18 Jan 2012, 15:15
ޔޫރަޕް އަދި ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާގެ ފްރާންސް ޑިފެންޑަރު އެރިކް އާބިދަލް ކުލަބާއި އެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފި އެވެ.
އާބިދަލް ބާސާ އާއި އެކު އާ ކޮންޓްރެކްޓެއްގައި ސޮއިކުރީ ކުރިން ހަދާފައިވާ އެއްބަސްވުން މިސީޒަން ނިމުމުން ހަމަވާން އޮއްވައެވެ. ބާސާ އާއެކު އާބިދަލް އާކޮންޓްރެކްޓެއްގައި ސޮއިނުކުރާނެ ކަމުގެ ރިޕޯޓެއްވެސް ދާދި ފަހުން އާންމުވެފައި ވެއެވެ. ނަމަވެސް އަންނަ ސީޒަނާއި ހަމައަށް ބާސާގައި މަޑުކުރުމަށް އާބިދަލް ނިންމާފައިވާ ކަމަށް އެކުލަބުން ވަނީ ޔަގީންކޮށްދީފަ އެވެ.
"އާބިދަލް ވަނީ އިތުރު ސީޒަނެއްގައި ބާސާގައި މަޑުކުރުމަށް ނިންމާފައި. އާބިދަލް އާއި އެކު ފަހުން ހެދި އެއްބަސްވުމުގައިވާ ގޮތުން އާބިދަލް ބޭނުންނަމަ 2015 ވަނަ އަހަރާއި ޖެހެންދެން މަޑުކުރެވޭނެ ގޮތަށް ހަމަޖެހިފައިވާނެ." ބާސާގެ ރަސްމީ ވެބްސައިޓުގައިވާ ބަޔާނެއްގައި ވެއެވެ.
ފްރާންސް ގައުމީ ޓީމަށް 60 މެޗު ކުޅުނު އާބިދަލް ވަނީ ބާސާ އާއެކު 177 މެޗު ކުޅެފަ އެވެ. ބާސާގައި ހަތަރު އަހަރުވެފައިވާ އާބިދަލް ވަނީ އެކުލަބާއި އެކު ދެފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ތިން ފަހަރު ސްޕެއިން ލީގު ކާމިޔާބު ކޮށްފަ އެވެ.