ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިއުލާންކުރައްވާފައިވާ ދެވަނަ ފުރުސަތުގެ އަފޫއާންމުގެ ދަށުން 49 ކުށްވެރިއަކު މިނިވަންކޮށް އާއިލާތަކާ މިއަދު ހަވާލުކޮށްފި އެވެ.

ދެވަނަ ފުރުސަތުގެ ދަށުން ކުށްވެރިން މިނިވަންކޮށް އާއިލާތަކާއި ހަވާލުކުރުމަށް މިއަދު މާލޭ ސިޓީ ހޯލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑީޕީއާރްއެސް ހިންގުމާއި ހަވާލުވެ ހުންނެވި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ މުހައްމަދު ނައީމް (މޮނާޒާ ނައީމް) ވިދާޅުވީ މިހާތަނަށް 438 ކުށްވެރިއަކު މިނިވަންކޮށް އާއިލާތަކާއި ހަވާލުކުރެވިފައިވާ ކަމަށެވެ.

ނައީމް ވިދާޅުވީ ދެވަނަ ފުރުސަތުން މިނިވަންކުރި 30 މީހަކު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށާއި ކުށްވެރިން މިނިވަންކޮށް އާއިލާތަކާއި ހަވާލުކުރާއިރު ވެފައިވާ އެއްބަސްވުމާއި ޚިލާފްވާނަމަ އަލުން އަނބުރާ ޖަލަށް ގެންދާނެ ކަމަށެވެ.

މިނިވަންކޮށް އާއިލާތަކާއި ހަވާލުކޮށްފައިވާ ކުށްވެރިންގެ ކިބައިން ނުރަނގަޅު ކަންތައްތަކެއް ފެންނަ ނަމަ ލަސް ނުކުރައްވާ އެކަން ދެވަނަ ފުރުސަތުގެ އޮފީހަށް ރިޕޯޓު ކުރުމަށް ވެސް ނައީމް ވަނީ ބެލެނިވެރީންނަށް އިލްތިމާސްކުރައްވާފަ އެވެ.

ދޫކޮށްފައިވާ ކުށްވެރިންގެ ތެރެއިން ގިނަ ބަޔަކު ދެވަނަ ފުރުސަތުގެ އޮފީހަށް ގޮސް ހަމަޖެހިފައިވާ އުސޫލުން ފޮތުގައި ސޮއިކުރާ އިރު އެކަން ނުކުރާ ބަޔަކުވެސް އެބައުޅޭކަމަށާއި އެމީހުން ޖަލަށްލުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ވެސް ނައީމް ވިދާޅުވި އެވެ.

"ދޫކޮށްލެވުނު ކުދިންގެ ތެރެއިން ގިނަ ބަޔަކު އޮފީހަށް ހާޒިރުވެ އަޅުގަނޑުމެންނަށް އިހުތިރާމްކޮށް ހަމަޖެހިފައިވާ ގަޑީގައި ސޮއިކުރޭ. އެހެންނަމަވެސް ނާންނަ ބަޔަކު އެބައުޅޭ މި ނާންނަ މީހުން ޖަލަށް ލުމުގެ މަސައްކަތް އަޅުގަނޑުމެން ވާނީ ފައްޓާފަ،" ނައީމް ވިދާޅުވި އެވެ.

ދެވަނަ ފުރުސަތުގެ ޕޮރުގްރާމް ފައްޓަވައި ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ ދެވަނަ ފުރުސަތުގެ ދަށުން މިނިވަން ކުރުމަށް ހަމަޖެހިފައިވަނީ 400 ކުށްވެރިން ކަމަށެވެ. ނަމަވެސް ނައީމް ކުރިން ވިދާޅުވެފައި ވަނީ ރައީސް ނަޝީދު އެދުވަހު އެގޮތަށް ވިދާޅުވި ވިދާޅުވުމަކީ އެއީ އަންދާޒާއެއް ކަމަށެވެ.