17 Oct 2020, 14:47
ލަންކާއަށް ދާއިރު ތިން ދުވަސް ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓެއް ހުށަހަޅަން ޖެހޭނެ ގޮތަށް އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ.
ގިނަވަގެން 72 ގަޑިއިރު ވެފައިވާ ޕީސީއާރު ޓެސްޓެއް، ލަންކާއަށް އެތެރެވުމުގެ ކުރިން ހުށަހަޅަން ޖެހޭ ނިންމުމަށް އަމަލުކުރަން ފެށީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.
ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓް އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު "ސަން"އަށް ވިދާޅުވީ، ލަންކާއަށް އެތެރެވުމުގެ ކުރިން އަދި އެގައުމުން ބޭރަށް ފުރާ މީހުން ވެސް ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެ ކަމަށެވެ.
"މިއީ ލަންކާގެ ނިންމުމެއް. ލަންކާއަށް ދާ މީހުން އަދި ފުރާ މީހުން ވެސް [ގިނަވެގެން] 72 ގަޑިއިރު ކުރިން ނަގާފައިވާ ޕީސީއާރު ޓެސްޓެއް ހުށަހަޅަން ޖެހޭނެ." ފިރާގު ވިދާޅުވި އެވެ.
ކޮވިޑް19އާ ގުޅިގެން މާޗް ފަހުކޮޅުގައި ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ޖުލައި 15 ވަނަ ދުވަހު އަލުން ހުޅުވާލުމާއެކު ސްރީލަންކަން އެއާލައިންސްއިން ހަފުތާއަކު ތިން ފްލައިޓް ކޮލޮމްބޯއާއި މާލެއާ ދެމެދު ދަނީ އޮޕަރޭޓް ކުރަމުންނެވެ.
އެ ދަތުރުތައް ޝެޑިއުލްކޮށްފައިވަނީ އާދީއްތަ، ބުދަ އަދި ބުރާސްފަތި ދުވަސްތަކުގަ އެވެ.