14:30


ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގެންނަވާ އިދިކޮޅު ފާރްތަތަކުގެ ލީޑަރުން ގުޅިފައިވާ ބަޔާނެއްގައި ސޮއިކުރިއިރު އެބަޔާނުގައި ކުރިން ހިމަނާފައިވާ މިހާރު އިސްތިއުފާދެއްވާފައިވާ ކޮމިއުނިކޭޝަން މިނިސްޓަރ މަހްމޫދު ރާޒީ އާއި ފިނޭންސް މިނިސްޓަރ އަލީ ހާޝިމްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ހިމަނާފައިވާ އުނިކޮށްފައިވަނީ ޑީއާރުޕީގެ ލީޑަރ އަހުމަދު ތަސްމީން އަލީ އެކަމަށް އެއްބަސްވެވަޑައިނުގަތުމުން ކަމަށް ދޭހަވާ އޯޑިއޯ ކްލިޕެއް ލީކްވެއްޖެ އެވެ.


މަހްމޫދު ރާޒީ އާއި އަލީ ހާޝިމާ ދެ ބޭފުޅުންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގާ ވާހަކަ ދައްކަވާފައިވާ ކަމަށް ތުހުމަތުކުރެވޭ އޯޑިއޯ ރިކޯޑިންއެއް ލީކުވުމާ ގުޅިގެން، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އޭނާގެ އަމިއްލަ ބްލޮގުގައި ވިދާޅުވެފައި ވަނީ، އެއާޕޯޓު އިންޑިޔާގެ ޖީ.އެމް.އާރަށް ދޫކުރުމަކީ އޭނާ ތާއީދުކުރައްވާ ކަމެއް ނޫން ކަމަށާއި އެތައް ފަހަރަކު އެ ވާހަކަ ދައްކާފައިވާނެ ކަމަށެވެ. ކަން މިހެން އޮއްވައި، މާލިއްޔަތު ބިލު ފާސްވުމަށް ކައިރިވުމުން، އަވަސް އަވަހަށް އެދުވަހުން އެދުވަހަށް، އެއާޕޯޓުގެ އެއްބަސްވުން ސޮއިކުރުމަށް ސަރުކާރުން މަސައްކަތް ފެއްޓެވީ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެހެންކަމުން އެކަމާ ހިތްހަމަނުޖެހިގެން، މަޖިލީހުގައި ތިބި އެކަމާ ދެކޮޅު ޚިޔާލުގެ ބޭފުޅުންގެ މެދުގައި ހޫނު ވާހަކަތަކެއް ދެކެވެން ފެށި ކަމަށްވެސް ކުރީގެ ލީގަލް ރިފޯމް މިނިސްޓަރުކަން ކުރައްވާފައިވާ ނަޝީދު ވިދާޅުވި އެވެ.


ނަޝީދު އަދި ވިދާޅުވީ، މަޖިލީހުން މާލިއްޔަތުގެ ބިލު ފާސްކުރުމުގެ ކުރިން، އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުމަކާ ނުލައި އެއާޕޯޓު ޕްރައިވެޓައިޒްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށް، ސަރުކާރުން އެކަން ނިންމާލައްވަން އުޅުއްވުމުން އޭރު އެކަމުގައި އިސްކޮށް އުޅުއްވި ވަޒީރުން ކަމުގައިވާ ރާޒީ އާއި ހާޝިމްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ވާހަކަ ދެކެވުނު ކަމަށެވެ.


ސަރުކާރަށް ޕްރެޝަރު ދީ، އެއާޕޯޓުގެ އެއްބަސްވުން ލަސްކުރުމަށް ބާރުއެޅުމުގެ ގޮތުންނާއި ސަރުކާރުން ކުރަން ބޭނުންވާ ކަމެއް، ކުރަން ބޭނުން ގޮތަކަށްކޮށް ނިންމަމުންދާތީ، އެކަމާ ހިތްހަމަނުޖެހުން ދެއްކުމުގެ ގޮތުން ސަރުކާރަށް މުހިންމު ބިލެއް ކަމުގައިވާ ޓެކްސް ނެގުމުގެ ބިލު ފާސްކުރަން ކުރަމުންއައި މަސައްކަތް،  އިހުތިޖާޖު ކުރުމުގެ ގޮތުން، ހުއްޓާލުމަށްވެސް ވާހަކަދެކެވުނު ކަމަށް ނަޝީދުގެ ބްލޮގުގައި ލިޔުއްވާފައިވެ އެވެ.


މީގެ އިތުރުން، ގާސިމްގެ އަރިހުން ފައިސާ ހޯއްދެވުމާ ގުޅޭ ގޮތުން ދެބޭފުޅުންގެ ދެމެދު ކުރެވިފައިވާ ފޯން ކޯލެއްގެ ރިކޯޑިން އެއް ކަމަށް ތުހުމަތުކުރެވޭ އަޑުކޮޅެއްވެސް ސަރުކާރުން ވަނީ ރޭ ގެނެސްދީފަ އެވެ. މި އަޑުކޮޅުތައް ލީކުވުމާއެކު ބައެއް ޓީވީ ސްޓޭޝަންތަކުންނާއި އަމިއްލަ ރޭޑިއޯ ސްޓޭޝަންތަކުން ވެސް ވަނީ މި އަޑުކޮޅުތައް އިއްޔެ ގެނެސްދީފަ އެވެ.


ގާސިމާއެކު ފޯނުން ފައިސާގެ މުއާމަލާތަކާ ގުޅޭގޮތުން ނަޝީދު ވާހަކަ ދައްކަވާފައިވާ ކަމަށް ތުހުމަތުކުރެވޭ އޯޑިއޯ ކްލިޕެއް ބަޔަކު ލީކުކޮށްލުމާ ގުޅިގެން ނަޝީދުގެ އަމިއްލަ ބްލޮގްގައި ލިޔުއްވާފައި ވަނީ، އަތްމަތިދަތިވާ ފަހަރުތަކުގެ ތެރެއިން ބައެއް ފަހަރު، ބައެއް މީހުންގެ އަތުން، ފައިސާގެ އެހީއަށް އެދިފައި ހުންނާނެ ކަމަށެވެ. އެގޮތުން ގާސިމްގެ އަރިހުން ވެސް މީގެ އެތައް މަހެއް ކުރިން، ފައިސާގެ އެހީއަކަށް އެދިފައިވާނެ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ. ނަމަވެސް، މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތަކާ ގުޅިގެން އެއްވެސް ފަރާތަކުން، އޭނާ ފައިސާއެއް ހޯދާފައެއް ނޯންނާނެ ކަމުގައިވެސް ނަޝީދު ވިދާޅުވި އެވެ.


ނަޝީދާއި ގާސިމާ ދެމެދު ކުރެވިފައިވާ ފޯން ކޯލެއްގެ ރިކޯޑިން އެއް ކަމަށް ތުހުމަތުކުރެވޭ އެ އަޑުކޮޅުގައި ނަޝީދު ވާހަކަ ދައްކަވާފައި ވަނީ ގާސިމްގެ އަރިހުން ފައިސާ ހޯއްދެވުމާ ގުޅޭ ގޮތުންނެވެ.