ ބޭފުޅުން ބޭއްވި ބައްދަލުވުންތަކުން ސާފުވި ގޮތުގައި އިދިކޮޅު ފަރާތްތަކާއި ބެހޭގޮތުން ސަރުކާރުން ވަނީ ހަގީގަތެއް ނެތް ވަރަށް ގިނަ ވާހަކަތައް އެބޭފުޅުންގާތު ދައްކަވާފައި،" ގައުމީ ޕާޓީގެ ބަޔާނުގައިވެ އެވެ.
ގައުމީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އަމީން މިއަދު ވިދާޅުވީ އެ ޕާޓީގެ ވަފުދުން މިއަދު ބޭރުގެ މިޝަންތަކާއެކު ބޭއްވި ބައްދަލުވުންތަކުން އެނގިފައިވާ ގޮތުގައި މައިގަނޑު ގޮތެއްގައި މިސަރުކާރުން ވަނީ އިދިކޮޅު ފަރާތްތަކަކީ "ދީނީ ހަރުކަށި ބައެއް" ގެ ގޮތުގައި ފްރޭމް ކުރުމަށް މަސައްކަތް ކޮށްފައިވާކަން އެނގިފައިވާ ކަމަށެވެ. މީގެއިތުރުން ގައުމީޕާޓީން " ދިވެހިންގެ އިސްލާމީ އަގީދާ ފުޑުފުޑުކޮށްލުމުގައި ރައީޝް ނަޝީދުގެ ހީލަތްތެރި ރޭވުން" މިނަމުގައި ނެރެފައިވާ ފޮތާއި ބެހޭ ގޮތުން ވެސް ހަގީގަތާ ހިލާފު ވާހަކަތަކެއް ސަރުކާރުން ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
" އިދިކޮޅު ފަރާތްތަކަކީ ދީނީ ގޮތުން ހައްދު ފަހަނަ އަޅާފައިވާ ބައެއް ކަން ދޭހަވާ ފަދަ ގޮތަކަށް މައިގަނޑު ގޮތެއްގައި ސަރުކާރުން ވާހަކަދައްކަވާފައިވަނީ،" އަމީން ވިދާޅިވި އެވެ.
ކޮލޮމްބޯގައި ހަރަކާތްތެރިވާ ވަފުދާ ހަވާލާދީ ގައުމީ ޕާޓީން ބުނިގޮތުގައި ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން މަޝްވަރާކުރުމަށް އިނގިރޭސި އެމްބަސީއިން އިންތިޒާމުކުރި ބައްދަލުވުމެއް ވެސް މިއަދު ކުރިއަށް އެބަދެ އެވެ. އަދި މި ބައްދަލުވުމުގައި ކޮލޮމްބޯގައި ހުންނަ އެކި ގައުމުތަކުގެ މިޝަންތަކުން ބައިވެރިވެވަޑައިގެންނަވަ އެވެ. މިވަފުދުގެ ބޭފުޅުން މިއަދު ހަވީރު ޔޫރަޕިއަން ޔޫނިއަންގެ މިޝަން އާއި ބައްދަލުކުރައްވާ ގޮތައް ވަނީ ހަމަޖެހިފަ އެވެ.
މިކަމާ ބެހޭ ގޮތުން ފޮރިން މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.